ދަރަނި ދެއްކުން ފަސް އަހަރަށް ފަސްކޮށްދޭން ޗައިނާ އާއި ޔޫއޭއީން ފެހި ސިގްނަލް ލިބިއްޖެ: ރައީސް

Sat, 27 Jul 2024 12:24 AM

View on this article on One Online

ދަރަނި ދެއްކުން ފަސް އަހަރަށް ފަސްކޮށްދޭން ޗައިނާ އާއި ޔޫއޭއީން ފެހި ސިގްނަލް ލިބިއްޖެ: ރައީސް

ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާ އާއި ޔޫއޭއީ އިން ނަގާފައިވާ ލޯނުތައް ފަސް އަހަރުގެ މުއްދަތަށް ފަސްކޮށްދޭން އެ ދެ ގައުމުން ވަރަށް އަވަހަށް ނިންމާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމިީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރުގެ ދަރަނި ދެއްކުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އިންޑިއާ އާއި ޗައިނާއިން ކަމަށެވެ. އަދި އެ ދެ ގައުމުގެ ދަރަނިތައް ދެއްކުމަށް ރާއްޖެއަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ވަރަށް ބޮޑަށް އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 50 މިލިއަން ޑޮލަރުގެ ދަރަނި ފަސްކޮށްދީފައިވާ ކަމަށެވެ. ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސައިދީ، ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދައި ދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ޗައިނާ ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ކުރިއަތް އޮތް ފަސް އަހަރު ދުވަހަށް، އޭގެ ކުރިން ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތައް ނުދައްކައި، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކަށް އެ ލޯނުތަކުގެ އިންޓްރެސްޓް ނުދައްކާ ގޮތަށް ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވައިފައި. އެކަމުގެ ފަންނީ މަސައްކަތްތައް މިހާރު ދަނީ،" ރައީސް ވިދާޅުވިއެވެ.

ޔުނައިޑެޓް އަރަބް އެމިރެޓްސް އިން ވެސް އެ އެހީތެރިކަން ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ޔޫއޭއީގެ ސަރުކާރުން ވެސް ވަރަށް ހެޔޮފުޅު. ޔޫއޭއީއަށް ދައްކަން އޮތް ލޯނު ވެސް ކުރިއަށް ފަސް އަހަރު ދުވަހަށް ފަސްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ހާރިޖީ ސިޔާސަތު ބައްޓަންކުރަން ޖެހޭނެ ގޮތަކީ މިއީ ކަމަށެވެ.





More from One Online