ފުޓްސަލް ރޭންކިން: ރާއްޖެ މި ސަރަހައްދުގެ އެއްވަނައިގައި، ދުނިޔޭގެ ރޭންކިންގެ 110 ވަނައިގައި

Tue, 07 May 2024 12:55 PM

View on this article on One Online

ފުޓްސަލް ރޭންކިން: ރާއްޖެ މި ސަރަހައްދުގެ އެއްވަނައިގައި، ދުނިޔޭގެ ރޭންކިންގެ 110 ވަނައިގައި

ފީފާއިން ފުރަތަމަ ފަހަރަށް އާންމުކޮށްފައިވާ ފުޓްސަލް ރޭންކިންގައި ރާއްޖެއަށް ދުނިޔޭގެ 110 ވަނަ އަދި ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަނަ ލިބިއްޖެއެވެ.

މީގެ ކުރިން ފީފާއިން ރަސްމީކޮށް ފުޓްސަލް ރޭންކް ކޮށްފައިނުވާ އިރު، މިމަހު އެ އިދާރާއިން ވަނީ ދުނިޔޭގެ އަންހެން އަދި ފިރިހެން ފުޓްސަލްއަށް ހާއްސަ ރޭންކިން އުސޫލުތަކެއް އެކުލަވާލައި، ރޭންކިން އިއުލާނު ކުރަން ފަށައިފައެވެ. އެ އުސޫލުގައި ފީފާއިން ޕޮއިންޓް ދީފައިވަނީ އެލޯ- ރޭޓިން ސިސްޓަމެއްގެ ދަށުން ހާއްސަ އެލްގޮރިތަމްއެއް ބޭނުން ކޮށްގެންނެވެ. އެއީ އެކުވެރިކަމުގެ މެޗުތަކާއި ކޮލިފިކޭޝަން މެޗުތަކުގެ އިތުރުން ފީފާގެ ކޮންފެޑެރޭޝަންތަކުގެ ދަށުން ހިންގާ އެސޯސިއޭޝަންތަކުގެ މުބާރާތްތަކާއި ފީފާގެ މުބާރާތްތަކަށްވެސް ބަލައިގެން ޕޮއިންޓް ދޭ ސިސްޓަމެކެވެ.

މިހާރު ފީފާއިން ރޭންކް ކޮށްފައިވާ ރޭންކިންގައި ބަލާފައިވަނީ 2015 ވަނަ އަހަރު އޮގަސްޓް މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ.

އެ ރޭންކިންގައި ރާއްޖޭގެ ފިރިހެން ޓީމު 110 ވަނައިގައި އޮތީ 905.56 ޕޮއިންޓާއެކުގައެވެ. ސާފް ސަރަހައްދުގައި ރާއްޖޭގެ އިތުރުން ދެން ރޭންކިންގައި ހިމެނިފައި އޮތީ އިތުރު ދެ ގައުމަކުންނެވެ. އެއީ އިންޑިއާ އަދި ނޭޕާލެވެ. ރާއްޖެއާ ޖެހިގެން ދެން މި ސަރަހައްދުގެ ގައުމަކަށް އެންމެ މަތީ އޮތީ ނޭޕާލެވެ. އެއީ 121 ވަނައިގައެވެ. އިންޑިއާ އޮތީ 135 ވަނައިގައެވެ.

މިފަހަރު ފީފާއިން އާންމު ކުރި ރޭންކިންގައި ޖުމުލަ 139 ގައުމެއް ހިމަނާފައިވާ އިރު، އެއްވަނައިގައި އޮތީ ބްރެޒިލެވެ. އަދި އޭގެ ފަހަތުން ދެވަނައިގައި ޕޯޗުގަލް އޮތް އިރު، ތިންވަނައިގައި އޮތީ ސްޕެއިންނެވެ. ދެން އޭގެ ފަހަތުން އޭޝިއާގެ ގަދަ ބާރު އިރާން އޮތް އިރު، ފަސްވަނައިގައި އޮތީ އާޖެންޓީނާއެވެ.

ރާއްޖެއިންވެސް މިދިޔަ އަހަރު އޮކްޓޯބަރު މަހު ކޮލިފިކޭޝަން މެޗުތަކެއް ކުޅެފައިވާ އިރު، ގައުމީ ޓީމަށް އަދިވެސް ފުރުސަތުތައް ލިބޭ އަދަދު ވަރަށް މަދެވެ. އެއީ ރަސްމީކޮށް އެފްއޭއެމުން ރާއްޖޭގައި ފުޓްސަލް ލީގެއްވެސް ހިންގަމުން ނުދާތީއެވެ. އެ މަސައްކަތް ކުރާ ކަމަށް އެފްއޭއެމުން މީގެ ކުރިން ބުނި ނަމަވެސް، އެކަން އެ އިދާރާއަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފުޓްސަލްގެ ބޮޑެތި މުބާރާތްތައް ބާއްވަމުންދާ އިރު، ފުޓްސަލްއަކީ ރާއްޖޭގައި އެންމެ ކުރިއަރަމުންދާ، ފުޅާވަމުންދާ ކުޅިވަރެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އަދި މުޅި ރާއްޖެ އެންމެ ބޮޑަށް ޝާމިލުވާ ފުޓްސަލް މުބާރާތަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ.





More from One Online