ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް

Thu, 25 Apr 2024 07:13 AM

View on this article on Mihaaru

ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހދ. ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަމިއްލަ ކެންޑިޑޭޓް މުހައްމަދު ރަޝީދު ވެސް ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ އޭނާ ގުޅިވަޑައިގަތީ ރޭގަ އެވެ.

،މުހައްމަދު ރަޝީދުގެ މި ނިންމެވުމާ އެކު، އަންނަ މަހުގެ 28 ގައި ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލުކުރާނެ ބޭފުޅުންގެ އަދަދު 73 އަށް އެރީ އެވެ. އަދި އެއްވެސް އެހެން ޕާޓީއެއްގެ އެހީތެރިކަމާ ނުލައި ވެސް ޕީއެންސީ އަށް ވަނީ އާ މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.

މި އިންތިހާބުގައި ޕީއެންސީ އަށް ނެގުނީ 66 ގޮނޑި އެވެ. އެކަމަކު، އިއްޔެ އެ ޕާޓީ އަށް ސޮއިކުރި ހަތް ބޭފުޅުންނާ އެކު އަދަދު 73 އަށް އެރީ އެވެ. ނަމަވެސް ޕީއެންސީން ތާއީދުކުރި ޖޭޕީ އާއި އެމްއެންޕީ އަދި އެމްޑީއޭގެ ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ މަޖިލިސް މެމްބަރުންގެ އަދަދު 74 އަށް އަރާނެ އެވެ.

އާ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފަހު، އިއްޔެ ޕީއެންސީ އަށް ސޮއިކުރެއްވި ހަތް ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު މީގެ ކުރިން ވެސް ތިއްބެވީ ޕީއެންސީގަ އެވެ. އެއީ ހުރާ ދާއިރާ ކާމިޔާބު ކުރެއްވި ޑރ. އަނާރާ ނައީމާއި މަތިވެރި ދާއިރާ ކާމިޔާބު ކުރެއްވި އަހުމަދު ޒަރީރާއި މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރާއި ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާ ކާމިޔާބު ކުރެއްވި އާޒިމް އަބްދުލް އަޒީޒެވެ.

އެ ފަސް ބޭފުޅުން އޭރު ޕީއެންސީ ދޫކުރެއްވީ އެ ޕާޓީގެ ޓިކެޓް ރަސްމީކޮށް ލިބުނު ކެންޑިޑޭޓުންގެ ބަދަލުގައި އެ ފަސް ބޭފުޅުންނަށް ތާއީދު ކުރަން ޕީއެންސީން ނިންމުމުންނެވެ.

މަޖިލިސް އިންތިހާބަށް ފަހު މިހާތަނަށް އަލަށް ޕީއެންސީ އަށް ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މުހައްމަދު ރަޝީދާއި ތިމަރަފުށި ދާއިރާ ކާމިޔާބު ކުރެއްވި އަހުމަދު ރިޔާޒެވެ.





More from Mihaaru