ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ވެސް ދަށަށް

Sat, 04 May 2024 02:14 PM

View on this article on Mihaaru

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ވެސް ދަށަށް

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، އަނެއްކާ ވެސް ދަށަށް ހިނގައްޖެ އެވެ.

ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ، މިވަގުތު ޑޮލަރުގެ އަގު ހުރީ 17.30ރ. އާއި 17.65ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ. މިއީ މި އަހަރު ފެށުނު ހުރި އަދަދަށް ވުރެ 30 ލާރި އާއި 20 ލާރި ކުޑަ އަދަދެކެވެ.

މި އަހަރު ފެށުނު އިރު ޑޮލަރުގެ އަގު ހުރީ 17.70ރ. އާއި 18ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ޑޮލަރުގެ އަގު އެހާ ބޮޑަށް ދަށްވީ ބާޒާރުގައި ދައުރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާތީ ކަމަށް އެ ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

ޑޮލަރުގެ އަގު ދަށްވި އިރު ބޮޑެތި އަދަދުތަކުން ޑޮލަރު ގަންނަ ފަރާތްތަކަށް މިވަގުތު 17.20ރ.-17.10ރ. އަށް ވެސް ޑޮލަރު ލިބެ އެވެ.

"މިދިޔަ އިންތިހާބުގެ [މަޖިލީސް އިންތިހާބު] ގެ ތެރޭ ޑޮލަރުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔަ. އަނެއްކާ ވެސް ކުޑަކޮށް އުފުލިފައި މިހާރު. އެކަމަކު މި އަހަރު ކުރީ ކޮޅު ހުރި ވަރަށް ވުރެ ދަށް،" ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

ޑޮލަރުގެ އަގު ދަށަށް ދިޔަ އިރު، ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި އަހަރު އެވްރެޖުކޮށް ދުވާލަކު 6،400 ޓޫރިސްޓުން އާދެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 12 ޕަސެންޓުގެ އިތުރުވުމެކެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ޑޮލަރުގެ އަގު 20ރ. އަށް ވެސް އެރި އެވެ. އެއަށް ފަހު ޑޮލަރުގެ އަގު އުޅުނީ 17.30ރ. އާއި 18.15ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ޑޮލަރަށް ބަރޯސާވާ ވަރު ކުޑަ ކުރުމަށާއި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ދާދި ފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލު ކުރަން މަރުކަޒީ ބޭންކް އެމްއެމްއޭއާ އެކު އަންނަނީ ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ.





More from Mihaaru