ފަސޭހަ މޮޅަކާއެކު ސިޓީން އާސެނަލް ފުލުގައި ވިއްދައިފި

Fri, 26 Apr 2024 11:37 AM

View on this article on One Online

ފަސޭހަ މޮޅަކާއެކު ސިޓީން އާސެނަލް ފުލުގައި ވިއްދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ފަސޭހަ ކަމާއެކު ބްރައިޓަން ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ސިޓީން ރޭ ބްރައިޓަން ބަލިކުރީ 4-0 ގެ ނަތީޖާ އަކުންނެވެ. ރޭގެ ނަތީޖާ އާއެކު ސިޓީން ވަނީ ލީގު ރޭހުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ސިޓީން މި ވަގުތު 33 މެޗުން 76 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، އާސެނަލް އެއްވަނައިގައި އޮތީ ސިޓީއަށްވުރެ މެޗެއް އިތުރަށް ކުޅެ، 77 ޕޮއިންޓާ އެކުގައެވެ. އަތުގައި އިތުރު މެޗެއް އޮތުމާއެކު ސިޓީއަށް އޮތީ ލީގު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކޮށެވެ. ސިޓީއަށް ލީގުގައި ބާކީ ފަސް މެޗު އޮތް އިރު، އާސެނަލަށް ދެން ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީ ނުކުތީ އަނިޔާގައި ހުރި އާލިން ހާލަންޑް ނުލައެވެ. ހާލަންޑް ނެތަސް ސިޓީގެ އެޓޭކް ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހައިފައެވެ. ކެވިން ޑި ބްރޭނާ ބޮލުން ޖެހި ގޯލަކުން ސިޓީ ލީޑު ނެގި އިރު، އަނެއް ދެ ގޯލު ފުރަތަމަ ހާފުގައި ޖެހީ ފިލް ފޮޑެންއެވެ.

ދެވަނަ ހާފުގައިވެސް ސިޓީން ރަނގަޅަށް ކުޅެފައިވާ އިރު، އެޓީމުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހަތަރު ގޯލަށް ފުޅާވެސް ކޮށްފައެވެ. ސިޓީގެ ހަތަރުވަނަ ގޯލު ޖެހީ ޖޫލިއަން އަލްވަރޭޒެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ސިޓީ ކަޓާފައިވާ އިރު، މިދިޔަ ސީޒަނުގެ ތާރީހީ ޓްރެބަލް ދިފާއުކުރަން ފުރުސަތެއް ނެތެވެ. އެހެން ނަމަވެސް އެފްއޭ ކަޕާއި ލީގު ކާމިޔާބުކޮށް، ޑޮމެސްޓިކް ދެ ތަށި ހޯދަން އަދިވެސް ސިޓީއަށް ފުރުސަތު އެބައޮތެވެ.





More from One Online