އިންޓަ ޕާލަމެންޓަރީ ޔޫނިއަންގެ މުހިންމު ދެ މަގާމަކަށް އަސްމާ އަދި ސައުދާ

Fri, 18 Oct 2024 12:36 AM

View on this article on One Online

އިންޓަ ޕާލަމެންޓަރީ ޔޫނިއަންގެ މުހިންމު ދެ މަގާމަކަށް އަސްމާ އަދި ސައުދާ

އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ މުހިންމު ދެ މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އިންތިހާބުވެވަޑައިގެންފިއެވެ.

މަޖިލިސް އިދާރާއިން މިރޭ ބުނީ މިހާރު ޖެނީވާގައި ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި އަސްމާ އިންތިހާބުކޮށްފައި ވަނީ އައިޕީޔޫގެ ހައިލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލު ކުރުމަށް ކަމަށެވެ. އަދި ސައުދާ އިންތިހާބު ކޮށްފައިވަނީ ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލު ކުރުމަށެވެ. މި ދެ މަގާމަކީ ވެސް އޭޝިޔާ ޕެސިފިކް ސަރަހައްދުގެ އަންހެން މެންބަރުންނަށް ހުޅުވާލެވުނު ދެ މަގާމު ކަމަށްވެސް މަޖިލިސް އިދާރާއިން ބުންޏެވެ.

ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާނޫނު ހަދާ މަޖިލިސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަކާލާތުކުރުމަށް އައިޕީޔޫގައި އުފައްދާފައިވާ ހާއްސަ ޕްލެޓްފޯމެކެވެ. ގާނޫނު ހަދާ މަޖިލިސްތަކުގެ ޖުމްލަ މެންބަރުންގެ ތެރެއިން ޒުވާނުންގެ ނިސްބަތަކީ ތިން އިންސައްތަ އަށްވުރެ ކުޑަ އަދަދަކަށްވާތީ، ގާނޫނު ހަދާ މަޖިލިސް ތެރޭގައާއި އަދި ދުނިޔޭގެ މައިދާނުގައި ވެސް ސިޔާސީ ނިންމުންތައް ނިންމުމުގައި އެމީހުންގެ އަޑު އިއްވުމުގައި މި ފޯރަމްއިން އިސް ދައުރެއް އަދާ ކުރާ ކަމަށް މަޖިލިސް އިދާރާއިން ބުންޏެވެ.

ހައިލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް އަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް ގާނޫނު ހަދާ މަޖިލިސްތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދީ، އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ސިޔާސަތުތަކާއި ފިޔަވަޅުތަކާ ބެހޭގޮތުން ގާނޫނު ހަދާ މަޖިލިސްތަކަށް ލަފާދިނުމަށް އައިޕީޔޫގައި އުފައްދާފައިވާ ގްރޫޕެކެވެ.

މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އައިޕީޔޫގެ އެކި މަގާމުތައް އަދާކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލިސް، އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރުގައެވެ.





More from One Online