ރައްޔިތުންގެ މަޖިލީސް އިންތިޚާބު 2024ގެ ވޯޓުލުން ފެށިއްޖެ

Sun, 21 Apr 2024 08:51 AM

View on this article on Naares

ރައްޔިތުންގެ މަޖިލީސް އިންތިޚާބު 2024ގެ ވޯޓުލުން ފެށިއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓުލުން ފަށައިފިއެވެ.



ވޯޓުލުން ފަށާފައިވަނީ އާދިއްތަ ދުވަހުގެ 8:00 ގައެވެ. 5:30 އާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދާއިރު، ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވެއެވެ. ވީހާވެސް އަވަހަށް ވޯޓުލުމަށް އައުމަށް އީސީން އިލްތިމާސްކޮށްފައިވެއެވެ.

ބައެއް ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި މިހާރު ވަނީ ކިއު ޖެހިފައެވެ.

ވޯޓުލާން އަންނަ ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާއިރު، އަދި ވޯޓުގެ ހުރިހާ ކަމެއް ސުލްހަމަސަލަސް ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކެއް އެއްބާރުލުން ބޭނުންވާ ކަމަށް އީސީން ބުނެއެވެ. އަދި އެއްވެސް ފަރާތެއްގެ ހައްގު ނުގެއްލޭ ގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މަޖިލިސް އިންތިޚާބުގައި ވެސް 5000 އަށް ވުރެ ގިނަ އީސީގެ އޮފިޝަލުން މަސައްކަތް ކުރާނެ އެވެ.

މީގެއިތުރުން ކެމްޕެއިން ކުރުމާއި ކެމްޕެއިނާ ގުޅޭ އެއްވެސް ވާހަކައެއް ނުކުދެއްކުމަށް ވަނީ އެދިފައެވެ.

އިންތިޚާބުގައި ޖުމްލަ 93 ދާއިރާއެއްގެ މެންބަރުން އިންތިޚާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 181 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި އަތޮޅުތަކުގައި 319 ފޮށި އަދި ރިސޯޓުތަކުގައި 34 ފޮށި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ޖަލުތަކުގައި 5 ފޮށި އަދި ރާއްޖޭން ބޭރުގައި 3 ފޮށި ވަނީ ބަހައްޓާފައެވެ.



More from Naares