ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި

Sun, 21 Apr 2024 05:57 PM

View on this article on Naares

ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި

ވޯޓުލުމަށް ކަނޑައެޅި ވަގުތު ހަމަވުމާއެކު ވޯޓު ކިއުތަކާއި ފޮށިތައް އިލެކްޝަންސް ކޮމިޝަނުން ބަންދުކުރަން ފަށައިފިއެވެ.



މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ވަގުތެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ.

5:30 ވީއިރު ކިއުގައި ނެތް ފަރާތްތަކަށް އެވަގުތަށް ފަަހުގައި ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ނުދެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ވޯޓުލުން 5:30 އަށްވުރެ ފަސްނުކުރުމަށް ކޮމިޝަނުން އޮތީ ނިންމާފައެވެ.

ވޯޓުލުން ނިމުމަކަށް ގެނެސް ކިއުތައް ބަންދުކުރިއިރު މާލެ ސަރަހައްދުގައި ގިނަ ބަޔަކުވަނީ ވޯޓުލާން ނުކުމެފައެވެ. އެގޮތުން މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީ ފަދަ ބޮޑެތި އާބާދީތަކުގެ ގިނަ ބަޔަކު ވޯޓުލުމަށް ނުކުތެވެ.

އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ހިސާބުތަކަށް ބަލާއިރު ހަވީރު 4:00 އާ ހަމައަށް ވޯޓުލުމަށް ނުކުތީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އާބާދީގެ 63.73 އިންސައްތަ މީހުންނެވެ.



More from Naares