އާ ޕީޖީއަކު އައްޔަންކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

Fri, 23 Aug 2024 01:59 AM

View on this article on Mihaaru

އާ ޕީޖީއަކު އައްޔަންކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވިއިރު، އެ ޖަލްސާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް ވަކިކުރަން ވަނީ ފާސްކޮށްފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް އާ ބޭފުޅަކު 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަން ޖެހޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ނަން ފޮނުވަން ޖެހެނީ ރައިސުލްޖުމްހޫރިއްޔާ އެވެ. އެ ނަމާ މެދު މަޖިލީހުގެ ކޮމިޓީން ގޮތެއް ނިންމުމަށް ފަހު ޕްރޮސިކިއުޓާ ޖެނަރަލެއް އައްޔަން ކުރެވޭނީ މަޖިލީހުގެ ތަޅުމުން ވަކި ގޮތެއް ފާސްކޮށްގެންނެވެ.

މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނަރަލެއް އައްޔަން ކުރުމުގެ އިޖުރާއަތް ހިންގަން ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ. އެއީ ރައިސުލްޖުމްހޫރިއްޔާ ނަން ފޮނުވުމުން އެ ނަން އިއްވުމަށާއި ކޮމިޓީން ނިންމާ ގޮތަކާ މެދު ވޯޓަށް އެހުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދެ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް ނާޒިމް ވިދާޅެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން ޝަމީމް ވަކި ކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދެވެ. އެ މައްސަލާގައި އެކި ކަންކަމާ ގުޅޭ ގޮތުން ޝަމީމަށް ވަނީ ތުހުމަތުތަކެއްކޮށްފަ އެވެ.

ޝަމީމް ވަނީ އެ ތުހުމަތުތައް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރާއި އަށް މަސްދުވަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔައީ ގާނޫނުއަސާސީ އާއި، ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން، ތައައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއެކު، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއްވެސް ހޯދައިދިނުމެއް ނެތި ކަމަށެވެ.

ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، އޭނާ ވަނީ އިސްތިއުފާ ދެއްވިކަން މީޑިއާއާ މީގެ އިރުކޮޅެއް ކުރިން ހިއްސާ ކުރައްވައިފަ އެވެ. ނަމަވެސް، މަޖިލިހުގެ މިރޭގެ ޖަލްސާގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ވޯޓާ ހަމައަށް ދިޔައިރު އެ ސިޓީ ރައީސް އޮފީހަށް އަދި މަޖިލީހަށް ވެސް ލިބިފައި ނެތް ކަމަށެވެ.





More from Mihaaru