އިއްޒުއްދީން ސްކޫލް ބަންދުކޮށް، ކުދިން އެހެން ސްކޫލްތަކަށް ބަދަލުކުރަނީ! eLL Mobile Male' Optical - EuroFoari2024 Refcool Euro 2024 Score Predictor

Fri, 12 Jul 2024 03:30 PM

View on this article on Mihaaru

އިއްޒުއްދީން ސްކޫލް ބަންދުކޮށް، ކުދިން އެހެން ސްކޫލްތަކަށް ބަދަލުކުރަނީ!
                                                eLL Mobile 
                                                Male' Optical - EuroFoari2024 
                                                Refcool Euro 2024 Score Predictor

އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ވާތީ، އެ ތަން ބަންދުކޮށް، އެ ސްކޫލްގައި ކިޔަވާ ދަރިވަރުން މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި، އެ ސްކޫލްގައި ކިޔަވައި ދިނުން މި އަހަރު ހުއްޓާލަން ނިންމާފައިވާކަން މިހާރު އަންނަނީ އެކި ކުލާސްތަކުގެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކޮށް އަންގަމުންނެވެ. ސްކޫލްގެ މެނޭޖުމަންޓުން އިއްޔެ ބައެއް ބެލެނިވެރިންނާ ބައްދަލުކޮށްފައިވާއިރު، ބައްދަލުވުންތަކަށް ނުދެވޭ ބެލެނިވެރިންނާ މާދަމާ ބައްދަލުކުރާނެ ކަން ވަނީ އެނގިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އިއްޒުއްދީން ސްކޫލްގައި ކިޔަވާ ހުރިހާ ކުދިން، އެ ސްކޫލް ކުރިމަތީގައި ހުންނަ ދަރުމަވަންތަ ސްކޫލްގެ އެކި ކްލާސްތަކަށް ބަދަލުކުރާށެވެ. ނަމަވެސް، ދަރުމަވަންތަ ފިޔަވައި އެހެން ސްކޫލަކަށް ކުދިން ބަދަލުކުރަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު ދޭން އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ބެލެނިވެރިންނާ އެކު، އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިއަކު ބުނީ، އިއްޒުއްދީން ސްކޫލްގައި ކުދިން ބައިތިއްބަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ޕްރިންސިޕަލް ނާދިރާ ހަސަން ވިދާޅުވި ކަމަށެވެ.

"އެންމެ ކުއްޖަކު ހުއްޓަސް އިއްޒުއްދީން ސްކޫލްގައި ކިޔަވައިދޭނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި. އެކަމަކު، ގިނަ ބެލެނިވެރިން މިހާރު ދަނީ އެހެން ސްކޫލްތަކަށް ކުދިން ބަދަލު ކުރުމަށް ނަން ނޯޓު ކުރަމުން،" ބެލެނިވެރިއަކު ބުންޏެވެ.

އިއްޒުއްދީން އިމާރާތުގައި ލާފައިވާ ރެނދު.

އެހެން ސްކޫލްތަކަށް ކުދިން ބަދަލުކުރަން ބޭނުންވާ ބެލެނިވެރިން ނަން ނޯޓު ކުރުމަށް ދީފައިވާ އެންމެ ފަހު ގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

ބެލެނިވެރިއަކު ބުނީ، އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ދަރުމަވަންތަ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލުކުރަން ނިންމާފައިވާ ކަން ބެލެނިވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވެފައިވާ ކަމަށެވެ.

"ޕްރިންސިޕަލް ވެސް ހުންނެވީ ދަރުވަމަންތަ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ވަޑައިގަންނަވާ ގޮތަށް. އެހެންވީމާ އަޅުގަނޑުމެންގެ ކުދިން ވަކި އިއްޒުއްދީން ސްކޫލްގައި ބައިތިއްބަން ޖެހޭ ސަބަބެއް ވެސް ނުފެނޭ،" ބެލެނިވެރިއަކު ބުންޏެވެ.

އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުންކުރެވޭނީ ބޮޑު މަރާމާތަކަށް ފަހުގައި ކަމަށް އެސެސްމަންޓް ރިޕޯޓުން ވެސް ވަނީ ދައްކައިފަ އެވެ.

އިއްޒުއްދީން ސްކޫލްގެ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ބައެއްގައި ރެނދުލައިފައި ހުރުމުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަން ރައްކާތެރިތޯ ބަލަން އިންސްފާރްސްޓްރަކްޗާ މިނިސްޓްރީގެ އިންޖިނިއަރުން މެދުވެރިކޮށް މިދިޔަ މަހު އެސެސްމަންޓެއް ހަދައިފަ އެވެ. އެއާ އެކު، އެއް ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލް ބަންދުކޮށް، އެ ދަރިވަރުން ދަރުމަވަންތަ ސްކޫލަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އިއްޒުއްދީންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ އެސެސްމަންޓް ރިޕޯޓުން އެނގުނު ގޮތުގައި، އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ. އަދި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުންކުރެވޭނީ ބޮޑު މަރާމާތަކަށް ފަހުގަ އެވެ.

އެ ސްކޫލްގެ ޕީޓީއޭއާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ވަނީ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިއަކު ކުރިން "މިހާރު" އަށް ބުނީ އެއީ ވަރަށް ދުވަސްވެފައި ހުރި އިމާރާތަކަށް ވުމުން އެތަން ބޭނުންކުރަން ވަރަށް ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭ ކަމަށެވެ. މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކުރެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް މިނިސްޓްރީއާ ހަވާލާދީ އޭނާ ބުންޏެވެ.

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. ފަހުން އެތަނުގައި މަންދު ކޮލެޖާއި އެމްއެންޔޫގެ ކެމްޕަސްއެއް ވެސް ހިންގި އެވެ. އެތަނުގައި އިއްޒުއްދީން ސްކޫލް ހިންގަން ފެށީ 2021 ވަނަ އަހަރު އެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އެންމެ ފަހުން ވިދާޅުވެފައި ވަނީ އިއްޒުއްދީން ސްކޫލު މިހާރު ހިންގާ އިމާރާތަށް އެހެން ސްކޫލެއް ބަދަލު ނުކުރާނެ ކަމަށެވެ. އަދި އެ ތަން އެހެން ބަޔަކަށް ނުދޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.





More from Mihaaru