ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އުސޫލުތަކާއި ފޯމެޓް ކަނޑައަޅަން ހިޔާލު ހޯދަނީ

Tue, 07 May 2024 12:48 PM

View on this article on One Online

ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އުސޫލުތަކާއި ފޯމެޓް ކަނޑައަޅަން ހިޔާލު ހޯދަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބާއްވަން ތައްޔާރުވެފައިވާ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2024 އަށް އާންމުންނާއި ސްޓޭކް ހޯލްޑަރުންގެ ހިޔާލު ހުށަހަޅަން ހާއްސަ ސާވޭއެއް ފަށައިފިއެވެ.

ވީއޭއެމުން އާންމުކޮށް ހިއްސާކޮށްފައިވާ ސާވޭގައި ރިސޯޓުތަކަށް ހާއްސަ ސުވާލުތަކެއް ހިމަނާފައިވެއެވެ. އެގޮތުން ރިސޯޓުތައް ހިމެނޭ ސަރަހައްދާއި އިންޓަ ރިސޯޓް މުބާރާތާ ދޭތެރޭ އެ ރިސޯޓަކުން ދެކޭ ދެކުން ހިއްސާ ކުރަންވެސް ސާވޭގައި ހިމަނާފައިވާ ސުވާލުތަކުގައިވެއެވެ. އޭގެ އިތުރުން މުބާރާތް ބާއްވަން ފެންނަނީ ރިސޯޓްތަކުގައިތޯ ނޫނީ ރަށްރަށުގައިތޯ ވެސް އޮޅުންފިލުވަން ސާވޭގައި ހިމަނާފައިވާ އިރު، ބޭރު ކުޅުންތެރިން މުބާރަތަށް ގެންނަން ފުރުސަތު ދޭނީ ކޮން އުސޫލަކުންތޯ ބަލަންވެސް ހިޔާލަށް ހުޅުވާލާފައިވެއެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ވީއޭއެމްއާ އަލުން ހަވާލުވެ ކުރައްވަމުން ގެންދަވާ އެންމެ މުހިއްމު މަސައްކަތަކީ މުބާރާތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ރިފޯމް ކުރުން ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މުބާރާތްތަކަށް ވޮލީ އާއިލާއާއި ސްޓޭކް ހޯލްޑަރުންގެ ހިޔާލު ހޯދުން އެއީ ކުރާ އެންމެ މުހިއްމު މަސައްކަތް ކަމަށް ފާހަގަކުރައްވައި ލަތީފް ވިދާޅުވީ، ރިސޯޓް ލީގުގެ އެންމެ މުހިއްމު ސްޓޭކް ހޯލްޑަރަކީ ރިސޯޓުތައް ކަމަށެވެ. އެ ހުރިހާ ރިސޯޓެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް ހިޔާލު ހޯދުމަކީ އުނދަގޫ ކަމަކަށްވާތީ އެކަމަށް އޮންލައިންކޮށް މަސައްކަތް ކުރަން ވީއޭއެމުން ނިންމާފައިވާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ކުރިއަށް އޮތް ވޮލީ ސީޒަނުގެ ހުރިހާ މުބާރާތްތަކަކަށްވެސް ކްލަބުތަކުގެ މަޝްވަރާ ހޯދާނެ ކަމަށާއި، އެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ވީއޭއެމްގެ ހިންގާ ގަވާއިދު ދާދިފަހުން ބަދަލުކޮށް، އާ އެކްސްކޯއެއް އެކުލަވާލައި ގާނޫނީ އިމުގެ ތެރެއަށް ފައްތަން ދުވަސްތަކެއް ހޭދަވިއެވެ. ސްޕޯޓްސް ކޮމިޝަނަރުގެވެސް މަސައްކަތާއެކު މިހާރު އެސޯސިއޭޝަންގެ އިދާރީ ހިންގުން އޮތީ ހަމައަކަށް އެޅިފައެވެ.





More from One Online