ޖަލަށް ޑްރަގާއި ފޯނު ވައްދާ ނެޓްވޯކުގެ ފަސް އޮފިސަރެއްގެ މައްޗަށް ދައުވާ ކޮށްފި

Fri, 23 Aug 2024 01:38 PM

View on this article on Mihaaru

ޖަލަށް ޑްރަގާއި ފޯނު ވައްދާ ނެޓްވޯކުގެ ފަސް އޮފިސަރެއްގެ މައްޗަށް ދައުވާ ކޮށްފި

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި އޮފިސަރުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 28ގަ އެވެ. ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ބެލިއިރު، މި އޮފިސަރުންގެ މައްޗަށް ތުހުމަތުވާ ހެކިތައް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މީގެ ތެރެއިން 13 މީހެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، މި މައްސަލާގައި ހިމެނޭ ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާކުރި މީހުން:

1. ޖިނާޙް އަބްދުއްރަޙީމް، ރ. އުނގޫފާރު، އައިވަރީހައުސް

2. އަލީ ހިޝާމް، ކ. މާފުށި، ބީޗްހައުސް،

3. އަލީ ނާޒިމް، ހދ. ނޭކުރެންދޫ، ތަރާނާގެ

4. މުހައްމަދު ފަތޫހު ފަތުހުﷲ، ގއ. ވިލިނގިލި، ކުއްޅަވައްގެ

5. އަލީ އަސްފާގް، ނ. ލަންދޫ، ކާމިނީގެ

މީގެ ތެރެއިން ޖިނާޙް އަބްދުއްރަހީމާއި އަލީ ހިޝާމްގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފަ އެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާ އުފުލާފައިވާ ދެން ތިބި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މިވަގުތަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި، މައްސަލާގެ ތަހުގީގު އަދިވެސް ފުލުހުން ކުރިއަށް ގެންދާތީ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

މި އޮޕަރޭޝަނަށް ފަހު ފުލުހުން ބުނެފައިވާ ގޮތުގައި، އެ ކުށް ކުރުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި އެވެ. އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.





More from Mihaaru