މުޅި އިގުތިސާދާ ގުޅޭ ބޮޑު މައްސަލައެއް، އެކަމަކު މުހިންމީ ވިސްނުމެއް

Tue, 22 Oct 2024 08:04 AM

View on this article on Mihaaru

މުޅި އިގުތިސާދާ ގުޅޭ ބޮޑު މައްސަލައެއް، އެކަމަކު މުހިންމީ ވިސްނުމެއް

ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން ޓޫރިސްޓުން އައުމުގެ މައިގަނޑު އެއް ބޭނުމަކީ ސާާފު، ރީތި މޫދަށް އެރިލައި ކަނޑުއަޑީގެ ޗާލުކަަމުން ހިތް އުފާ ކޮށްލަން ކަމަށް ވިޔަސް ބައެއް މީހުންގެ ފަރާތުން އެކަމަށް ހިޔަނި އެޅުމަކީ ބޮޑު މައްސަލައެކެވެ. ގަވާއިދުތައް ރަނގަޅަށް ތަންފީޒު ނުކުރެވުމާއި ކަންކަން މޮނީޓަ ނުކުރުމުގެ ގެއްލުން އޮތީ ރާއްޖޭގެ އިގުތިސާދަށެވެ. ސްނޯކެލް ކޮށްލަން ފައިބާ ގެސްޓް މީހާގެ ފުރާނަ ނެތް މަސްގަނޑާ އެކު، ރާއްޖޭގެ ޓޫރިޒަމަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ.

މި މަހުގެ މިހާތަނަށް އެކަނި ބެލިޔަސް ރާއްޖޭގެ އެކި ރަށްރަށަށް ޗުއްޓީ ހޭދަކުރަން ދިޔަ ހަތަރު ވަރަކަށް ޓޫރިސްޓުން ގެނބިގެން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ރާއްޖެ އަށް ޓޫރިސްޓުން އަންނަ ޗައިނާގެ ދެ ޓޫރިސްޓަކު ހިމެނެ އެވެ.

މީޑިއާ އަށް ވެސް "ސިއްރުކޮށް" އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބޭއްވުމުގެ ނަތީޖާ ވަރަށް ގޯހެވެ. ފިޔަވަޅެއް ނޭޅި އޮއްވައި ރާއްޖެއަކީ "ބިރުވެރި" މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްވެއްޖެ ނަމަ އޭގެ އަސަރު ވަރަށް ބޮޑަށް ދިވެހިންނަށް ކުރާނެ އެވެ.

"ހަމަ ކޮންމެ މީހަކު ކައިރީގައި [ފަތަން] އެނގޭނެއޭ، ފީނޭނެއޭ ފުންމާލާށޭ ނޫނީ ގަދަކަމުން ކޮށްޕާލުމަކީ މިއީ ކޮންގެން ވާނެ ކަންކަމެއް ނޫން އަސްލުގައި. އެ މީހުންނަށް މޫދު މިއީ ހަމަ އަލަށް ފެންނަ ތަނެއް. ހާސްވެއްޖެއްޔާ ނޯންނާނެ ކުރެވޭނެ ކަމެއް،" "މޫދު ބުޅާ ޑައިވިން ސެންޓަރު" ގެ ވެރިޔާ އަދި ސްކޫބާ ޑައިވިން އިންސްޓްރަކްޓަރު ޒޫނާ ނަސީމު ވިދާޅުވި އެވެ.

"އެ މީހުން ކައިރީގައި ތިބެން ޖެހޭނެ. މަތީގައި ދޯނީގައި ހުންނަ މީހާ ވެސް ޖެހޭނެ އެ ގޮވައިގެންދާ ގްރޫޕުގެ ހަރަކާތްތައް ބަލަން ހުންނަން."

މި ފަހުން ހިނގި ހާދިސާތަކާ ގުޅިގެން ކަންބޮޑުވުންތައް އޮއްސާލަމުން ޒޫނާ "މިހާރު" އަށް ވިދާޅުވީ ވޯޓާ ސްޕޯޓްސްއަކީ ރިސޯޓުތަކުގައި ވަރަށް ބަލައިގެން އޮޕަރޭޓް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ޓޫރިސްޓުންތަކެއް މޫދަށް ދިއުމަށް ފުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭގައި ވެސް މުޅިން އަލަށް މިކަހަލަ ގައުމަކަށް ޒިޔާރާތްކުރާ މީހުން ހިމެނެ އެވެ. އެހެންވީމާ، ބަޔަކު މޫދަށް ދޫކޮށްލާއިރު ވަރަށް ރަނގަޅަށް ބަލަން ޖެހެ އެވެ. އެތައް ކަމަކަށް ވިސްނަން ޖެހެ އެވެ. ޓޫރިސްޓުން ގެންދެވޭނެ އަދަދަކާއި އެ މީހުންނާ އެކު ގައިޑުން ތިބެން ޖެހޭ އަދަދެއް ކަނޑައަޅާފައި އޮންނަން ޖެހެ އެވެ.

"ރިސޯޓުތަކުގައި ވަރަށް ރަނގަޅަށް ބަަލައިގެން އޮޕަރޭޓް ކުރަމުން އައި ކަމެއް. ހާއްސަކޮށް ވަރަށް އާ މީހުން މި އަންނަނީ. އެހެންވީމާ ރަނގަޅު ރޭޝިއޯއެއް އެބަ ޖެހޭ ގެންގުޅެން، މިސާލަކަށް އެކަކު ކިތައް މީހުންތޯ ގެންދާނީ،" ޑައިވަރެއްގެ ގޮތުގައި ރިސޯޓުތަކުގައި 18 އަހަރު ވަންދެން އުޅުއްވި ޒޫނާ ވިދާޅުވި އެވެ.

ހަމަ ކޮންމެ ކޮންމެ މީހަކަށް ބަޔަކު ގޮވައިގެން މޫދަކު ނޫޅެވޭނެ. މޫދުގައި އެ ގެންގުޅޭ މީހާއަކީ މަދުވެގެން ރެސްކިއުއަށް ވުރެ މައްޗަށް ކިޔަވައިގެން ހުރި މީހަކަށް ވާންޖެހޭނެ،"--- ޒޫނާ

އެކަމަކު މި ފަހުން ހިނގައި ދިޔަ ބައެއް ހާދިސާތަކަށް ބަލާއިރު ވެސް ޓޫރިސްޓުންނަށް މާބޮޑަށް އަޅާލެވިފައި ނެތެވެ. އެ މީހުން ގޮވައިގެން ސްނޯކެލިންނަށް ދިޔަ ދޯނީގައި ފަސްޓް އެއިޑް ދެވޭނެ ގޮތެއް ނެތްއިރު ދޯނީގައި ތިބި ގައިޑުންނަކީ ވެސް ސީޕީއާރު ދޭން އެނގޭ ބައެއް ނޫނެވެ. މީހަކު ގެނބި، ފަރުވާ ބޭނުންވެފައި އޮތް ވަގުތު އެމީހުން ތިބީ ވާނުވާގަ އެވެ.

މި މައްސަލަ ފެންމަތިވެގެން ބެލިއިރު އެތަނުގެ ލައިސެންސް ވެސް އޮތީ ހަމަވެފަ އެވެ. އެހެންވެ، މިކަމުގައި އެތައް ބައެއްގެ އިހުމާލު އެބަ އޮތެވެ.

ރިސޯޓުތަކުގެ އިތުރަށް ގެސްޓް ހައުސްތައް ރާއްޖޭގައި ވަރަށް ބޮޑަށް ވައިގައި ހިފައިފައި އޮތުމުގެ ނަތީޖާއަކީ ޑައިވިން ސެންޓަރުތައް އާދަޔާ ހިލާފަށް ގިނަވުމެވެ. އެއީ ވެސް ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއަކަށް ވުމުން އެއް ރަށެއްގައި އެތައް ބައިވަރު ޑައިވިން ސެންޓަރުތައް އެބަ ހިންގަ އެވެ. ބީޗުގައި މަޑުކޮށްލާ މީހަކު ވެސް ބުނެލާއިރަށް ޑައިވިން ސެންޓަރަކުން އެ މީހާ ސްނޯކެލިން އަށް ގެންސްގޮސްފާނެ އެވެ. އެ ޓޫރިސްޓް މީހާ ގެނައި ގެސްޓް ހައުސްއަށް ވެސް ގިނަ ފަހަރު އެކަމެއް ނޭނގެ އެވެ.

މިހެން ދިމާވާން ޖެހޭ އެއް ކަމަކީ ޓޫރިސްޓް މީހާ އަށް ރަނގަޅަށް ގައިޑް ކޮށްދީފައި ނެތުމެވެ. ގެސްޓް ހައުސް އޮޕަރޭޓްކުރާ ފަރާތަށް އެންގުމެއް ނެތި އެފަދަ ކަންކަން ނުކުރެވޭނެ ކަމެވެ.

ޓޫރިސްޓުން ގޮވައިގެން ދެވޭނީ ކޮން ބަޔަކަށް ކަން ކަނޑައަޅަންޖެހޭ!

ޓޫރިސްޓުން ގޮވައިގެން މޫދަށް ދާ ގައިޑުންނަކީ އެންމެ ދަށްވެގެން ރެސްކިއު ލެވެލްގެ ސެޓްފިކެޓެއް އޮތް މީހަކަށް ވާން ޖެހެ އެވެ. ރެސްކިއު ލެވެލްގެ ގައިޑުން އަތުގައި ފަސްޓްއެއިޑް އޮތުން މަޖުބޫރެވެ. އެހެންވެއްޖެ ނަމަ ކުއްލި ހާލަތަކަށް އެ މީހުން ތިބޭނީ ތައްޔާރަށެވެ. ސީޕީއާރު ދޭން ޖެހިއްޖެ ނަމަ އެކަން ވެސް އެ މީހުންނަށް އެނގޭނެ އެވެ. ޓޫރިސްޓުން ގޮވައިދެން މޫދަށް ދެވޭނީ ކޮން ފެންވަރެއްގެ ބަޔަކަށްކަން ކަނޑައަޅަންޖެހެ އެވެ.

ޒޫނާ ވިދާޅުވި ގޮތުގައި މި ފަހުން ކުދި ޑިންގީތަކާއި ލޯންޗުތަކުގައި ވެސް ގެސްޓުން ސްނޯކެލިން އަށް ގެންދިއުމަށް ފަހު، "މޫދަށް އަޅާލާ" މަންޒަރު ފެނެ އެވެ. ޓޫރިސްޓުން ގޮވައިގެން ސްނޯކެލިން އަށް ދާ މީހުން ތިބޭނީ ލޯންޗުގައި މަޖާކުރާށެވެ. ވާނުވާއެއް ފަހަކުން ނުބަލަ އެވެ.

ދެ ޓޫރިސްޓުން މޫދުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު ލައިފްޖެކެޓާ އެކު މިގޮތަށް މޫދަށް ބޭލިޔަސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއާ އެކު، ރަނގަޅަށް މޫދުގައި އުޅެން ނޭނގިއްޖެ ނަމަ ހިތާމަވެރި ހާދިސާއެއް ވެސް ކުރިމަތިވެދާނެ އެވެ.

"ލައިފްޖެކެޓަކީ ވެސް ވަރަށް އެހެން ކަހަލަ އެއްޗެއް، ނޭނގޭ މީހަކަށް ކަމެއް ދިމާވެގެން ފުށުން ޖެހިލަން ބޭނުންވިޔަސް އޭނާއަކަށް ފުށުން ވެސް ނުޖެހެވޭނެ ރަނގަޅަށް ނޭނގޭ މީހަކަށް،" ޒޫނާ ވިދާޅުވި އެވެ.

އެހެންވެ، ޓޫރިސްޓުން މޫދަށް ބާލާއިރު އެ މީހުންގެ ގާތުގައި އަބަދުވެސް އެކަށީގެންވާ އަދަދަކަށް ގައިޑުން ތިބެންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ނަމަވެސް ކުދި ގެސްޓް ހައުސްތަކުން ހަރަދު ކުޑަކުރުމަށް ގައިޑުން ނުލައި މިފަދަ ކަންކަން ކުރަނީ އެވެ.

"ފަނަރަ މީހުން ތިރީސް މީހުން ކުދިކުދި ޑިންގީތަކުގައި ގެންގޮސް މޫދަށް އަޅާލާފައި ކައްޕި އާއި އެހެން މީހުން މި ތިބެނީ ލޯންޗުގައި. މޫދުގައި ދިމާވެދާނެ ކޮންމެ ކަމެއް ވެސް. އަކުނިވަޔަށް ދަމައިގަތަސް މީހަކު ކައިރީ ނެތިއްޔާ ނޯންނާނެ ކުރެވޭނެ ކަމެއް. ވަރަށް ކުދިކުދި ކަންކަން މިއީ. އެހެންވީމަ ގައިޑެއް ނެތި އެކަން ނުކުރުން އެންމެ މުހިއްމީ،" ޒޫނާ ތަޖުރިބާއާ އެކު ވިދާޅުވި އެވެ.

ޑައިވިންގެ ތަޖުރިކާރު ޒޫނާ ވިދާޅުވި ގޮތުގައި އޭނާގެ ޑައިވް ސެންޓަރަށް ވެސް ވަރަށް ގިނަ ޓޫރިސްޓުން ދެ އެވެ. އެކަމަކު މޫދަށް އާ ދެ މީހަކު ނަމަ އެންމެ ގައިޑަކަށް ވެސް ހިފަހައްޓާލަން އުނދަގޫ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ޗައިނާ ކަހަލަ ގައުމުތަކުން މިހާރު މި އަންނަ މީހުންނަކީ ވަރަށް މޫދަށް އާ މީހުން. އެ މީހުން އަލަށް ޓްރެވެލް ކުރަން ފަށައިގެން އެ އުޅެނީ. އަޅުގަނޑު ވެސް އޭގެ މީހުން ގެންގުޅޭތީ ވަރަށް ރަނގަޅަށް އެނގޭ އެ މީހުން އުޅޭ ގޮތް. މި އުޅެނީ ދެ މީހުން އެންމެ މީހަކަށް ވެސް ގިނަ ފަހަރަށް ގެންގުޅެން އުނދަގޫވާތީ،" ޒޫނާ ވިދާޅުވި އެވެ.

ކ. މާފުށީގައި މޫދު ހަރަކާތުގައި ބައިވެރިވާ ގެސްޓުންތަކަކަށް ގައިޑަކު އިރުޝާދުދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހެންވެ އޭނާ ވިދާޅުވި ގޮތުގައި ވަކި އަދަދެއްގެ ޓޫރިސްޓުންނާ ހަވާލުވާން ވަކި އަދަދަކަށް ގައިޑުން ތިބެންޖެހޭކަން މިހާރު ނިންމަނީ އެ މީހުން ގޮވައިގެންދާ ބައެކެވެ. އެކަން ނިންމާނީ ގެސްޓުންނާ ވާހަކަ ދައްކައި، އެއީ މޫދަށް ކިހާ ފަރިތަ ބައެއްތޯ ބަލާފައި ކަމަށް ޒޫނާ ވިދާޅުވި އެވެ.

އެކަމަކު ގަވާއިދެއް އޮންނަ ނަމަ އެކަން ކަނޑައަޅައި ހަރުކަށި ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ. މި ފަހުން ހިނގާފައިވާ ހާދިސާތަކަށް އިޝާރާތް ކުރައްވައި ޒޫނާ ވިދާޅުވީ މިއީ ފަރުވާ ކުޑަކުރުމުގެ ނަތީޖާ ކަމަށެވެ. އެހެންވެ، އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައިގެން ވިޔަސް އެކަން ތަކުރާރު ނުވާނެކަން ސަރުކާރުން ކަށަވަރުކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ވަރަށް ދެރަވާ ކަމެއް ދާއިރާ އަށް ބެލިޔަސް އިންސާނިއްޔަތު ކަމަށް ބެލިޔަސް. ހަމަ ފަހުގެ އިންސިޑެންޓުތަކުން ހަމަ ފަރުވާ ކުޑަކަމުން މިކަން މި ދިމާވަނީ،" ޒޫނާ ވިދާޅުވި އެވެ.

ސްނޯކެލިންނާ ގުޅޭ ގަވާއިދެއް، މޮނިޓާ ކުރެވޭނެ ގޮތެއް ވެސް ނެތް

އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކި އެހެން ޑައިވަރަކު ވެސް ޒޫނާގެ ވާހަކަތަކަށް ތާއީދު ކުރި އެވެ.

ރިސޯޓެއްގައި ޑައިވް ސެންޓަރެއް ވެސް ހިންގަމުން އަންނަ އެ ޑައިވަރު ވިދާޅުވީ، ރިސޯޓުތަކުގައި ސްނޯކެލިން އަށް ގެންދެވޭނީ ސެޓިފައިޑް ކެޕްޓަނުންނަށް ކަމަށާއި އޭގައި ތިބޭ ކްރޫންނަކީ ވެސް ފަސްޓް އެއިޑް އެނގޭ މީހުންނަށް ވާން ޖެހޭ ކަމަށެވެ.

"އަހަރެމެން މި މަސައްކަތްކުރަނީ ބޭރު މީހުންނާ އެކު. އެ މީހުން އޮންނަނީ މި ކަހަލަ އައުޓްސޯސް ކުންފުނިތައް ވަރަށް ސްޓްރިކްޓް ކޮށްފައި،" ޑައިވިން ދާއިރާގައި ވިއްސަކަށް އަހަރު އުޅުއްވާފައިވާ ތަޖުރިބާކާރު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ދަރިން ވެސް ވަރަށް މޮޅު ފަތަން. އެކަމަކު އެ މީހުންނަށް ވެސް ބޯޑު ދީފައި ކައިރިގައި އެބަ ތިބެން. ހަމަ އެގޮތަށް ފަތުރުވެރިންނަށް ވެސް އެކްސްޓްރާ ކެއާ ދޭން ޖެހޭނެ. އެ މީހުންނަސް އެ ސާވިސް ނުދެވެންޏާ އެ އެކްސްކާޝަން ހިންގުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން،"--- ޒޫނާ

އޭނާ ވިދާޅުވީ ރާއްޖޭގައި ޑައިވިން މިހާ ފުޅާދާއިރާއެއްގައި ކުރަމުން އަންނައިރު އެކަން މޮނިޓާ ކުރެވޭނެ ނިޒާމެއް ވެސް ނުވަތަ ގަވާނިން ބޮޑީއެއް ވެސް ނެތް ކަމަށެވެ. އެކަމާ ގުޅޭ ގަވާއިދެއް ނެތުމަކީ މި މައްސަލަ ދިމާވާ ސަބަބެވެ.

"ރިސޯޓުތަކުގައި ސްޓޭންޑަޑެއް ކަނޑައެޅިފައި މި އޮތީ ހަމައެކަނި ޑައިވިން ސްކޫލެއް ހިންގަން. ދެން ހަމަ އެ އުސޫލުން އެކްސްކާޝަން ގެސްޓް ހައުސްތަކުގައި ވެސް ހިންގާނެ ގަވައިދެއް އޮންނަން އެބަ ޖެހޭ. އެ ނެތީމާ މައްސަލަ މި އުޅެނީ. އޭރުން ގަވާއިދު ހެދީމާ މިކަހަލަ އެކްޓިވިޓީތައް ހިންގަން ކުންފުންޏެއް ރަޖިސްޓަރީ ނުވެސް ކުރެވޭނެ ހުރިހާ އެއްޗެއް ހަމަ ނުވަނީސް،" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުންތަކެއް މޫދު ކުޅިވަރުގައި ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރަށްރަށުގައި ވެސް ދިމާވެގެން އުޅެނީ އެ މައްސަލަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާރު ރަށްރަށުން ފެންނަނީ ދަތުރުފަތުރުގެ ހިދުމަތްދޭ ތަންތަނުން ޓޫރިސްޓުން ގޮވައިގެން ސްނޯކެލިން އަށް ދާ މަންޒަރު ކަމަށެވެ. އެކަމަކު، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި ހުއްދަ ނެތި އެކަން ކުރާ ނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެ މީހުންގެ ވިސްނުމަކީ ބޯޓަށް އަރުވައިގެން ގޮސް ޑެލިވަރީ ކުރުން. އެކަމަކު އެ އަށް ވުރެ ބޮޑު ޒިންމާއެއް މި އޮންނަނީ."

ޓޫރިސްޓުންނަށް އެއްވެސް މައުލޫމާތެއް ނުދީ އެ މީހުން ގޮވައިގެން ސްނޯކެލިން އަށް ދިއުމުން ހިތާމަވެރި ހާދިސާތައް އިތުރުވަނީ އެވެ. އެގޮތަށް ރަށްރަށުގައި އަމަލުކުރިޔަސް މިކަން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ތަންތަން ވެސް އެބަހުއްޓެވެ. މިސާލަކަށް ބައެއް ރިސޯޓުތަކުގައި ސްނޯކެލިން އަށް ގެންދަނީ އެ މީހުންނަށް ހާއްސަ ތަމްރީނެއް ދިނުމަށް ފަހު އެވެ.

"އަހަރެމެން ވޯޓާ ސްޕޯޓްސް އަށް ލޯބިކުރާ މީހުންނަށް ވަރަށް ޝޮކް ލިބޭ އެހެން [އިހުމާލުވުމުން މީހުން މަރުވާތީ] އިމޭޖް ކްރިއޭޓް ވީމާ. އޭރުން ވަރަށް ފަހަތަށްތާ މިދަނީ،" ނަން ހާމަނުކޮށް "މިހާރު" އާ ވާހަކަ ދެއްކި ޑައިވަރު ވިދާޅުވި އެވެ.

ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ދާއިރާއަށް ވާއިރު މިފަދަ ދެތިން ހާދިސާގެ ސަބަބުން ވެސް ރާއްޖޭގެ ނަން ކިލަނބުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެހެންވެ، ދަރިންނަށް އަޅާލާ ފަދައިން ޓޫރިސްޓުންނަށް ވެސް އޯގާތެރިކަމާއި އަޅާލުން ދޭންޖެހޭ ކަމަށް ޕްރޮފެޝަނަލް ޑައިވަރުން ގަބޫލު ކުރެ އެވެ.

"އަޅުގަނޑުމެންގެ ދަރިން ވެސް ވަރަށް މޮޅު ފަތަން. އެކަމަކު އެ މީހުންނަށް ވެސް ބޯޑު ދީފައި ކައިރިގައި އެބަ ތިބެން. ހަމަ އެގޮތަށް ފަތުރުވެރިންނަށް ވެސް އެކްސްޓްރާ ކެއާ ދޭން ޖެހޭނެ. އެ މީހުންނަސް އެ ސާވިސް ނުދެވެންޏާ އެ އެކްސްކާޝަން ހިންގުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން،" ރާއްޖޭގެ މަޝްހޫރު އަންހެން ޑައިވަރު ޒޫނާ ވިދާޅުވި އެވެ.





More from Mihaaru