އަދުގެ ދުނިޔެ: އިޒްރޭލުގައި އަލްޖަޒީރާ ޓީވީ މަނާކުރުމުގެ ބޭނުމަކީ ޖަރީމާތައް ފޮރުވުމެވެ.

Wed, 08 May 2024 01:27 PM

View on this article on One Online

އަދުގެ ދުނިޔެ: އިޒްރޭލުގައި އަލްޖަޒީރާ ޓީވީ މަނާކުރުމުގެ ބޭނުމަކީ ޖަރީމާތައް ފޮރުވުމެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ހާމަކޮށް ދެއްކުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މީޑިއާއަކީ ގަތަރުގެ އަލްޖަޒީރާ ޓީވީއެވެ. ހުސްވި ހަފުތާއިން ފެށިގެން އިޒްރޭލުން ވަނީ އެގައުމުގައި އަލްޖަޒީރާ ޓީވީ މަނާކޮށްފައެވެ. އަލްޖަޒީރާގެ ހުރިހާ އޮފީސްތައް ބަންދުކޮށް ބްރޯޑްކާސްޓްކުރުމާއި ޚަބަރު އެއްކުރުމުގެ ހުރިހައި ސާމާނުތަކެއްވެސް ވަނީ ފޭރިގެންފައެވެ. އޭގެތެރޭގައި އެ ޓީވީއަށް މަސައްކަތްކޮށްދޭ އެންމެންގެ މޯބައިލް ފޯނުތައްވެސް ހިމެނެއެވެ. މީގެއިތުރަށް އަލްޖަޒީރާގެ ވެބްސައިޓުވެސް އިޒްރޭލުން ވަނީ ބްލޮކްކޮށްފައެވެ. އެ ވެބްސައިޓަށް ވަނުން މަނާކުރުމުގެ އިތުރަށް އަލްޖަޒީރާ ޗެނަލް ހޯސްޓްކުރުން އެންމެހައި ކޭބަލް އޮޕަރޭޓަރުންނަށްވެސް ވަނީ މަނާކޮށްފައެވެ. އިޒްރޭލުގެ މި ނިންމުގެ ފަހަތުގައިއޮތީ އެންމެ ބޭނުމެކެވެ. އެއީ ގާޒާއާއި ހުޅަނގުއައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ހުރިހާ ހަރަކާތްތަކެއް ދުނިޔެއަށް ވަންހަނާކޮށް ސިއްރު ކުރުމެވެ.

އިޒްރޭލުގެ މި އަމަލަކީ ކަންކަން ސިއްރުވެ އިޒްރޭލުގެ ހުތުރު މޫނު ރީތިކުރެވޭނެ އަމަލެއް ނޫނެވެ. މިކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާއަކީ އިޒްރޭލު އިތުރަށް ބޭޒާރުވުމެވެ. އިޒްރޭލުގެ ނުބައިކަމާއި ނުލަފާކަން އެންމެނަށްވެސް އެނގި ހާމަވުމެވެ. ބަހާއި އަމަލު ދިމާނުވާކަން ސާބިތުވުމެވެ. މައުލޫމާތު ހޯދައި ލިބިގަތުމަކީ ޑިމޮކްރަޓިކް ނިޒާމެއްގައި އެންމެ މުހިއްމު އެއްކަންތަކެވެ. އިޒްރޭލުން އެ ބަންދުކުރީ މައުލޫމާތުގެ ދޮރާއްޓެކެވެ. އެކަމުގެ ސަބަބުން ޑިމޮކްރަޓިކް ނިޒާމަށްވެސް ލޮޅުންތަކެއް އަރާނެއެވެ. އިޒްރޭލުން ދައުވާކުރާ ގޮތުގައި އެގައުމަކީ ޑިމޮކްެރަސީގެ ބަގީޗާއެކެވެ. މެދުއިރުމަތީގައިވާ ޑިމޮކްރަޓިކް ހަމައެކަނި ބަގީޗާއަކީވެސް އެއީއެވެ. ހުޅަނގުގެ ގައުމުތަކުން މާވަރަކަށް އިޒްރޭލަށް މަދަދުކޮށް ހިމާޔަތްދެނީވެސް އިޒްރޭލުގެ ޑިމޮކްރަސީއަށްޓަކައޭ ބުނަމުންދެއެވެ. މިކަންކަން މިހެންހުއްޓައި އަލްޖަޒީރާ ކަހަލަ ބައިނަލްއަގުވާމީ ބްރޯޑްކާސްޓަރަކު ބޭރުކޮށްލުމަކީ ދެންދުވަހަކުވެސް އިޒްރޭލުގެ މޫނުމަތިން ފިލުވައިނުލެވޭނެ ހުތުރު ލައްގަނޑެކެވެ.

އިޒްރޭލުގެ މި އަމަލު ބައިނަލްއަގުވާމީ އެންމެހައި ފަރާތްތަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ ފަރާތުން ޓިމް ޑޯސަން ވިދާޅުވެފައިވަނީ އިޒްރޭލަކީ ޑިމޮކްރަސީއެކޭ ބުނެ ދެން ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ ކަމުގައެވެ. އިޒްރޭލުގެ ހިމާޔަތުގައި އަބަދުވެސް ފޫގަޅައިގެންއުޅޭ އެމެރިކާއަށްވެސް ޖެހުނީ މިފަހަރު އިޒްރޭލު ކުށްވެރިކުރާށެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުޝީރު ޖޯން ކާރބީ ވިދާޅުވީ އިޒްރޭލުގެ މި އަމަލު ރައީސް ބައިޑެންގެ ސަރުކާރުންވެސް ބަލައިނުގަންނަ ކަމުގައެވެ. މިދިޔަ ހުކުރުދުވަހަކީ މުޅިދުނިޔޭގައިވެސް ފާހަގަކުރާ މިނިވަން ނޫސްވެރިކަމުގެ ދުވަސްކަމަަށްވާއިރު ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައިއޮވެ ދުނިޔެއަށް އިޒްރޭލުން އެދެއްކީ ވަރަށް ހުތުރު މިސާލެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުންވެސް ވަނީ އިޒްރޭލު ކުށްވެރިކޮށްފައެވެ. މައުލޫމާތު ލިބިގަތުމަކީ އަސާސީގޮތުންވެސް އިންސާނީ ހައްގެއްކަމަށް ބުނެފައިވެއެވެ.

އިޒްރޭލުގެ މި އަމަލާމެދު ޔޫރަޕުގެ ޚިޔާލުތައް ހުރިނެތްގޮތް އެންމެ ރީއްޗަށް ހާމަވެގެންދިޔައީ ގްރީސްގެ ކުރީގެ މާލީވަޒީރު ޔާނިސް ވަރުފާކިސް މީސްމީޑިއާއަށް ދޫކޮށްލެއްވި މެސެޖަކުންނެވެ. އޭނާ ވިދާޅުވެފައިވެއެވެ. އިޒްރޭލުން އެ ބަންދުކުރީ ހަމައެކަނި އަލްޖަޒީރާއެއް ނޫނެވެ. އިޒްރޭލުން އަތްއެޅީ ތެދަށް ވާހަކަ ދައްކާ އެންމެންގެ އަނގަމަތީގައެވެ. އިޒްރޭލުން އެކުރާ ހަނގުރާމަޔަކީ ހަގީގަތްފޮރުވައި އަނިޔާވެރިކަން ފެތުރުމުގެ ހަނގުރާމައެކެވެ. އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންވެސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި ވިދާޅުވީ އިޒްރޭލުގެ ހަގީގީ މަގުސަދަކީ ގަތުލުއާއްމު ފޮރުވުންކަމުގައެވެ. ގާޒާގައި ހިނގާ ކަންތައްތައް ދުނިޔެއަށް ސިއްރުކުރުން ކަމުގައެވެ. މިކަމުގެ ސަބަބުން އިޒްރޭލުގެ ގޮތްކުޑަކަމާއި އަނިޔާވެރިކަން އިތުރަށް ހާމަވުން ނޫން އެހެންކަމެއްވެއްޖެތޯ އެބޭފުޅުން ސުވާލު ކުރައްވާފައިވެއެވެ. އެބޭފުޅުން އެވިދާޅުވަނީ ވަރަށްވެސް ތެދު ވާހަކަފުޅެކެވެ. މަގުސަދަކީ ގަތުލުއާއްމު ފޮރުވުމެވެ.

ގާޒާގައި އިޒްރޭލުން ހިންގަނީ ކޮންކަހަލަ ގަތުލުއާއްމެއް ބާވައެވެ. ދުނިޔޭގެ މިފަހުގެ ތާރީޚުގައި ދައުލަތަކުން ހިންގާފައިވާ އެންމެ ބޮޑެތި ޖަރީމާތައް ތަމްސީލުވެގެން ގޮސްފައިވަނީ ގާޒާގައެވެ. ފާއިތުވި ހަތްމަސް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ބައިލައްކަ މީހުން މަރައިފިއެވެ. އެއީ ޔަގީންވާ އަދަދެވެ. ހަގީގީ އަދަދު އުޅޭނީ ލައްކައަކުން މަތީގައެވެ. މި ކަތިލުންތަކުގައި ކުޑަކުއްޖެއް، އަންހެނެއް، މާބަނޑުމީހެއް، މުސްކުޅިއެއް، ބަލިމީހެއް، ޒުވާނެއް ތަފާތުކުރުމެއް ނެތެވެ. މަރަނީ އެންމެނެވެ. ހަސްފަތާލުތަކާއި މަދުރަސާތަކާއި މިސްކިތްތައް ގަބުރުސްތާނުތަކަށް ހަދައިފިއެވެ. އިޒްރޭލުގެ ސިފައިންނަށް އެއްގަމުން މިހާތަނަށް މާބޮޑުކަމެއް ކޮށްނުލެވި އޮތްތަނަކީ ރަފާއެވެ. އެއީ ގާޒާގެ އެންމެ ދެކުނުން މިސްރާއިގުޅޭ އިމުގައިވާ ތަނެކެވެ. މިވަގުތު އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން ދިމާކޮށްލައިގެން އުޅެނީ ރަފާއާއެވެ. ބުނެވޭގޮތުން ރަފާޔާއި މިސްރު ގުޅުވައިދޭ ދޮރާށީގެ މައްޗަށްވެސް ޔަހޫދީ ސިފައިން މިހާރު ވެރިވެގެންފިއެވެ.

ރަފާޔާ ދެކޮޅަށް ފެށި އޮޕަރޭޝަނުގެ ބޭނުމަކީ ފުރާނަޔާއިގެން ފަލަސްތީނުގެ ހަމައެކަކުވެސް ސަލާމަތްވެގެން ދިޔަނުދިނުމެވެ. މިއީ ގާޒާގެ ހަނގުރާމައިގެ އެންމެފަހު ތަޅާލުންގަނޑެވެ. ރަފާގައި އިޒްރޭލް ސިފައިން ކުރާކަންކަން ދުނިޔެއަށް ފެންނާކަށް ނަތަންޔާހޫގެ ސަރުކާރުން ބޭނުމެއް ނުވެއެވެ. ކަންކަން ސިއްރުކޮށްގެންތިބެ މިފަހަރު ބޭނުންވަނީ މުޅި ރަފާ ސުންނާފަތިކޮށް ފަލަސްތީނުގެ ރައްޔިތުންގެ ވަސްވެސް ފުހެލުމަށެވެ. އަލްޖަޒީރާ ޓީވީއާ ދެކޮޅަށް މިދަނޑިވަޅުގައި އެޅި ފިޔަވަޅުތަކަކީ މި ބޭނުމުގައި ކުރިކަމެކެވެ. އަލްޖަޒީރާ މަނާކުރިއަސް، ބަންދުކުރިއަސް، އަދި އެހެންކަމެއް ކުރިޔަސް ދެން އިޒްރޭލުގެ އަނިޔާވެރިކަމާއި މުޑުދާރުކަމާއި ވިޔާނުދާކަން ދުނިޔެއަށް ސިއްރެެއް ނުކުރެވޭނެއެވެ. ބުޅާ އެއޮތީ ގޯނިން ބޭރުވެފައެވެ. ރަފާގައި މިހާރު އެހިންގާ ގަތުލުއާއްމުވެސް ދުނިޔެއަށް އެބަފެނެއެވެ. ވާނުވާ އެބައެނގެއެވެ. މިކަންކަމުގެ ހިތިނަތީޖާއާ އިޒްރޭލް ކުރިމަތިލާންޖެހޭނެއެވެ. އެއީ ކަށަވަރު ކަމެކެވެ.





More from One Online