ޒިޔާ މަޖިލީހުން ވަކިކޮށްފި، ތުހުމަތުތަކާ އެކު މައްސަލަ ޓްރައިބިއުނަލަށް

Mon, 21 Oct 2024 09:37 PM

View on this article on Mihaaru

ޒިޔާ މަޖިލީހުން ވަކިކޮށްފި، ތުހުމަތުތަކާ އެކު މައްސަލަ ޓްރައިބިއުނަލަށް

ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު (ޒިޔާ) ކުއްލި ގޮތަކަށް ވަކިކޮށްފި އެވެ.

ޒިޔާ މަގާމުން ވަކިކޮށްފައި ވަނީ ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުގެ ސަބަބުން ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެއީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ހާމައެއް ނުކުރެ އެވެ.

ޒިޔާ ވަނީ މިއަދު ވެސް މަޖިލީހުގެ މީޑިއާ ވަޓްސްއެޕް ގްރޫޕްގައި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. އޭނާ އެންމެ ފަހުން ގްރޫޕަށް ފޮނުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް މީޑިއާއަށް ދައުވަތު ދިނުމުގެ މެސެޖެވެ.

މީޑިއާ ގްރޫޕުން ނުކުތުމުގެ ކުރިން ޒިޔާ ފޮނުވި ދިގު މެސެޖެއްގައި ވިދާޅުވީ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު އޭނާ މަގާމުން ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

"ޕާލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް އެ ގާވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގުސަދުގައި ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހީލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެމެވެ." ޒިޔާގެ މެސެޖްގައިވެ އެވެ.

އޭނާ އެ މެސެޖްގައި އިސްވެރިންގެ ގޮތުގައި ހަތަރު ބޭފުޅެއްގެ ނަން ވެސް އާއްމުކުރައްވާފައިވެ އެވެ.

ޒިޔާ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެއީ، ކޮން ޕްރޮކިއުމެންޓްތަކެއް ކަން ސާފެއް ނުވެ އެވެ.

"ޕަލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް ރާވައިގެން އަޅުގަނޑު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނަން،" ޒިޔާ ވިދާޅުވި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި 13 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށް ފަހު، ނޫސްވެރިޔާ ޒިޔާ މަޖިލީހާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ޓީވީއެމުން އިސްތިއުފާ ދެއްވި އިރު ޒިޔާއު ހުންނެވީ އެ ސްޓޭޝަންގެ މެނޭޖަރެއްގެ މަގާމުގަ އެވެ.

މަޖިލީހުގައި އޭނާގެ މަސްއޫލިއްޔަތަކީ އެ އިދާރާގެ މީޑިއާ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުމާއި މަޖިލީހުގެ އިދާރާއިން ނެރޭ ޚަބަރާއި ނޫސްބަޔާން ތައްޔާރު ކުރުމެވެ. އަދި މަޖިލީހުގެ އިދާރާއިން ޝާއިއުކުރާ ނޫސް މަޖައްލާ ފަދަ ތަކެތި ތައްޔާރުކޮށް ޝާއިއުކުރުމުގެ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން ހިމެނެ އެވެ.





More from Mihaaru