އެމްއާރުއެމް އުވާލުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

Sun, 28 May 2023 09:58 PM

View on this article on Naares

އެމްއާރުއެމް އުވާލުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން އަމުރުކޮށްފި



ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި ނިންމުން ތަންފީޒުނުކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެމްއާރުއެމް އުވާލަން ނިމުނު ހަފުތާގެ ތެރޭގައި އީސީ އިން ނިންމީ ގާނޫނު އަސާސީގައި ބުނާ 3000 މެމްބަރުން އެ ޕާޓީގައި ހަމަނުވާތީއެވެ. އީސީގެ ވެބްސައިޓުގައިވާ ގޮތުގައި އެ ޕާޓީގައި ތިބީ 2981 މެމްބަރުންނެވެ.

ނަމަވެސް އެމްއާރުއެމް އިން ވަނީ މެމްބަރުންގެ އަދަދު ހަމަވާނެ ކަމަށް ބުނެ އީސީގެ ނިންމުމަށް ގޮންޖަހާފައެވެ. މިކަމާ ގުޅިގެން އެ ޕާޓީގެ އިސްފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުރަތަމަ އެ ޕާޓީން އެދުނީ އީސީގެ ނިންމުން މުރާޖާކުރާށެވެ.

ކޯޓަށް މައްސަލަ ހުށަހެޅީ އީސީ އިން އެކަމަށް އިޖާބަނުދިނުމުންނެވެ.

އީސީގެ ނިންމުން ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެމްއާރުއެމް އިން ވަނީ މެމްބަރުން ހަމަކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އީސީއާ ދެކޮޅަށް އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްއާރުއެމް އިން އެދިގެން ސިވިލް ކޯޓުން މި އަމުރު ނެރުނީ އީސީގެ ޢައިރު ހާޒިރުގައެވެ. މިއީ މިހާރު އަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރެވޭ ކަމެކެވެ.

ސިވިލް ކޯޓުގެ އަމުރުގައި އިތުރަށް ވަނީ، ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އެމްއާރުއެމް އިން ކޯޓުގައި ބުނި ގޮތަށް އީސީއާ ދެކޮޅަށް ދައުވާ ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެ ކަމަށެވެ.

ޕާޓީ އުވާލަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ މިއީ ކޮރަޕްޝަންގެ ނުފޫޒުން ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށްފައެވެ. އީސީ އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.



More from Naares