ރައީސް ޑރ.މުޢިއްޒު ވޯޓުލައްވައިފި

Sun, 21 Apr 2024 09:06 AM

View on this article on Naares

ރައީސް ޑރ.މުޢިއްޒު ވޯޓުލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގައި ވޯޓު ދެއްވައިފިއެވެ.



މާފަންނުގެ ތާޖުއްދީން ސުކޫލުގައި ހުންނަ ވޯޓު ފޮއްޓަށް އެމަނިކުފާނު ވޯޓުލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވި ނަމަވެސް މާ ދިގުކޮށް ވާހަކަފުޅުނުދައްކަވައެވެ.

ރައީސް އެދިވަޑައިގަތީ ހުރިހާ ރައްޔިތުންވެސް މިއަދު ކުރިއަށްދާ ވޯޓުލުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިފަހަރުގެ އިންތިޚާބުގައި މަޖިލީހަށް ޖުމްލަ 93 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު 93 ދާއިރާއަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއިން 130 ކެންޑިޑޭޓުންނަކީ އެއްވެސް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނެވެ.

މި އިންތިޚާބުގައި 283،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،661 އަންހެނުންނެވެ. މި އިންތިޚާބަށް ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕުކުރިކަމަށް އީސީން ބުނެއެވެ.

ފޯނާއި އަތްދަބަސްފަދަ ތަކެތި ވޯޓުލާ މަރުކަޒުތަކަށް ވެއްދުން މަނާކޮށްފައިވެއެވެ. ވޯޓުލާ މަރުކަޒަށް ވެއްދޭނީ ކަޅު ނުވަތަ ނޫ ގަލަމެއް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓުން ހުރިހާ ދާއިރާއަަކަށްވެސް ވާދަކުރާއިރު ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު ތާއީދުކުރައްވާ އެމަނިކުފާނަށް އެއްބާރުލުންދޭނެ މެންބަރުން މަޖިލީހަށް ހޮވިއްޖެނަމަ މިހާރަށްވުރެ ސަރުކާރުގެ ދުވެލި ހަލުއިކުރެވި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް މަގުފަހިވާނެ ކަމަށެވެ.



More from Naares