އެސްޓީއޯގެ ސްމާޓް ސްޓޯރު މިހާރު 24 ގަޑިިއިރު ހުޅުވާފައި ހުންނާނެ

Wed, 08 May 2024 02:23 PM

View on this article on One Online

އެސްޓީއޯގެ ސްމާޓް ސްޓޯރު މިހާރު 24 ގަޑިިއިރު ހުޅުވާފައި ހުންނާނެ

އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުން ކޮށްގެން އޮޕަރޭޓްކުރާ ގޮތަށް އެސްޓީއޯ އިން ހުޅުމާލޭގައި ހެދި ސްމާޓް ސްޓޯރުން މިހާރު 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރީގައި އެސްޓީއޯ ހުޅުމާލެ ފިހާރަ ކުރިން ހިންގި ތަނުގައި ހެދި ސްމާޓް ފިހާރަ ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެސްޓީއޯގެ ސްމާޓް ސްޓޯރަކީ ރާއްޖޭގައި ހުޅުވި އެފަދަ ފުރަތަމަ އަދި ދެކުނު އޭޝިއާގައިވެސް ހުރި އެފަދަ އެންމެ ބޮޑު ފިހާރައެވެ. އެ ފިހާރަގައި ކޭޝިއަރެއްވެސް އަދި ސޭލްސްމަނެއްވެސް ނުހުންނާނެއެވެ. ވިޔަފާރި ކުރުމަށް ބޭނުންކުރާނީ އޭއައި ވިޝަން ޓެކްނޮލޮޖީއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުންވެސް ބޭނުންކުރަމުން އަަންނަ ޓެކްނޮލޮޖީއެކެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، ސްމާޓް ފިހާރާގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ހާސްބައި ކުޑަކޮށްލަދިނުމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައްވެސް އެއްކޮށް ނައްތާލެވޭނެއެވެ. އެގޮތުން ފިހާރައިން ވިޔަފާރިކުރުން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް އަޅަައި ރަޖިސްޓްރީކޮށް ކަސްޓަމަރުގެ ބޭންކު ކާޑުގެ މައުލޫމާތު ހިމަނަންޖެހޭނެއެވެ. މި އެ އެޕްލިކޭޝަން މެދުވެރިކޮށް ފިހާރައިން ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކޮށްލެވޭނެއެވެ.

ސްމާޓް ފިހާރައިގައި ހަރުކޮށްފައިވާ ކެމެރާތަކުން ކަސްޓަމަރު ދެނެގަންނައިރު، ހަރުތަކުގައި ގާއިމުކޮށްފައި ހުންނަ ސެންސަރުތަކުން އެ ހަރަކުން މުދާ ނަގައިފި ނަމަ، އެއީ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އެ ދެނެގަންނާނެއެވެ. އަދި ބޭނުންވާ މުދާ ހަރުތަކުން ނަގަމުންދާ ވަރަށް އެ ތަކެތި ދާނީ ކަސްޓަމަރުގެ ވާޗުއަލް ކާޓަށް އިތުރުވަމުންނެވެ. އަލުން އެ އެއްޗެއް ހަރަށް ލައިފި ނަމަ، ކާޓުން އެ އެއްޗެއް އުނިވާނެއެވެ.

އަދި ބޭނުންވާ މުދާ ނަގާ ނިމުމުން ފިހާރައިން ނުކުމެގެންދާންވީއެވެ. މުދަލަށް އެރި ފައިސާގެ އަދަދު އޮޓޮމެޓިކުން ކަސްޓަމަރުންގެ އެކައުންޓުން ކެނޑިގެންދާނެއެވެ. މި ފިހާރައިން ވިޔަފާރި ކުރުމަށް ބޭނުންކުރާނީ ކާޑުތަކުގައި ހިމެނޭ "ޓޯކަނައިޒޭޝަން" ފީޗާއެވެ. މިއީ ޕާސްވޯޑެއް ޖެހުމަކާ ނުލައި ފައިސާގެ މުއާމަލާތްތައް ކާޑު މެދުވެރިކޮށް ކުރެވޭ ރައްކާތެރި ފީޗާއެކެވެ.





More from One Online