ފޮރުވިގެން ތިބެ ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުވިދާޅުވުން!

Sat, 04 May 2024 10:14 AM

View on this article on Mihaaru

ފޮރުވިގެން ތިބެ ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުވިދާޅުވުން!

ފޮރުވިގެން ތިބެ ނުވަތަ ރަޖިސްޓަރީ ނުކޮށް ހިންގާ ނިއުސް ވެބްސައިޓުތައް ހިންގާ ފަރާތްތަކަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް، ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ފާޑުވިދާޅުވެއްޖެ އެވެ.

އެކި މީޑިއާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހަލީލް "ޕީއެސްއެމް ނިއުސް" ގައި ވިދާޅުވީ، ކޮން ބައެއް ކަން ނޭނގޭ ގޮތަށް ފޮރުވެ ތިބެ ހިންގާ ވެބްސައިޓުތަކުން ކަނޑައެޅިގެން ބުހުތާން ދޮގުތައް ފަތުރަމުންދާ ކަމަށާއި އެ އިން ދޮގެއް، ތެދެއް ވަކި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އަށް ޑިމޮކްރެސީ ގެންނަން އުޅުނު ދުވަސްވަރު އެކި މީސްމީހުން އަޑީގައި ތިބެގެން ފޮރުވިގެން ތިބެ ވެބްސައިޓު ހިންގިޔަސް މިއީ ބޭނުން ވާހަކައެއް ބޭނުން ޓީވީ ޗެނަލަކުން އަދި އޮންލައިން މީޑިއާގައި ލިޔެވޭ ޒަމާން ކަމަށެވެ.

"ބޭނުން އާޓިކަލެއް ލިޔެވޭ ނޫންތޯ؟ ދެން އެހާ ރަނޑުކޮށް އަމިއްލަ އަށް ކޮން ބައެއް ކަން ނޭނގޭ ގޮތަށް އެއްޗެހި ލިޔެ އުޅުމަކީ، ތަންކޮޅެއް ރަނޑު ނޫންތޯ؟ އަޅުގަނޑަށް ތަންކޮޅެއް 'ރަނޑު' މި ބަސް ބޭނުންކުރެވެނީ ވެސް. ހަމަ ކެރިގެން ނުކުމެ ސަރުކާރަށް ފާޑުކިޔަންވީ ނޫންތޯ؟ ހަމަ ކެރިގެން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ފާޑުކިޔަންވީ ނޫންތޯ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކެރިގެން ނުކުމެ ސަރުކާރުން ހިންގާ ކަންކަމަށް ފާޑުކިޔަންވީ ކަމަށެވެ.

ހަލީލް ވިދާޅުވި ގޮތުގައި، މި ސަރުކާރުގައި "ބްލެކްލިސްޓް" މީޑިއާތަކެއް ނޯންނާނެ އެވެ. މިހާރު ވެސް އެ މީހަކު ބޭނުން ވާހަކައެއް ދައްކައި، ލިޔަމުންދާ ކަމަށް ވިދާޅުވި އެވެ.

"ކޮން ތާކަށްތޯ ގެންދިޔައީ؟ ކޮން ފިޔަވަޅެއްތޯ އެޅީ،" އިއްޔެ ފާހަގަކުރި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި އިންޓަވިއުގައި ހަލީލް ވިދާޅުވި އެވެ.





More from Mihaaru