ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަނީ

Thu, 09 May 2024 12:15 AM

View on this article on One Online

ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަނީ

މާލޭގައި ހުންނަ ތެލެސީމިއާގެ ހިދުމަތްތައް ފޯރުކޮށްދޭ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގެ ހޯލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ސެންޓަރަކީ ޖާގައިގެ ގޮތުން ކުޑަ އަދި ބާވެ ބައެއް ބައިތައް ވެއްޓިފައިވާ ސެންޓަރެއް ކަމަށްވުމުން އެއީ ތެލެސީމިއާ ކުދިންނަށް ހިދުމަތް ފޯރުކޮށްދޭން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ.

"ބަލި ތަހައްމަލުކުރާ ފަރާތްތަކުގެވެސް އެހީތެރިކަމާއެކު، މިހާރު ވަނީ ހުޅުމާލެ ފޭސް އެކަކުން އިމާރާތެއްގެ ޖާގަ ކަށަވަރު ކުރެވިފައި. އިރާދަކުރެއްވިއްޔާ އެ ކުދިން އެ ބޭނުންވާ ގޮތަށް އެ ކުދިންގެ މަޝްވަރާއާ އެއްކޮށް ގާއިމުކުރަންޖެހޭ ކަންކަން ބައްޓަން ކުރަމުން ގެންދާނީ. ވަރަށް އުފަލާއެކު ފާހަގަކުރަން އެ އިމާރާތަށް ޒިޔާރަތްކޮށް އެ އިމާރާތުގައި ހުންނަން ބޭނުންވާ ވަސީލަތްތައް މިހާރު ވަނީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސްއާ ހިއްސާކޮށްފައި،" ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ތެލެސީމިއާ ސެންޓަރު ހިންގުމަށް ހުޅުމާލެ ފޭސް އެކަކުން އިމާރާތެއް ހަމަޖެހި، އެ އިމާރާތުގެ ޑިޒައިން ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

ތެލެސީމިއާ ހޮސްޕިޓަލެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކޮށް ހަލީލު އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި ތެލެސީމީއާ ސެންޓަރެއް ހަދާނީ އެތަނުގައި ތިބިގެން ބޯންމެރޯ ހެދޭނެ ފެންވަރަށް ކަމަށެވެ. އަދި އެ ސެންޓަރުގައި ތެލެސީމިއާއާ ގުޅޭ އެންމެ ފަހުގެ ލެބްތަކާއި ބްލަޑް ބޭންކެއްވެސް ގާއިމުކުރާނެ ކަމަށް ވިދާޅުވިއެވެ.





More from One Online