ގައުމީ ކޮންމެ ކުޅިވަރަކަށް ހާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރުތެރޭ ގާއިމުކުރުމަކީ އަމާޒެއް: ރާފިއު

Fri, 18 Oct 2024 09:22 AM

View on this article on One Online

ގައުމީ ކޮންމެ ކުޅިވަރަކަށް ހާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރުތެރޭ ގާއިމުކުރުމަކީ އަމާޒެއް: ރާފިއު

ގައުމީ ކޮންމެ ކުޅިވަރަކަށް ހާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރުގެ ތެރޭގައި ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ކުޅިވަރު އެތުލީޓުންގެ އަގުވަޒަންކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ކުޅިވަރުގެ ރޮނގުން މީހުން ބިނާކުރުމާއި އެހީތެރިވުމަށް ސައުދީ އަރަބިއްޔާއާއެކު އެމްއޯޔޫއެއްގައި ދާދިފަހުން ސޮއިކުރެވިފައިވާ ކަމަށާއި އޭގެ އިތުރުން ޗައިނާ، އިންޑިއާ، މެލޭޝިއާ، ޔޫއޭއީ ފަދަ ގައުމުތަކާއެކު ވެސް އެ ގުޅުން ބަދަހިކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ކުޅިވަރު ކުޅޭ ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ އެންމެ ބޮޑު އެއް ޝަކުވާއެއް ކަމަށް، ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ގައުމީ ކޮންމެ ކުޅިވަރަކަށް ހާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރުގެ ތެރޭގައި ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް. އަދި ފާއިތުވި އަހަރުތަކުގައި އެސޯސިއޭޝަންތައް އަވަސް އަވަހަށް ނޯމަލައިޒިން ކުރުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށްވުމާއެކު، ކުޅިވަރުގެ ގަވަނަންސް ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.


ރާފިއު ވިދާޅުވީ ގައުމީ އެތުލީޓުންގެ ގައުމީ ހިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ގާއިމުކުރުމަށްޓަކައި ހާއްސަ ޕެންޝަން ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ގައުމީ ޓީމުގެ އަދި ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ އެއްވަރުކޮށް، އިތުރުކުރުމަށްޓަކައި މިހާރު މުސާރަ ދޭ އުސޫލު ރިވައިސްކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ކުރަމުން އަންނަ ކަމަށެވެ. އަދި މުސާރަ ރިވައިސްކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދީ ކުރިއަށްދިއުމަށް ހިތްވަރުދިނުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް. މިގޮތުން ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ފަރުވާ ހޯދުމަށް ހުރި ދަތިތައް ފިލުވައިދިނުމުގެ ގޮތުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފުކުރަން މި ސަރުކާރުން ވަނީ ނިންމާފައި. މި އިންޝުއަރެންސް ސްކީމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މިހާރު އަޅުގަނޑުމެން ވާނީ ފޮނުވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ރާފިއު އިތުރަށް ވިދާޅުވީ ކުޅުންތެރިންނަށް މުބާރާތްތަކުގައި ލިބޭ އަނިޔާތަކަށް އަވަސް ފަރުވާއެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައް ވެސް މި ސަރުކާރުން މިއަހަރުގެ ފެބްރުއަރީ މަހުގައި ގާއިމުކޮށްފައިވާ ކަމަށާއި ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ސިއްހީ ހިދުމަތްދޭ މެޑިކަލް ފެސިލިޓީތައް ތައާރަފުކުރެވި، އެތަނުގެ ހިދުމަތްތައް މިހާރު ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނަށް ލިބެމުން އަންނަ ކަމަށެވެ.





More from One Online