ކެންސަރުގައި ޑރ. ރަމްޝާގެ އާދަޔާ ހިލާފު ހިތްވަރު

Sat, 04 May 2024 09:01 AM

View on this article on Mihaaru

ކެންސަރުގައި ޑރ. ރަމްޝާގެ އާދަޔާ ހިލާފު ހިތްވަރު

ކެންސަރުގައި މަންމަ އުފުލި ވޭން އެންމެ ރަނގަޅަށް ކައިރިން ފެނުނު އެކަކަކީ ދޮށީ އަންހެން ދަރިފުޅު އާމިނަތު ރަމްޝާ އެވެ. މަންމަ އަަށް އޯވަރީ ކެންސަރު ޖެހިފައިވާކަން އެނގުމާއެކު އުމްރާގެ އަޅުކަން ކުރުކޮށްލުމަށްފަހު ރަމްޝާ އަވަހަށް މާލެ ވަޑައިގެން، ދިޔައީ މަންމަ ގޮވައިގެން އިންޑިއާއަށެވެ.

އެ ތަނުގައި ފަރުވާ ފެށުމަށްފަހު ވަކި ހިސާބަކުން މާލެ އައިސް، އައިޖީއެމްއެޗްގައި އަދާކުރަމުން ދިޔަ މެޑިކަލް އޮފިސަރުގެ ވަޒީފާއިން ބޮޑު ޗުއްޓީއެއް ނަންގަވައިގެން މަންމައާއެކު ރަމްޝާ ވެސް ބަދަލުވީ ބެންކޮކަށެވެ. އެ ފަރުވާގައި އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން 2013 ވަނަ އަހަރު މަންމަ ނިޔާވުމުން ދުވަސްކޮޅެއް ފަހުން ރާއްޖެ ވަޑައިގެން، ރަމްޝާ އަނެއްކާ ވެސް ބެންކޮކަށް ވަޑައިގަތީ ކަރުން މަތީގެ ޑޮކްޓަރަށް ހާއްސަވެ، އަނބުރާ ގައުމަށް ވަޑައިގެން ހިދުމަތް ކުރެއްވުމުގެ އުއްމީދުގަ އެވެ.

ފަސް ބެއިންގެ އާއިލާގައި އެންމެ ދޮއްޓަށް ހުރި މުހައްމަދު ރަސްލާން ބުނިގޮތުގައި، ރަމްޝާއަކީ އެންމެ ކުޑައިރުއްސުރެ ވެސް ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދުށް ބޭފުޅެއް ކަމަށެވެ. ތައުލީމީ އާއިލާއަކަށް ވުމުން، ކޮންމެ ވެސް އެއް ކުއްޖަކު ޑޮކްޓަރަކަށް ވުމަށް މަންމަ އާއި ބައްޕަ ދެކެމުން ދިޔަ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހުނީ ޕާކިސްތާނުގެ ބަކާއި މެޑިކަލް ޔުނިވާސިޓީން 2009 ވަނަ އަހަރު ރަމްޝާ ގްރެޖުއޭޓުވުމާއެކުގަ އެވެ.

އޭރުއްސުރެ އެ އާއިލާ އިންތިޒާރު ކުރީ ސްޕެޝަލިސްޓަކަށް ވެގެން ރަމްޝާ، 42، ގެ ހިދުމަތް ގައުމަށް ލިބޭނެ ދުވަހަކަށެވެ. އެކަމަކު، މެއަށް ތަދުވާތީ ހެދި ޓެސްޓުތަކުން އޯވަރީ ކެންސަރުގެ ތިން ވަނަ ސްޓޭޖުގައިކަން އެނގުނީ ކިޔަވަމުން ދަނިކޮށެވެ. އެ އުނދަގޫ ހާލަތުގައި ވެސް ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކަށް ވެ، 2020 ވަނަ އަހަރު ގްރެޖުއޭޓްވި އެވެ.

ރަމްޝާއާ އަހަރެއްގެ ތަފާތު ހުންނަ ރަސްލާން ބުނާގޮތުން ކޮއްކޮއަކީ ކިތައްމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވިއަސް ކުރަން ބޭނުންވާ ކަމެއް ހާސިލްކުރާނެ ބޭފުޅެކެވެ. އެމްބީބީއެސް އަދި މާސްޓާސް ހެދުމަށް އޭނާ އެ ކުރެއްވި މަސައްކަތަކީ އެއް ހެއްކެވެ. އަބަދު ވެސް ބޭނުންވީ އެހެން މީހުންގެ ވޭނަށް ލުއެއް ގެނެސްދޭށެވެ.

"ރަމްޝާއަކީ ޗެލެންޖުތައް، އެ އަންނަ ކަމަކަށް ނުބަލާ އެ ކަމެއް އޭނާ ކުރާނީ. ވަރަށް ޗެލެންޖިންކޮށް ޖާނީ ފެށުނީ. ޕާކިސްތާނުގައި އެމްބީބީއެސް ހެދި ދުވަސްވަރަކީ އުނދަގޫ ދުވަސްވަރެއް. ކިޔަވަމުން އެހެން ކަންތައްތަކާ އެކު ވެސް އުޅެމުން އެކަން ކުރީ." ރަސްލާން ބުންޏެވެ.

ރަމްޝާ، ކެންސަރު ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާއާއެކު.

"ވަރަށް ފެމިލީ ވާނެ، ވަރަށް ކޮންސާން ގިނަ ވާނެ މީހެއްގެ ކަމެއްގައި. މިސާލަކަށް، ބޭބެ މިއަދު މި އުޅެނީ ބަނޑަށް އުނދަގޫވާތީއޭ، ބޭބެ އަވަހަށް މިކަންތައް މިހެން ކުރާށޭ. އަޅުގަނޑުގެ ރައްޓެއްސެއްގެ ކަމެއްގައި އައިސް ވާހަކަދެއްކިއަސް އޭނަ ބޭނުންވާނެ އެކަމެއް ހޯދައިގެން ސަޖެޝަން ދޭން. އަސްލު ރަމްޝާ، ރަމްޝާއަށް ވަނީ މިހެން ވީމަ. މެޑިކަލްގައި ޕަބްލިކް ސާވިސް ދިނީ."

އޭނާ ބުނީ ބަލީގައި ފަސް ވަރަކަށް އަހަރު އުޅުއްވި އިރު ވެސް ގައިގައި އެޅި ވޭންތަކަށް ދުވަހަކު ވެސް ޝަކުވާއެއް އަދި އެންމެ ކުޑަމިނުން ތަދުވާ ވާހަކައެއް ވެސް ވިދާޅު ނުވާ ކަމަށެވެ. ކޮވިޑާއެކު ދުނިޔެ ބަންދުކޮށްފައި އޮތް ދުވަސްވަރު އާއްމުންގެ މެދުގައި މަގުބޫލުވި ކްލަބްހައުސްގައި ކެންސަރަށް އާއްމުން ހޭލުންތެރިކުރުވަން އެތައް މަސައްކަތެއް އަދި ބައްޔަށް ފަރުވާ ވެސް ހޯއްދަވަމުން، އެހެން މީހުންނަށް ދިޔައީ ހިތްވަރު ދެއްވަމުންނެވެ.

ކޮންމެ ހާލަތެއްގައި ވެސް އޭނާ ބެލީ އަމިއްލައަށް ކަމެއް ކޮށްދެއްވޭތޯ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ރަމްޝާ އަވަހާރަވި އިރު ވަނީ ސާޖަރީއަކަށް ތައްޔާވެފަ އެވެ. ނަމަވެސް، އިންފެކްޝަން ގިނަވުމުން އޮޕަރޭޝަން ނުކުރެވުމާއި އެ ބަލީގައި ނިޔާވި މަންމަ އަދި އޭގެ ފަހުން މާމަ އުޅުނު ހާލަތު ފެނުމުން މެޝިންގެ އެހީގައި އޮންނަން އޭނާ ދެން ބޭނުން ނުވީ އެވެ.

"އެއްވެސް ޝަކުވާއެއް، އެއްވެސް ޝަކުވާއެއް އެ ދިޔަ ޓައިމްގައި އެ ބަލިވެ އުޅުނުއިރު އެއްވެސް ޝަކުވާއެއް އެއްވެސް މީހެއް ކައިރީގައި ނުކުރޭ. ތަދުވެއޭ، މިހެން ވެއޭ، ބައެއް ފަހަރަށް ބުނެލާނެ ބޭބެއޭ، ކުޑަކޮށް ވާހަކަދައްކަން އުނދަގުލޭ، އޯކޭހެއްޔޭ މަޑުމަޑުން ވާހަކަދައްކާލިއަސް. ބެޑުގައި އޮވެފައި ވެސް، ރަމްޝާގެ އަމިއްލަ ކަންތައް އޭނާ ބޭނުންވާނީ އަމިއްލައަށް ކުރަން. ގެއަށް މީހަކު އަޔަސް އޭނާ އަމިއްލައަށް އެއްޗެއް ހަދާފައި ދޭން ބޭނުންވާނެ ކިތައްމެ ބަލިވެ އުޅުނަސް." ރަސްލާން ބުންޏެވެ.

"އެންމެން ޑިޕެންޑުވެފައި ހުރި އޭނާއަށް. ރަމްޝާގެ ސަޖެޝަން ނުލާ ނުކުރާނެ އެއްވެސް ކަމެއް."

ރަމްޝާ، އީއެންޓީއަށް ސްލެޝަލައިޒްވުމަށް ކިޔަވަމުން ދިޔައިރު ނެގި ފޮޓޯއެއް.

ކީމޯތެރަޕީއާ ރޭޑިއޯ ތެރަޕީ ނެގިއަސް ރަމްޝާ ދިޔައީ ބެންކޮކުގައި ކަރުންމަތީގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އެ ފަރުވާތަކުން ހާލަތަށް ލުއެއް އަޔެވެ. އެކަމަކު، ހަށިގަނޑުގެ ތެރެއަށް ކެންސަރު ފެތުރި، ފާއިތުވި ދެ ހަފުތާގެ ތެރޭގައި އޭނާގެ ހާލަތު އިތުރަށް ގޯސްވި އެވެ.

ރަސްލާން ބުނީ ކޮއްކޮއާ އެންމެ ފަހުން ވާހަކަދެއްކި ދެއްކި ދުވަހު ވެސް ދެއްވީ ހެޔޮ ނަސޭހަތް ކަމަށެވެ.

"ކުރިން ހަމަ އަމިއްލައަށް ތެދުވެ، ހިނގާ އުޅެވޭ. އެކަމަކު، ވާހަކަ ނުދެއްކި ދެ ހަފުތާ ވި ފަހުން އެ ނިޔާވީ. އެންމެ ފަހުން ވާހަކަދެއްކި ދުވަހު ވެސް ބުނީ ކެތްކުރަން ވާނެއޭ، ދުއާކުރަން ވާނެއޭ، ހުރިހާ އެންމެންނާ މައާފުކުރަން ވާނެއޭ. މަންމައާ ކޮއްކޮއާ އަބަދު ވެސް އެއްގޮތް ކަންތައްތަކެއް ހުންނާނެ. އަބަދު ވެސް ބުނާނެ ބޭބެއޭ، ނުރޮއްޗޭ، ކެތްކުރަން ވާނެއޭ. މަންމަ ނިޔާވި ފަހުން ދައްތަ ވިސްނަނީ އެއީ ދެން ތިބި އެއްބަނޑު އެއްބަފާ ކުދިންގެ މަންމައޭ. އެ ކަހަލަ ގޮތަކަށް ހުންނާނީ. އަބަދު ވެސް ހެޔޮ ނަސޭހަތް ދޭނެ." ރަސްލާން ބުންޏެވެ.

ދުވުމުގައި ވެސް ގައުމީ ފެންވަރުގައި ފާހަގަކޮށްލެވުނު ރަމްޝާ ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގަންނަވަ އެވެ. އެންމެ ފަހުން، މިދިޔަ އަހަރުގެ ފަހުކޮޅު ހަފުތާއަކަށް ރާއްޖެ ވަޑައިގެން، އާއިލާ އަދި ރައްޓެހިންނާ ބައްދަލުކުރައްވާ ހެެއްދެވި އެވެ.

"ކޮއްކޮއަކީ ވަރަށް ހިތްވަރު ގަދަ އަންހެނެއް، ވަރަށް ހިތްވަރު ގަދަ. ގަބޫލުނުކުރެވޭ، ހީވެސް ނުކުރާ ވަރަށް. ބަލި ނުފެނި އެހެން މީހުންނަށް ސިމްޕަތައިޒްވެ، އެހެން މީހުންގެ ކަންކަމުގައި ކަންބޮޑުވާ މީހެއްގެ ގޮތުގައި ފާހަގަކުރެވެނީ." ރަސްލާން ބުންޏެވެ.

އެ އާއިލާއިން ބުނީ ރަމްޝާ އެންމެ ބޭނުންވީ ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކަށް ވެ، ދިވެހިންނަށް ހިދުމަތްކުރާށެވެ. އެ ކަން ހަގީގަތަކަށް ނުވިއަސް، ރަމްޝާގެ ދިރިއުޅުމުން އެތައް ބަޔަކަށް ހިތްވަރެއް ހިތްވަރެއް ލިބެ އެވެ.

"ރަމްޝާ އަބަދު ވެސް ބުނާ އެއްޗެއް ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން ބޭނުންވާ ވާހަކަ."





More from Mihaaru