މައުމޫނަކީ ފަހުރުވެރި ލަގަސީއެއް އޮތް ރައީސެއް، ގައްސާންގެ ސަބަބުން އެ ތާރީހަށް ހިޔަނި އެޅޭ: ޔާމީން

Fri, 18 Oct 2024 11:17 AM

View on this article on One Online

މައުމޫނަކީ ފަހުރުވެރި ލަގަސީއެއް އޮތް ރައީސެއް، ގައްސާންގެ ސަބަބުން އެ ތާރީހަށް ހިޔަނި އެޅޭ: ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަކީ ފަހުރުވެރި ލަގަސީއެއް އޮތް ރައީސެއް ކަމަށާއި އެ މަނިކުފާނުގެ ދަރިކަލުން، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ ސަބަބުން ރައީސް މައުމޫންގެ ތާރީހަށް ހިޔަނި އެޅޭ ކަމަށް ގައްސާންގެ ބޮޑުބޭބެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫނަކީ ވަރަށް ވަރުގަދައަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވި، ދިވެހީން ފަހުރުވެރިވާ ރައީސެއް ކަމަށާއި މަގާމުން ވަކިވެވަޑައިގެންނެވިޔަސް ގައްސާނަށް ދިރިއުޅެވޭނެ ގޮތް އޮންނާނެ ކަމަށެވެ.

"އަޅުގަނޑު ގައްސާން މައުމޫނަށް ދަންނަވާލަން އޮތީ، ގައްސާން މައުމޫންގެ ފަހަތުގައި ދިވެހި ރައްޔިތުން ލޯބިވާ، ފަހުރުވެރިވާ ލެގަސީއެއް އެބައޮތޭ. އެއީ ބައްޕާފުޅަކީ ވަރަށް ހިދުމަތްތެރި ބޭފުޅެކޭ. ބައްޕާފުޅަކީ ދިވެހިރާއްޖޭގެ މިނިވަންކަން ވަރަށް ވަރުގަދައަށް ދިފާއުކުރެއްވި ބޭފުޅެކޭ. މިހުރީ ފިތުރަތުގެ ކަންތައްތައް ދިމާވާ ގޮތް،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގައްސާން، އިސްތިއުފާދެއްވާފައި ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށާއި އެ މަގާމުގައި ހުންނަވައިގެން ގައްސާން ގޯސްތައް ހެއްދެވުމަށް ގަބޫލު ނޫން ކަމަށެވެ. އަދި ރައީސް މައުމޫން ވެސް އެކަމަށް ގަބޫލުވެވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެއީ ރައީސް މައުމޫންގެ ތާރީހަށް މިހާރު ހިޔަނި އެޅިގެންދަނީ، ގައްސާން ހުންނަވައިގެން މިހުރިހާ ކަމެއް އެކޮޅުކޮޅުން ޖެއްސެވީމަ. މިހާރު ސަރުކާރުގެ އެއްވެސް ކަމެއް އުނބު ޓާން ނޫން އެހެން ޓާންއެއް ނާންނާނެ. ދެން ގައްސާން ލައިގެންނެއް ނޫނޭ އެ ހަޑި ހާވަންވީ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރަށް 11 މަސް ވެގެންދިޔަ އިރުވެސް ޑޯނިއާ ދުއްވޭނެ ދިވެއްސަކު ތަމްރީނުކުރެވިފައި ނުވާ ކަމަށާއި ނަމަވެސް މީގެ އެތައް އަހަރުތަކެއް ކުރިން ރައީސް މައުމޫންގެ ސަރުކާރުގައި ވެސް ޑޯނިއާ ދުއްވި ދިވެހި ސިފައިން ތިބި ކަމަށެވެ. އަދި އިންޑިއާގެ ބާރުގެ ދަށުގައި ޑޯނިއާ މަތިންދާބޯޓު އޮތުމުން، މި ސަރުކާރުން ދިވެހިން ތަމްރީނުކުރަން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.





More from One Online