ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްލޭ އޭރިއާއެއް މިއަދު ހުޅުވަނީ

Sat, 04 May 2024 01:04 PM

View on this article on Mihaaru

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްލޭ އޭރިއާއެއް މިއަދު ހުޅުވަނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ބޭނުން ކުރެވޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅޭ ސަރަހައްދެއް ކުޑަކުދިންގެ ބަގީޗާގައި ގާއިމްކޮށްފި އެވެ.

ރޮޓަރީ ކްލަބް އޮފް މާލެއިން ގާއިމް ކުރި މި ކުޅޭ ސަރަހައްދު ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ފަހެއް ޖަހާއިރު އެވެ.

އެ ކްލަބްގެ ފަރާތުން ވާހަކަ ދެއްކެވި އާދިޔާ ޝުކޫރު "މިހާރު"އަށް ވިދާޅުވީ، ރޮޓަރީ ކްލަބުން މިކަމަށް އިސްނެގީ މިހާރު ބޭނުން ކުރަމުންދާ އެއްވެސް ޕާކެއްގައި ނުކުޅެންތެރިކަން ހުންނަ ކުދިންނަށް ވަކިން ބޭނުން ކުރެވޭ އިކުއިޕްމެންޓްސް ނުހުންނާތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ހަދާފައި ހުރި ކުޑަކުދިންގެ ޕާކުތަކަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަދެވޭނެ ގޮތް ގާއިމްކޮށްފައިވީ ނަމަވެސް، އެ ކުދިންނަށް ބޭނުންވާ އިކުއިޕްމެންޓު ނެތުމަކީ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެހެން ކުދިންނާ ކުޅެވޭނެ ގޮތަށް ތަކެތި ގާއިމްކޮށްފައި ޕްލޭ އޭރިއާއެއް މި ހުޅުވަނީ،" އާދިޔާ ވިދާޅުވި އެވެ.

ރޮޓަރީ ކްލަބުން މިއަދު ހުޅުވާ ކުޅޭ ސަރަހައްދުގައި ފުރޮޅުލީ ގޮނޑީގައި ތިބޭ ކުދިންނަށް އެހެން ކުދިންނާ އެކު ތިބެވޭނެ ގޮތަށް ހަދާފައިވާ ކެރެސޯލަކާއި އިށީނދެ ނުތިބެވޭ ކުދިން ބާއްވައިގެން ހެއްލާ ފަދަ އުނދޯއްޔާއި ބެލެނިވެރިޔާ އެއް ފަރާތުގައި އިނދެގެން ބޭނުން ކުރެވޭނެ އެހެން އިކުއިޕްމެންޓްސް ހުންނާނެ ކަމަށް އާދިޔާ ވިދާޅުވި އެވެ.

އާދިޔާ ވިދާޅުވީ، ރޮޓަރީ ކްލަބްގެ އުންމީދަކީ މިފަދަ އެހެން ޕާކުތައް ރާއްޖޭގައި ގާއިމް ވެގެން ދިއުން ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ކްލަބްގެ ފަންނީ އަދި އެހެނިހެން އެހީތެރިކަން ލިބޭނެ ކަމަށެވެ.

ރޮޓަރީ ކްލަބަކީ އެ ކްލަބެއް ހަރަކާތްތެރިވާ މުޖްތަމައުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކްލަބްތަކެކެވެ. އެ ކްލަބުން މީގެ ކުރިން ވަނީ ބައެއް ރަށްރަށުގައި ފެންޕްލާންޓާއި އެހެނިހެން ބޮޑެތި އެހީތައް ވެފަ އެވެ.





More from Mihaaru