ސަރުކާރުން ފޮނަދޫއާއި ގަން، ސިޓީއަކަށް ބަދަލުކޮށްދޭނެ: ފައިސަލް

Sat, 27 Apr 2024 12:20 AM

View on this article on One Online

ސަރުކާރުން ފޮނަދޫއާއި ގަން، ސިޓީއަކަށް ބަދަލުކޮށްދޭނެ: ފައިސަލް

މި ސަރުކާރުން ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށް، ލ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކޮށްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި އެއްވުމުގައި ފައިސަލް ވިދާޅުވީ ސަރުކާރުން ވަނީ ލ. އަތޮޅުގެ ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް ރާވާފައި ކަމަށެވެ. އެ މަޝްރޫއުތަކުގެ ސަބަބުން ފޮނަދޫއާއި ގަން ސިޓީއަކަށް ބަދަލުކުރުމަށް މަގު ކޮށައިދޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާ ދުވަސް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބެއްގައި މިތަނުގައި ބޭއްވޭނީ މޭޔަރު ކަމުގެ އިންތިހާބު. މިތަނުގައި އަޅުގަނޑުމެން އިންތިހާބު ކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށްދޭނީ މި ސަރުކާރުން ކަމަށެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ހޮސްޕިޓަލް ތަރައްގީ ކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ކުޅިވަޅު ވަސީލަތް އަދި އެހެނިހެން އިގުތިސޯދީ މަޝްރޫއުތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅިވިއެވެ.

ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިވަގުތު އޮތީ ލ. އަތޮޅުގައި ކަމަށް ވުމުން ލ. އަތޮޅުގެ ތަރައްގީވާނެ ކަމާމެދު ޔަގީންކަން އެބައޮތް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ލ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރާނީ ވެސް މި ސަރުކާރުން ކަމަށާއި އެކަން ކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވެސް ދަނީ ފޮރިން އިންވެސްޓަރުންނާ މަޝްވަރާ ކުރަމުން ކަމަށެވެ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭ ދުބާއީގެ އިންވެސްޓަރެއްގެ ކުންފުންޏަކާއެކު މަޝްވަރާކޮށް ލ. އަތޮޅުން ރަށެއް ފަތުރުވެރިކަމަށް ކުއްޔަށް ދޭނެ ކަމަށް ވިދާޅުވިއެވެ.

"ހާއްސަކޮށް ބަރެސްދޫ ޕްރޮޖެކްޓު އަޅުގަނޑުމެން ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާނަން. އަދި ލ. އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓުގެ ހަތަރު ރިސޯޓު މަދުވެގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަމުގައި އަޅުގަނޑުމެން ގާއިމުކުރާނަން،" ފައިސަލް ވިދާޅުވިއެވެ.





More from One Online