އައްޑޫ ސިޓީގެ ހިތަދޫ މަނިކު ދަނޑުގައި ކުރިއަށްދާ ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖެ 2023ގެ ތިންވަނަ ހޮވި މެޗުން ފްރެންޑްސް ކްލަބު ބަލިކޮށް ހޯދަޑު ސްޕޯޓްސް ކްލަބް ތިންވަނަ މަގާމު ހޯދައިފިއެވެ. ހޯދަޑް ޓީމުން މިމެޗު ކާމިޔާބުކުރީ 1-2ގެ ނަތީޖާއިންނެވެ.
އީރާނުގެ ކުޅުންތެރިން ހިމެނޭ ފްރެންޑްސް ކްލަބުން މެޗު ފެށިގެން އީރާނު ކުޅުންތެރިޔާގެ އެހީގައި ހޯދަޑު ސްޕޯޓްސްގެ ގޯލަށް ނުރައްކާކުރުމަށް ކުރި މަސައްކަތް އެޓީމުގެ ކީޕަރުވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަޑެއް ކާމިޔާބުނުކުރެވިއެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ފުރަތަމަ ހަމަލާ އުފެއްދީ ފްރެންޑްސް ކްލަބުންނެވެ. އެކްލަބުގެ ހާމިދު ހޮދާއީ ފޮނުވާލި ހަމަލާ ހޯދަޑުގެ ކީޕަރު އަޝްފާގު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް، މެޗުގެ ލީޑު ފުރަތަމަ ނެގީ ހޯދަޑު ޓީމުންނެވެ. އެޓީމުގެ ގަބޭ މަތިމަތިން ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހޯދަޑު ޓީމަށް ލީޑުނަގައިދިނީ އެޓީމުގެ އާރިފެވެ. ފްރެންޑްސް ކުލަބަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ކޯނަރެއްގެ ފައިދާ ނަގާ ގޯލަށް ފޮނުވާލައިގެން ފްރެންޑްސް ކްލަބުގެ ހާމިދެވެ. ނަމަވެސް އޭގެ އެއް މިނެޓުފަހުން ހޯދަޑުން ވަނީ މެޗުގެ ނަތީޖާ 1-2އަށް ބަދަލުކޮށްލައިފައެވެ. މިއީ ހޯދަޑުގެ އިނާން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެން ކާމިޔާބުކޮށްދިން ރީތި ގޯލެކެވެ.
މި ދެ ޓީމަކީ ސެމީ ފައިނަލުން މުބާރާތުން ކެޓި ޓީމުތައް ކަމަށްވާއިރު، އެފްސީ އުސްގަނޑަ އިން ސެމީ ފައިނަލުގައި 0-2 ގެ ނަތީޖާއިން ވަނީ ފްރެންޑްސް ކުލަބު ބަލިކޮށްފައެވެ. ދެވަނަ ސެމީ ފައިނަލުގައި މައިލޯ ސިޓީ އެފްސީ އަތުން 10-1 ގެ ނަތީޖާއިން ވަނީ ފުވައްމުލަކުގެ ހޯދަޑު ސްޕޯޓްސް ކުލަބު ވަނީ ބަލިވެފައެވެ.
މި މުބާރާތުގެ ތިން ވަނަ ޓީމަށް ޖުމުލަ 30،000 ދިނުމަށްވަނީ ހަމަޖެހިފައެވެ.
The post ފްރެންޑްސް ކްލަބު ބަލިކޮށް ހޯދަޑު ސްޕޯޓްސް 3 ވަނަ ހޯދައިފި appeared first on Mikal News.