މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނަކީ ދީމާއާއި ޝައްފާން

Fri, 18 Oct 2024 12:34 AM

View on this article on One Online

މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނަކީ ދީމާއާއި ޝައްފާން

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓުންގެ މަގާމު، ޓީޓީ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް ހޯދައިފިއެވެ.

ޝައްފާނަށް އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު އަދި ދީމާއަށް އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމުގެ ހާއްސަ އެވޯޑު މިރޭ ދީފައިވަނީ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ސްޕޯޓްސް އެވޯޑު ހަފުލާގައެވެ. ސްޕޯޓްސް އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އޭގެ އިތުރުން ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފާއި ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު އަދި ކުޅިވަރުގެ އިސްވެރިން ބައިވެރިވަޑައިގެންފައިވެއެވެ.

މިއަހަރުގެ ސްޕޯޓްސް އެވޯޑު ފުރަތަމަ ބާއްވަން މަސައްކަތް ކުރި ދެ ފަހަރުވެސް ވަނީ ފަސްކޮށްފައެވެ. އެއީ ހަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ދަށުންނެވެ. އެންމެފަހުން ފަހަރު ގިނަ ތައްޔާރީތަކެއްވެސް ވުމަށްފަހު ޖޫން މަހު އެވޯޑު ފަސްކޮށްފައިވާ އިރު، މިރޭ ބޭއްވި އިވެންޓްގެ ތައްޔާރީތަކަށްވެސް ބޮޑު ހަރަދެއް ކޮށްފައިވާކަން ފާހަގަކޮށްލެވުނެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓް ދީމާ ވަނީ އައިއޯއައިޖީން ރާއްޖެއަށް ރަން ކާމިޔާބީތަކެއް ގެނެސްދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ފަހުރުވެރި ކާމިޔާބީތައް ހޯދައިދީފައެވެ. އޭގެ އިތުރުން ދީމާ މިއަހަރުގެ އޮލިމްޕިކްސްއަށް ކޮލިފައިވެ، އޭނާ ވެފައިވަނީ ރާއްޖޭގެ ތާރީހުގައިވެސް އޮލިމްޕިކްސްއަކަށް ކޮލިފައިވި ފުރަތަމަ އެތުލީޓަށެވެ.

ޝައްފާނަކީވެސް ރާއްޖެއަށް އައިއޯއައިޖީން ރަން މެޑަލް ގެނެސްދިން އެތުލީޓެކެވެ. ޓީމް އިވެންޓްގެ އިތުރުން ފިރިހެން ޑަބަލްސްއިންވެސް ޝައްފާން ރަން މެޑަލް ހޯދާފައިވާ އިރު، ގައުމީ ޓީޓީ ޗެމްޕިއަންކަން އެ އަހަރު ހޯދީވެސް ޝައްފާނެވެ.

މިރޭގެ އިތުރު އެވޯޑުތަކަށް ބަލައިލާ އިރު، އަންހެން އެންމެ މޮޅު އެތުލީޓުގެ ދެވަނަ ހޯދީ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަބްދުލްރައްޒާގެވެ. އަދި އެ ކެޓަގަރީގެ ތިންވަނައަކީ ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ އަބްދުލްރައްޒާގެވެ.

ފިރިހެން އެންމެ މޮޅު އެތުލީޓްގެ ތިންވަނަ މަގާމު ހޯދީ ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހުމަދެވެ. އެ ކެޓަގަރީން ދެވަނަ މަގާމު ހޯދީ، ބޮޑީބިލްޑިންއިން ގިނަ ކާމިޔާބީތަކެއް މިދިޔަ އަހަރުވެސް ހޯދި އަޒްނީން ރަޝާދެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ކްލަބު އީގަލްސްގެ ފޯވަޑް އަހުމަދު ރިޒުވާން (ރިޒޭ) ހޮވުނު އިރު، އެންމެ މޮޅު ޒުވާން އެތުލީޓުންނަކީ ޓީޓީ ކުޅުންތެރިޔާ އަހްޔަރު އަހުމަދު ހާލިދު އަދި ދީމާއެވެ. އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔަކަށް ކްލަބު ވެމްކޯގެ އައިޝަތު މާޖިދާ ހޮވުނު އިރު، އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔަކީ ސިފައިން ކްލަބުގެ އާދަމް ނަސީމެވެ.

ފިރިހެން އެންމެ މޮޅު ފެތުންތެރިޔަކީ މުހައްމަދު ރިހާން ޝިހާމެވެ. އަންހެން އެންމެ މޮޅު ފެތުންތެރިޔަކަށް މިރާލް އައިން ލަތީފް ހޮވުނު އިރު، އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔަކަށް ހޮވުނީ ނަބާ ނިޝާނެވެ. އެންމެ މޮޅު ފިރިހެން ޓެނިސް ކުޅުންތެރިޔަކީ އަބްދުﷲ ފާއިހެވެ.

ސާފިން އެންމެ މޮޅު އަންހެން އެތުލީޓަކަށް މަރިޔަމް ރާހިލް ނަސީމް (އާޔާ) ހޮވުނު އިރު، އެންމެ މޮޅު ފިރިހެން ސާފަރަކަށް ހޮވުނީ ހުސައިން އަރީފް (އިބޫ) އެވެ. އޭނާއަކީ މިހާރު ގައުމީ ސާފިން ޓީމުގެ ކޯޗެވެ. ބިލިއާޑްގެ އެންމެ މޮޅު އެތުލީޓުންނަށް ހަސަން ޝާޒް މުހައްމަދާއި ދީނާ އަހުމަދު ހޮވުނު އިރު، ނެޓްބޯޅައިގެ އެންމެ މޮޅު އެތުލީޓަކީ އައިޝަތު ސަލީމާއެވެ.

ހޭންޑް ބޯޅައިގެ އެވޯޑުތައް ލިބުނީ މުހައްމަދު ޔަޝްމު އަހުމަދާއި ފާތިމަތު އަރޫޝާއަށެވެ. އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔަކަށް ހޮވުނީ އާދަމް ނާސިފް އުމަރެވެ. އެންމެ މޮޅު ޗެސް ކުުޅުންތެރިންނަށް މުޖާހިދު ބިން ޔަޒީދާއި ނިހާޔާ އަހުމަދު ހޮވުނު އިރު، ކެރަމްގެ އެވޯޑުތައް ލިބުނީ އައިމިނަތު ވިދާދާއި އިސްމާއީލް އަޒްމީނަށެވެ.

ބޮޑީބޯޑިންގެ އެންމެ މޮޅު އެތުލީޓަކަށް އަލީ ހުޝްރުވާން (ކުޑަ އައްޔަ) ހޮވުނު އިރު، ބާސްކެޓް އެވޯޑުތައް ގެންދިޔައީ އިސްމާއީލް ވިލްދާން ޔޫސުފާއި ފާތިމަތު ރިޝްމާއެވެ. އެތުލެޓިކްސްގެ އެންމެ މޮޅު އެތުލީޓުންނަކީ ހަސަން ސާއިދާއި އަހްނާ ނިޒާރެވެ. އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗަކީ އެތުލެޓިކްސް ކޯޗު އަހުމަދު ފާއިލްއެވެ. އެންމެ މޮޅު އަންހެން ކޯޗަކީ ހޭންޑްބޯލް ކޯޗު ނަޝްފާ އާމިރާއެވެ.

އޭގެ އިތުރުން ރާއްޖެއަށް މެޑަލް ގެނެސްދިން އެތުލީޓުންގެ އަގު ވަޒަންކޮށް، ހިދުމަތްތެރިންނަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި، ޝަރަފުގެ އެވޯޑު ވެސް މިރޭގެ އިވެންޓުގައި އަރުވާފައިވެއެވެ.





More from One Online