ރާއްޖޭގައި ވޭޕު ބޭނުން ކުރުން މަނާކޮށްފި

Mon, 14 Oct 2024 07:42 PM

View on this article on Muraasilu

ރާއްޖޭގައި ވޭޕު ބޭނުން ކުރުން މަނާކޮށްފި

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރަމުންދާ ބާވަތެއް ކަމަށްވާ ވޭޕު ބޭނުން ކުރުމާއި އެތެރެ ކުރުން ދިވެހިރާއްޖޭގައި މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.



ވޭޕު ބޭނުން ކުރުމާއި އެތެރެ ކުރުން މަނާ ކުރުމާއި ބެހޭ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން ބަންޑާރަ ނައިބު އަހްމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ ވަނީ، މި ނިންމެވުން ތަންފީޒު ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާކަމަށެވެ.

”އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި ދިވެހި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ،“ އެ ޕޯސްޓުގައި ވެއެވެ.

މިހާރަކަށް އައިސް ޒުވާނުންނާއި ސްކޫލު ކުދިންގެ މެދުގައި މަގުބޫލު ވަމުން އަންނަ ވޭޕާއި ދެކޮޅަށް މުޅި ދުނިޔޭގައިވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މި ގޮތުން އަވައްޓެރި އިންޑިއާއަށް ވޭޕާއި އީސިނގިރޭޓު އެތެރެކޮށް ވިއްކުމަނީ މަނާ ކަމެކެވެ. މީގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަމުންދާއިރު ވޭޕު ބޭނުން ކުރުމާއި ވިއްކުމުގައި އަންނަނީ ހަރުކަށި ފިޔަވަޅު ތަކެއް އަޅަމުންނެވެ. ރާއްޖޭގައިވެސް ބައެއް ޖަމުއިއްޔާ ތަކުން އަންނަނީ ވޭޕު ބޭނުން ކުރުން މަނާ ކުރުމަށް އެދި ސަރުކާރަށް އިލްތިމާސް ކުރަމުންނެވެ.



More from Muraasilu