ރައްޔިތުންގެ މަޖިލިސްގެ ސުޕަރ މެޖޯރިޓީ ޕީއެންސީ ނަގައިފި

Sun, 21 Apr 2024 11:05 PM

View on this article on Naares

ރައްޔިތުންގެ މަޖިލިސްގެ ސުޕަރ މެޖޯރިޓީ ޕީއެންސީ ނަގައިފި



ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ނަގައިފިއެވެ.

ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން މިއަދު ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ. ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، މަޖިލީހުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައެވެ.

ޕީއެންސީން އެ އަދަދަށް ގޮނޑި ކާމިޔާބުކުރައްވާފައިވާއިރު، އެ ޕާޓީގެ ޓިކެޓުގައިނުލައި އަމިއްލަ ގޮތުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އެމްޑީއޭގެ ޓިކެޓުގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ވެސް ކާމިޔާބުކޮށްފައިވަނީ އޭރު ވެރިކަންކުރި އެމްޑީޕީންނެވެ. އެ ފަހަރުގެ އިންތިޚާބުގައި 75 އިންސައްތައާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ހޯދީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީންނެވެ. އެ ޕާޓީން ޖުމުލަ 65 ގޮނޑި އެ އިންތިޚާބުގައި ކާމިޔާބުކުރިއެވެ. އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީއަށް އެ އިންތިޚާބުގައި ކާމިޔާބުކުރެވުނީ އަށް ގޮނޑިއެވެ.

އޭގެ ކުރިން 2014 ވަނަ އަހަރު ވެސް 17 ވަނަ މަޖިލީިހުގެ މެޖޯރިޓީ ލިބިފައިވަނީ އޭރު ވެރިކަމުގައި އޮތް ޕީޕީއެމަށެވެ.

މިހާތަނަށް ސަރުކާރުގައި އޮވެ، މަޖިލީހުގެ މެޖޯރިޓީ ނުލިބުނީ އެމްޑީޕީއަށް އެކަންޏެވެ. އެއީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2009 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިޚާބުގައެވެ. އެ ފަހަރު އެމްޑީޕީއަށް މެޖޯރިޓީ ލިބިފައެއްނުވެއެވެ.



More from Naares