މާލޭ ސަރަހައްދުގައި ސޯލާ ސިޓީއެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

Sat, 27 Jul 2024 01:12 AM

View on this article on One Online

މާލޭ ސަރަހައްދުގައި ސޯލާ ސިޓީއެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

މާލޭ ސަރަހައްދުގައި ސޯލާ ސިޓީއެއް ތަރައްގީ ކުރުމަށްޓަކައި މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ރިޒާވަށް އަސަރު ކުރަނީ މައިގަނޑު ދެކަމެއްގެ ސަބަބުން ކަމަށެވެ. އެއީ ދަަރަންޏާއި ތެލަށް ކުރާ ހަރަދުގެ ސަބަބުން ކަމަށާއި އަހަރަކު 500 ނުވަތަ 600 މިލިއަން ޑޮލަރު ތެލަށް ހަރަދުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ ތެލަށް ކުރާ ހަރަދު ކުޑަކުރުމުގެ މަސައްކަތުގެ ތެރެއިން ސަރުކާރުން ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު އިސްލާހުކޮށް، އިންވެސްޓުމެންޓުތަކަށް ހުޅުވާލައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުރަތަމަ ވެސް ލިބިފައިވާ ޕްރޮޕޯޒަލް އަކީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ދަށުން ސޯލާ ސިޓީއެއް ގާއިމުކުރުން. މާލެ ސަރަހައްދު ކައިރީގެ، ބަނޑޮސް ކައިރީގައި ފަޅެއް އެ ވަނީ އެކަމަށް ހަމަޖައްސައި އެ ފަރާތަކާ އެކީގަ އެއްބަސްވުމަކާ ހަމައަށް ދެވިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސޯލާ ސިޓީގެ މަޝްރޫއުގެ ދަށުން 100 މެގަވޮޓުގެ ހަކަތަ އުފެއްދިގެންދާނެ ކަމަށެވެ. މާލެ ސަރަހައްދަށް ބޭނުންވަނީ އެންމެ ގިނަވެގެން ވެސް 150 އާއި 160 މެގަވޮޓުގެ ކަރަންޓު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސޯލާ ސިޓީގެ މަޝްރޫއު ތިނެއް ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން ސޯލާ ސިޓީން އުފައްދާ 100 މެގަވޮޓުގެ ހަކަތަ ކަނޑުގެ އަޑިން ސްޓެލްކޯ ގްރިޑާ ގުޅުވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން މިހާރު ތެލަށް ކުރާ ހަރަދުގެ ދެބައިކުޅަ އެއްބައި މި ފަސް އަހަރުގެ ތެރޭގައި ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.





More from One Online