ޝަމީމް ހާޒިރުކުރި ކޮމިޓީ ސިއްރު ކުރި މައްސަލާގައި ދެ ފަރާތުން ހޫނު ރައްދެއް!

Thu, 22 Aug 2024 10:49 PM

View on this article on Mihaaru

ޝަމީމް ހާޒިރުކުރި ކޮމިޓީ ސިއްރު ކުރި މައްސަލާގައި ދެ ފަރާތުން ހޫނު ރައްދެއް!

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި މައްސަލާގައި އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އެއްބަޔަކު އަނެއް ބަަޔަކަށް މަޖިލިހުގެ މިރޭގެ ޖަލްސާގައި ރައްދު ދީފި އެވެ.

ޖުޑިޝަރީ ކޮމިޓީގެ ނިންމުމާ މެދު ގޮތެއް ނިންމަން މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ޝަމީމް މަގާމުން ވަކިކުރުމުގެ ކަންކަން ހިނގައި ދިޔައީ މަޖިލީހުގެ ގަވާއިދާއި އުސޫލުތަކާ ހިލާފަށް ކަމަށެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ނިންމީ އުސޫލާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްގެން ޝަމީމަށް ޖަވާބުދާރީވާން ފުރުސަތު ދިނީ، އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާ އެދިވަޑައިގެންފައިވަނިކޮށެވެ. ނާޒިލް ވިދާޅުވީ ބައްދަލުވުން ސިއްރު ކުރަން ނިންމީ އެ ކަން ކުރެވޭނެ ކަމަށް ގަވާއިދުގައި ކަމަށް ބަޔާންކުރާ އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެހެންކަމުން ކޮމިޓީގެ ރިޕޯޓްގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"ވަރަށް ސަރީހަ އިބާރާތުން މި ގަވާއިދުގައި ލިޔެފައި މި އޮތީ ކޮމިޓީތައް ސިއްރު ކުރެވޭނެ ގޮތް. މިފަދަ ހާލަތަކަށް ބަންދު ކުރެވޭނެ ކޮޓަރިއެއްގައި މިނިވަންކޮށް މަސައްކަތް ކުރަން ހުންނަ މީހަކު ގެނެސް ސުވާލުތައް ކުރުވާ، މި ފްލޯއަށް ގެނެސް މިދަނީ ހެދިފައި ހުރި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލްގެ އެ ވާހަކަތަކަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީމުބާރަކު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ޝަމީމް މަގާމުން ވަކިކުރަން ނިންމި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ގަވައިދާ އެއްގޮތަށް ކަމަށެވެ. ކޮމިޓީ ސިއްރު ކުރީ އެކަމަށް ހުށަހެޅި، އެކަން އަޣުލަބިއްޔަތު ލިބިގެން ކަމަށް ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވި ގޮތުގައި ކޮމިޓީ ސިއްރު ކުރަން ނިންމީ ޝަމީމް ފަލީހަތް ވެދާނެތީ އެވެ. މީހަކު ފަލީހަތް ވެދާނެ ހާލަތެއްގައި ބައްދަލުވުން ސިއްރު ކުރެވިދާނެ ކަމަށް ގަވައިދުގައި ބަޔާންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަމީމަށް ތުހުމަތު ކުރެވޭ މައްސަލާގައި ވަރަށް ގިނަ ބައެއްގެ ޒާތީ މައުލޫމާތު ވެސް ހިމެނޭ ކަން ހުސްނީ ފާހަގަކުރެއްވި އެވެ. ޝަމީމް މީގެ ކުރިން ކޮމިޓީ އަށް ހާޒިރުކުރި ބައްދަލުވުމުގައި ވެސް އޭނާ ބައެއް މައުލޫމާތުތައް ހާމަކުރެއްވީ ބައްދަލުވުން ސިއްރު ކުރުމުން ކަމަށް ހުސްނީ ވިދާޅުވި އެވެ.

މަޖިލިހުގެ މިރޭގެ ޖަލްސާ ފަށައި ވޯޓާ ހަމައަށް ދިޔައިރު ވެސް ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިނުގަންނަވާތީ، އެ ޖަލްސާގައި ވަނީ ޝަމީމް މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ. މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވިދާޅުވީ، ޝަމީމްގެ އިސްތިއުފާގެ ސިޓީ ވޯޓާ ހަމައަށް ދިޔައިރު ވެސް ރައީސް އޮފީހަށް ނުލިބޭ ކަމަށެވެ.

އެކަމަކު، ޝަމީމް މީޑިއާގައި ވިދާޅުވަނީ މިރޭގެ ޖަލްސާ ފެށި ފަހުން އީމެއިލް މެދުވެރިކޮށް އެ ސިޓީ ފޮނުވި ކަމަށެވެ.

މިރޭގެ ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޝަމީމް ވަނީ ޕީޖީ އޮފީހުން ނުކުމެވަޑައިގެންފަ އެވެ. އޮފީހުން ނުކުމެވަޑައިގެންނެވިއިރު، ޕީޖީ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ރަތް ދޫލައިގެ އަލްވަދާއު އެއް ޝަމީމަށް ކިޔާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.

މިރޭގެ ޖަލްސާ ފެށުމުގެ ކުރިން މީޑިއާ އަށް ދޫކޮށްލެއްވި ބަޔާނެއްގައި ޝަމީމް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އޭނާ ދޭން އޮތް ޖަވާބު، އާންމުންނަށް ނުއިވޭ ގޮތަށް ސިއްރުކުރުމަކީ، އަދުލް އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

"މިކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝަމީމްގެ ބަޔާނުގައި ވެ އެވެ.

ޝަމީމް މަގާމުން ވަކި ކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދެވެ. އެ މައްސަލާގައި އެކި ކަންކަމާ ގުޅޭ ގޮތުން ޝަމީމަށް ވަނީ ތުހުމަތުތަކެއްކޮށްފަ އެވެ.

ޝަމީމް ވަނީ އެ ތުހުމަތުތައް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރާއި އަށް މަސްދުވަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔައީ ގާނޫނުއަސާސީ އާއި، ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން، ތައައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއެކު، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއްވެސް ހޯދައިދިނުމެއް ނެތި ކަމަށެވެ.

"އަޅުގަނޑަށް ނުފޫޒު ފޯރުވުމަށް އެކި ބޭފުޅުން ސީދާގޮތުންނާއި ނުސީދާގޮތުން މަސައްކަތްކުރެއްވި ނަމަވެސް، އަޅުގަނޑުގެ މައްޗަކަށް ނުފޫޒެއް ނުފޯރުވޭނެ،" ޝަމީމް ވިދާޅުވި އެވެ.





More from Mihaaru