މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 62

Fri, 26 Jul 2024 04:01 PM

View on this article on One Online

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 62

(19 ޖުލައިގެ އަދަދާ ގުޅޭ)

މުސްލިމުންގެ މި ޙަރަކާތުގައިވަނީ ޣަދަރުވެރިކަމާއި ޚިޔާނަތްތެރިކަމުގެ މުޖައްސިމުންކަމުގައިވާ ހުރިހައި ހަރުފަތަކެއް ނައްތައިލެވިފައެވެ. އެބައިމީހުންނަކީ ވަޢުދު އުވައިލައި ޢަހްދަށް ޚިޔާނާތްތެރިވި މީހުންނެވެ. މުސްލިމުން މި ވުޖޫދުން ފޮހެނައްތައިލުމަށްޓަކައި ނުހަނު ނާޒުކު ދަނޑިވަޅެއްގައި އެބައިމީހުންވަނީ ދުޝްމިނުންނަށް އެހީތެރިވެ އަތްބާރު އަޅައިދީފައެވެ. ހަނގުރާމައިގެ ބޮޑެތި މުޖްރިމުންގެ ދައުރު އަދާކޮށްފައެވެ. އެބައިމީހުންގެ މައްޗަށް ވަނީ ޙުކުމް ކުރެވިފައެވެ. ދަންޖައްސައި މެރުން ނުވަތަ ޤަތުލުކުރުން ޙައްޤު ބަޔަކު ކަމުގައިވެފައެވެ.

ޤުރައިޡަތުވަންހައިގެ މީހުންގެ މި ހަލާކާއެކު ނަޟީރުވަންހައިގެ ޝައިޠާނު އަދި އަޙްޒާބު ހަނގުރާމައިގެ އެންމެބޮޑު މުޖްރިމު حُــيَـيُّ بــن أخطب އަށްވެސް ވަނީ އޭނާގެ ނުބައި ޢަމަލުތަކުގެ ސަޒާ ލިބިފައެވެ. ޤުރައިޝުންނާއި ޣަޠުފާނުވަންހައިގެ މީހުން ފިލައިގެންދިޔުމުން އެކަލޭގެ ގޮސްވަނީ ޤުރައިޡަތުވަންހައިގެ މީހުންނާއެކު އެބައިމީހުންގެ ކިއްލާއަށެވެ. އޭނާ ވަނީ އެބައިމީހުންނާއެކު ޙިޞާރުވެސް ވެފައެވެ. އަޙްޒާބު ހަނގުރާމައިގެ ތެރޭގައި كــعب بـــن أســــد ޚިޔާނާތްތެރިކަމަށް އެއްބަސްކުރުވަންއައިސް ދެއްކި ވާހަކަތަކުގައި ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުންނެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމައްޗަށް އެކަލޭގެ ގެނެވުނުއިރު އޭނާ ލައިގެންހުރި ހެދުން ހުރީ ކުރިމަތިންވެސް ފުރަގަހުންވެސް އިންޗިއަކުން އިންޗިއަކުން ވީދައިފައެވެ. ޣަނީމާގެ ތެރޭގައި ހިމެނިގެން އެހެންމީހަކަށް އެހެދުން ބޭނުންކުރެވުނަ ނުދިނުމަށްޓަކައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ މުޚާޠަބުކޮށް އެކަލޭގެ ދެންނެވިއެވެ.

"އަޑުއައްސަވާށެވެ! ކަލޭގެފާނާ ޢަދާވަތްތެރިވެވުނީތީ އަޅުގަނޑުގެ އަމިއްލަ ނަފުސަކަށް މަލާމަތެއް ނުކުރަމެވެ. އެކަމަކު اللّــــه އާ ހަނގުރާމަކުރުމަކީ ބަލިވެ ނިކަމެތިވާނެކަމަކަށް ވަނީއެވެ." އޭނާ އެހެންމީހުނާ ދިމާޔަށް އެނބުރި ބުންޏެވެ. "އޭ މީސްތަކުންނޭވެ! اللّــــه ގެ ނިޔާފުޅުގައި އެއްވެސް ގެއްލުމެއް ނުވަތަ އުނިކަމެއްނެތެވެ. މިއީ ބަނީ އިސްރާއީލުގެ މައްޗަށް اللّــــه ލިޔުއްވައިފައިވާ ބޮޑުވެގެންވާ ޤަތުލު ކުރުވުމެކެވެ." (އައްރަޙީޤުލް މަޚްތޫމި)

حُــيَـيُّ بــن أخطب އާ ބެހޭގޮތުން ފާހަގަކޮށްލާން އެކަށީގެންވާ އަދި އެހެން ނުކުތާއެކެވެ. އެކަލޭގެ މަދީނާއިން އަރުވާލެވިގެން ޚައިބަރަށް ދިޔައިރު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ވަނީ މުޢާހަދާއެއް ކޮށްފައެވެ. އެ މުޢާހަދާގައި ޢަހްދުވެފައިވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ދެކޮޅުވެރިވާ ބަޔަކަށް އެއްވެސްކަހަލަ އެހީއެއް ނުވުމަށެވެ. ވާތްގެއް ނުދިނުމަށެވެ. އެ މުޢާހަދާގައި އޭނާ ޖާމިނެއްކަމުގައި ހަދައިފައިވަނީ މާތް اللّــــه ގެ ރަސްކަންފުޅެވެ. އެކަމަކު އަޙްޒާބު ހަނގުރާމައިގައި އޭނާ ޢަމަލުކުރިގޮތުގެ ވާހަކަވަނީ އިސްވެދިޔަތާނގައި ބަޔާންކޮށްފައެވެ. (ســيــرة الــنـّـبــيّ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــلاّمـــة شـبــلــــى نــعـمــانــــى، عــلاّمـــة سـيّـــد ســليمــان نــــدوى)

މި ހާދިސާގައިވަނީ ޤުރައިޡަތުވަންހައިގެ އަންހެނަކުވެސް ޤަތުލުކުރެވިފައެވެ. އެކަނބުލޭގެވަނީ خــــلاّد بــــن ســـــويـــد رضــــــى اللّــــه عـــنـــه ގެ އިސްތަށިފުޅުމައްޗަށް އުޑިކިބައެއް ވައްޓައިލައި އެކަލޭގެފާނު ޝަހީދުކޮށްފައެވެ. އެކަނބުލޭގެ ޤަތުލުކުރެވުނީ އެކަމުގެ ޤިޞާޞް ހިފުމުގެ ގޮތުންނެވެ. (އައްރަޙީޤުލް މަޚްތޫމި، މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ، 430-431)

"މުއައްރިޚުންކުރެ ބައެއް ބޭކަލުންވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޤުރައިޡަތުވަންހައިގެ އަންހެނުންގެ ތެރެއިން ޔަހޫދީ ބޭކަނބަލަކު (السّــيّــدة ريحـــانــــة بـنت عـــمـــــرو بـــن خــثـــافــــة) އެމާތް ސާހިބާއަށް ޚާއްޞަކުރައްވައި ނަންގަވައިފައިވާ ކަމުގައި ލިޔުއްވައިފައެވެ. ކްރިސްޓިޔަން މުއައްރިޚުންވަނީ މިވާހަކަ ނުހަނު ހުތުރު ސިފައެއްގައި މަލާމާތުގެ ޢިބާރަތުން ބަޔާންކޮށްފައެވެ. އެކަމަކު މި ހާދިސާގެ ވާހަކައަކީ ކުށް ވާހަކައެކެވެ. (އަޅުގަނޑުގެ އުސްތާޛު إبــــراهــيـــــم حــلــمــىދީދީ ވިދާޅުވެފައިވަނީ ރަނގަޅަށެވެ. އެއީ އޮރިއެންޓަލިސްޓުން މުސްލިމުންނާ ދެކޮޅަށް ލިޔުނު ލިޔުންތަކަށް ދެލިހޯދީ މުސްލިމުންގެ އަތުންނެވެ.)

ކައުސާހިބާގެ ޙަރަމްސަރާއަށް އެކަމަނާ ގެންނެވިކަމުގެ ވާހަކައިގެ ހުރިހައި ރިވާޔަތްތަކެއް ނަޤުލުކުރެވިފައިވަނީ واقـــدى ނުވަތަ إبــــن إسحـــاق ގެ ރިވާޔަތްތަކުންނެވެ. މި ހާދިސާއާމެދު واقـــدى ޞަރީޙުކޮށް ބަޔާންކުރައްވައިފައިވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަނާއާ ކާވެނި ބެއްލެވިއެވެ. إبـــن ســعـــد ނަޤުލުކުރައްވައިފައިވާ واقـــدى ގެ ރިވާޔަތުގައި ޚުދު ريحـــانــــة ގެ ބަސްފުޅެއް ކަމުގައި ވިދާޅުވެފައިވާ ބަސްފުޅެއްވެސް ވަނީ ނަޤުލުކުރައްވައިފައެވެ. "ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަހަރެން މިނިވަންކުރެއްވިއެވެ. ދެން އަހަންނާ ކާވެނިބައްލަވައިގެންނެވިއެވެ."

حــافـظ إبـــن حـجـــر އިޞާބާގައި محـــمـــــود بـــن الحســن ގެ ތާރީޚު މަދީނާއިން ނަކަލުކުރައްވައިފައިވާ ޢިބާރާތުގައިވަނީ އަންނަނިވި ގޮތަށެވެ. "ريحـــانــــة قـــرظـيـــة އަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙުރުމަތްތެރި އަނބިކަނބަލެކެވެ. އެކަމަނާ އުޅުއްވީ މިގޭގައެވެ."

حــافـظ إبـــن مــنــدة ގެ ފޮތެއްކަމުގައިވާ طبـقــات الـصّحــابــــة އަކީ ފަހުގެ ހުރިހައި މުޙައްދިޘުންގެވެސް ރިފަރެންސެކެވެ. އެފޮތުގައިވަނީ އަންނަނިވި ޢިބާރާތެވެ. "ريحـــانــــة ހައްޔަރުކުރެވުނެވެ. އެއަށްފަހު މިނިވަންކުރެވުމުން އެކަމަނާގެ ތިމާގެފުޅު ބައެއްގެގާތަށް ވަޑައިގެންފިއެވެ. އެތާނގައި އުޅުއްވީ ފަރުދާކުރައްވައިގެންނެވެ."

حــافـظ إبـــن مــنــدة ގެ ޢިބާރާތުން ސާފުކޮށް އެނގޭގޮތުގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަނާ މިނިވަންކުރެއްވިކަމާއި އެކަމަނާ އެކަމަނާގެ ޢާއިލާގެ ތެރެޔަށް ވަޑައިގެން މީހުންގެ އަނބީން އުޅޭގޮތަށް ފަރުދާކުރައްވައިގެން އުޅުއްވިކަން ސާބިތުވެއެވެ.

އަހަރެމެންގެ ގާތުގައި ފަނޑިޔާރުބަހަކީ އެކަމަނާ ނަބަވީ ޙަރަމްސަރާއަށް ވަޑައިގެންނެވިކަމުގައިވާނަމަ ވަޑައިގެންނެވީ އަނބިކަނބަލެއްގެ ހައިސިއްޔަތުންކަމެވެ. ކަނީޒެއްގެ ގޮތުގައެއް ނޫންކަމެވެ." (ســيــرة الــنـّـبــيّ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــلاّمـــة شـبــلــــى نــعـمــانــــى، عــلاّمـــة سـيّـــد ســليمــان نــــدوى ޞަފުޙާ: 250، 251)

"سعــد بـــن معــــاذ رضـــى اللّـــه عــنـــه ގެ ވާހަކަ މި ސިލްސިލާގައި އެތައްތަނެއްގައިވަނީ އިސްވެގޮސްފައެވެ. އެކަލޭގެފާނު އަޙްޒާބު ހަނގުރާމައިގައި ޒަޚަމުވެވަޑައިގެންނެވި ވާހަކަވެސްވަނީ ބަޔާންކުރެވިފައެވެ. އެކަލޭގެފާނު ޒަޚަމުވެވަޑައިގެންނެވުމުން ދުޢާކުރެއްވިއެވެ. "އޭ މާތްރަސްކަލާކޯއެވެ! ޤުރައިޝުންނާއި މުސްލިމުންނާ ދެމެދު އިތުރު ހަނގުރާމައެއް ކުރެވޭނެކަމުގައިވާނަމަ އިބަރަސްކަލާނގެ މިއަޅާ ދުނިޔޭގައި ލަހައްޓަވާނދޭވެ! އެހެނީ އިބަރަސްކަލާނގެ ރަސޫލާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އިހާނެތިކޮށްހިތައި އުނދަގޫފުޅުކޮށް އެމާތް ސާހިބާ ދޮގުކޮށް ރަށުން ނެރެލި މީހުނާ ދެކޮޅަށް ޖިހާދުކުރާން މިއަޅާ ލޯބިކުރަމެވެ. އިތުރު (ވަރުގަދަ) ހަނގުރާމައެއް ނުހިނގާނެކަމުގައިވާނަމަ މިއަޅާއަށް ޝަހީދުވުމުގެ މާތްކަން ދެއްވާނދޭވެ! އެކަމަކު ޤުރައިޡަތުވަންހައި މީހުންގެ ނިމުންފެނި މިއަޅާގެ ހިތަށް ފިނިކަން ލިބިއްޖައުމަށްދާންދެން މިއަޅާ ލަހައްޓަވާނދޭވެ!"

رُفــيـــدة أســلــمــيـّــة رضـــــى اللّــــه عــنــهـــا ގެ ފަރުވާއިން އެކަލޭގެފާނުގެ ޒަޚަމު އައީ ރަނގަޅުވަމުންނެވެ. އަވަހާރަވީދުވަހު އެކަލޭގެފާނު އޮންނެވީ ޒަޚަމީންނަށް ފަރުވާކުރާ ފޭލިގޭގައި އަރިޔަކަށް އޮށޯވެވަޑައިގެންނެވެ. އެގޮތަށް އޮންނަވަނިކޮށް ފޭލިގެއަށް ވަތް ބަކަރިޔެއްވަނީ އެކަލޭގެފާނުގެ ހަށިކޮޅުގެމަތީން ހުރަސްކޮށްފައެވެ. އެ ބަކަރި ހުރަސްކުރުމުގެ ތެރޭގައި އޭގެ ނިޔަފަތިވަނީ އެކަލޭގެފާނުގެ ޒަޚަމަށް ހެރިފައެވެ. ނަތީޖާއެއްގެގޮތުން ޒަޚަމުވަނީ ހުޅުވިފައެވެ. އޭގެފަހުން ލޭފޮދު މަނާވާގޮތެއް ނުވިއެވެ. އެކަލޭގެފާނު އަވަހާރަވުމުގެ ސަބަބަކަށްވީ އެކަންތަކެވެ. سعــد بـــن معــــاذ رضـــــى اللّــــه عــنــــه އަވަހާރަވުމަކީ އިސްލާމްވެވަޑައިގެންނެވީއްސުރެ އެންމެފަހު ނޭވާފުޅާ ހަމަޔަށް އިސްލާމްދީނަށްޓަކައި އިންތިހާޔަށް ޤުރްބާންވެވަޑައިގަންނަވަމުން ގެންދެވި އަންޞާރީ ރައީސެއްގެ އަވަހާރަވުމެވެ. އަންޞާރިއްޔަ ބޭކަލުންކުރެ އިސްލާމްދީނަށް އެންމެ ބާރުދެއްވި އެންމެ ވަރުގަދަ ތަނބު ބިންދައިގެން ދިޔުންވެސްމެއެވެ.

جـــابــــــر رضـــــى اللّــــه عــنــــه ވިދާޅުވެފައިވެއެވެ. "ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވި އަޑު އެއްސެވީމެވެ. سعــد بـــن معــــاذ رضـــــى اللّــــه عــنــــه އަވަހާރަވުމުން رحـمــــن ގެ ޢަރްޝިފުޅު ވަނީ ގުޑައިގެން ގޮސްފައެވެ." (ރަސޭލެރަޙްމަތު، مـــولانــاأبــــوالكــلام آزاد)

ރ. ޚައިބަރު ހަނގުރާމަ

ޚައިބަރު އޮންނަނީ مــــديــنــــة المــنــــوّرة ގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައެވެ. "ޚައިބަރު" މިބަހަކީ ހިބްރޫ ބަހެކެވެ. މާނައަކީ ކިއްލާއެވެ. ޚައިބަރަކީ އަނދައިފައިވާ ފަރުބަދަތަކެއްގެ މެދުގައި އޮންނަ ހަތް ވާދީއެކެވެ. އެ ވާދީތަކުގައި ސަތޭކަޔާ ކައިރިކުރާ ޢަދަދެއްގެ ފެންފެންގަނޑު އޮވެއެވެ. ވަރަށްގިނަ ފެންވަޅުތައް ހުރެއެވެ. މުޅި ސަރަޙައްދަކީވެސް ނުހަނު ވިޔަނަ ސަރަޙައްދެކެވެ. ފެހިކަންގަދަ ސަރަޙައްދެކެވެ. ޚިޔާލަށްވެސް ނުގެނެވޭހައި މުއްސަނދި މޮޅު ބިމެކެވެ. ޢަރަބިކަރައިގައި ޖޯގްރަފީގައިވާ އަޖައިބުކުރުވަނިވި އެއްސިފައަކީ އަނދައިފައިވާ ފަރުބަދަތަކުގެ ލާވާތައް ނުވަތަ حــــــرّات ތައް ގިނަވިވަރަކަށް އެ ސަރަޙައްދެއްގެ ބިން މޮޅުކަމެވެ. ކަދުރު ދަނޑުތައް ގިނަކަމާއި ކަދުރުބާލުތަކުގެ ގަސްބޯކަމެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން مــــديــنــــة المــنــــوّرة ވެސް އޮންނަނީ ދެ ޙިއްރާއެއްގެ ދެމެދުގައެވެ. މަދީނާއަކީވެސް ވަރަށް ވިޔަނަ ރަށެކެވެ. ޚައިބަރުގައި ކަދުރާއި މޭބިސްކަދުރާއި އަދި އެނޫންވެސް ވަރަށްގިނަ ބާވަތްބާވަތުގެ މޭވާގެ ބަގީޗާތައް ވަރަށް ރަނގަޅަށް ހެދެއެވެ. މަތިވަރުވެސް ވަރަށް ރަނގަޅަށް އާދެއެވެ.

(ނުނިމޭ)





More from One Online