މުރައިދޫގެ މުއައްޒަފުންގެ އަދަދާއި ހަރަދުގެ ތަފްސީލުވެސް ސިއްރު ކުރަން ފާސްކޮށްފި

Mon, 14 Oct 2024 01:52 PM

View on this article on Muraasilu

މުރައިދޫގެ މުއައްޒަފުންގެ އަދަދާއި ހަރަދުގެ ތަފްސީލުވެސް ސިއްރު ކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖުލީގު ރައީސް އަބްދުއްރަހީމު އަބްދުﷲ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުރައިދޫގެއަށް ދައުލަތުން ކުރާ ހަރަދާއި އަދި އެތަނުގައި މަސައްކަތްކުރާ މުއައްޒަފުންގެ އަދަދު ސިއްރު ކުރުމަށް ފާސްކޮށްފިއެވެ.



ރައްޔިތުންގެ މަޖުލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން މިގޮތަށް ނިންމީ ރާއްޖޭގެ ބައެއް މީޑިއާތަކުން އެ މައުލޫމާތު ހޯދުމަށް އެތައް ފަހަރަކު އެދުމުންވެސް އެކަން ނުކުރުމުން އެންމެ ފަހުން މަޖުލީހުގެ ސަމާލުކަމަށް ގެނައުމުންނެވެ.

ރައްޔިތުންގެ މަޖުލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީގެ) މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމު) ރިޔާސަތު ބެލެހެއްޓެވި ކޮމެޓީގެ ބައްދަލުވުންވެސް ގެންދިއައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. މި ގޮތަށް ހަމަޖެއްސީ ޕީއެންސީގެ ޕާލިމެންޓު ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އެގޮތަށް ހުށައެޅުއްވުމުންނެވެ. ކޮމެޓީ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ މުރައިދޫގޭގައި މަސައްކަތްކުރާ މުއައްޒަފުންގެ ވަނަވަރު ހާމަނުކޮށް ހަމައެކަނި އަދަދު ހާމަކުރުމަށްވެސް ހުށައަޅާފައެވެ. މެމްބަރު މުހައްމަދު ނާޒިމު (ކާނަލް ނާޒިމާއި) ގާސިމް އިބްރާހިމް ތާއިދު ކުރެއްވި މި ހުށައެޅުމަށް ޕީއެންސީގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރެއްވިއެވެ. ކޮމެޓީން ފާސްކޮށްފައިވަނީ މުރައިދޫގޭ މުއައްޒަފުންގެ އަދަދާއި، އެ މީހުންގެ މުސާރައިގެ ތަފްސީލު އަދި މުރައިދޫގެއަށް ކުރަމުންދާ ހަރަދުތައް ސިއްރު ކުރުމަށެވެ. އެ ގޮތަށް ނިންމީ ގައުމީ ސަލާމަތާއި ބެހޭ މައްސަލައެއް ކަމަށް ބުނެއެވެ. ނަމަވެސް އާއްމުންނާއި އަދި ބައެއް މީޑިއާތަކުން އަންނަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވެ މާލީ މައްސަލަތަކުގެ ހައްލެއް ހޯދުމަށް ސަރުކާރުން ޓެކްސްތައް ބޮޑުކުރަމުންދާ ދަނޑިވަޅުގައި ސަރުކާރުން ކުރަމުންދާ ހަރަދުތައްވެސް ބެލޭނެ ކަމަށް ބުނަމުންނެެވެ. ހާއްސަކޮށް ސިޔާސީ މަގާމުތަކަށް ކުރަމުންދާ ހަރަދުތަކުގެ ތަފްސީލުތައް ހާމަކުރުމަށްވެސް އަންނަނީ ގޮވާލަމުންނެެވެ.

ރައްޔިތުން މަޖުލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ ދިރިއުޅުއްވާ މުރައިދޫ ގޭ ވެރިއަކަށް ހަމަޖައްސާފައިވަނީ ނޫސްވެރިޔާ އާދަމް ހަލީމު (މުންޑޫ ) އެެވެ.



More from Muraasilu