ތަހުގީގު ބަޔާންތަކަށް އިންކާރުކޮށް، ބަލައިނުގަތުމަށް ސާހިލް އެދިއްޖެ

Mon, 21 Oct 2024 09:13 PM

View on this article on Mihaaru

ތަހުގީގު ބަޔާންތަކަށް އިންކާރުކޮށް، ބަލައިނުގަތުމަށް ސާހިލް އެދިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީ މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދިން ބަޔާންތަކަށް އިންކާރުކޮށް، އެ ބަލައިނުގަތުމަށް މިއަދު ޝަރީއަތުގައި އޭނާ އެދިއްޖެ އެވެ.

މާލޭގެ ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާތަކަށް ސާހިލް ވަކި ޖަވާބެއް ދޭން އުޒުރުވެރިވާތީ ދައުވާތަކަށް އިންކާރު ކުރީ ކަމަށް ގާޒީ ކަނޑައަޅުއްވާފައިވާ ކަމަށެވެ. ސާހިލްގެ މައްޗަށް ކުރާ ފަސް ދައުވާއާ ގުޅިގެން ވެސް ދިފާއީ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ސާހިލް މިއަދު ޝަރީއަތުގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ތަހުގީގުގައި ސާހިލް ދިން ބަޔާންތަކަށް އިންކާރު ކުރާ ކަމަށެވެ. އަދި އެ ބަޔާންތައް ޝަރީއަތުން ބަލައިނުގަތުމަށް ހުށަހަޅަން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ދައުލަތުން ވަނީ މި މައްސަލާގައި ބައެއް ހެކިންގެ ހެކިބަސް ސިއްރުން ނަގަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ސިއްރު ހެކި ހިމެނޭ ތިން ދައުވާގެ ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް މިއަދު ވަނީ ފުރުސަތު ދީފަ އެވެ.

އަނެއް ދެ ދައުވާ ކަމަށްވާ މަސްތުވާތަކެތި ބޭނުން ކުރުމާއި އޮރިޔާންކާޑް ގެންގުޅުމުގެ ދައުވާގެ އިބްތިދާއީ މަރުހަލާ ނިމުނުކަން މިއަދު ގާޒީ ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ ދެ ދައުވާގެ ޝަރީއަތުގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން އިއްވައި ހެކިބަސް ނެގުމެވެ.

މަރުގެ ބޮޑު މައްސަލައެއްގައި ދައުވާ ލިބޭ ސާހިލް އަމިއްލައަށް ދައުވާތައް ކުރިއަށް ގެންދަން ބޭނުންވާތީ ބަންޑާރަ ނައިބުގެ އޮފީހުން ހަމަޖެއްސި ދައުލަތުގެ ވަކީލް ވަނީ ދޫކޮށްލައިފަ އެވެ. ސާހިލް ވަނީ މީގެކުރިން ކޯޓުގައި ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ދައުވާ އަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރި ކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ސާހިލް އަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައި ދިނެވެ. ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުގެ ހަރަދުގައި ވަކީލުން އޭނާ އަށް އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން ނިންމި އެވެ.





More from Mihaaru