ހަ ބޭފުޅުންގެ ޝަރުތު އުންޏެއް ނުވޭ، ޕާޓީ ބަދަލުކުރަން ފުރުސަތު ލިބޭ: ހަބީބު

Wed, 24 Apr 2024 05:47 PM

View on this article on Mihaaru

ހަ ބޭފުޅުންގެ ޝަރުތު އުންޏެއް ނުވޭ، ޕާޓީ ބަދަލުކުރަން ފުރުސަތު ލިބޭ: ހަބީބު

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީއެންސީން ވަކިވުމަށް ފަހު، އަލުން މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކެންޑިޑޭޓުންގެ ގާނޫނުއަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށާއި އަދި މިހާރު މަޖިލިހުގެ ކޮންޓްރޯލް އޮތް އެމްޑީޕީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނާ ވެސް ހިލާފު ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު އިސްމާއިލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މިނިވަން މެމްބަރުންގެ ގޮތުގައި ހޮވިވަޑައިގަތުމަށް ފަހު، ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ދެއްކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގައި އެކި ފަހަރު މަތިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހަބީބު ވިދާޅުވީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ އެއްވެސް ޝަރުތެއް އެ ހަ ބޭފުޅުންގެ އުނި ނުވާ ކަމަށެވެ.

އެހެން ނޫނަސް އޭނާ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި 63 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އަދި 73 ވަން މާއްދާގެ (ބ) އާ ހިލާފަށް އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއް ގާނޫނަކުން އުނު ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުން އަމިއްލަ އަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެމްޑީޕީގެ މެމްބަރުން އިސްވެ، އެންޓި ޑިފެކްޝަންގެ ގާނޫނު ކުއްލި ގޮތަކަށް މި މަހުގެ 1 ގައި ފާސްކުރި ނަމަވެސް އެ ގާނޫނުން ވަރަށް ގިނަ މައްސަލަތައް ގާނޫނީ ބޭފުޅުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

ޕީއެންސީއާ މިއަދު ގުޅިވަޑައިގެންނެވި ހަ ބޭފުޅުން ރައީސް މުއިއްޒާ އެކު ފޮޓޯއެއް ނަންގަވަނީ: މި ހަ ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު ކުރިން ވެސް ތިއްބެވީ ޕީއެންސީގައި.

އޭގެ ތެރެއިން އެއް ކަމަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ޝަރުތުތައް އުނިވާނެ ޝަރުތުތައް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު، ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް ގާނޫނުގައި ހިމަނާފައި ވުމެވެ. އެހެންވެ، އެންޓި ޑިފެކްޝަން ގާނޫނު، ގާނޫނުއަސާސީއާ ހިލާފު ކަމަށް ގާނޫނީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ޕީއެންސީ އަށް އަލުން ސޮއިކުރެއްވި މެމްބަރުންގެ އެ ނިންމެވުމަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ، އެންޓި ޑިފެކްޝަން ނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ ބޭފުޅަކު ވެސް އަންނަ މޭ 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން މެންބަރު އިސްތިއުފާ ދޭން ޖެހޭ އެއް ހާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތެވެ.

އެކަމަކު، އާ މަޖިލިހުގެ ދައުރު ފެށޭނީ އަންނަ މަހުގެ 28 ގަ އެވެ. އެހެންވެ، އެންޓި ޑިފެކްޝަންގެ ގާނޫނު އޮތަސް ޕާޓީތައް ބަދަލުކުރުމުގެ ފުރުސަތު ބަންދެއް ނުވެ އެވެ.

ޕީއެންސީއާ މިއަދު ގުޅިވަޑައިގެންނެވި ހަ ބޭފުޅުން:

- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް

- މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު

- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު

- ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް

- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ

- ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާ މިއަދު ގުޅިވަޑައިގެންނެވި ހަ ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު ކުރިން ވެސް ތިއްބެވީ އެ ޕާޓީގަ އެވެ. މިއަދު ސޮއިކުރެއްވި ހަ ބޭފުޅުންގެ ތެރެއިން ޕީއެންސީ އަށް އާ ބޭފުޅަކީ އަމިއްލަ ގޮތުން ތިމަރަފުށި ދާއިރާ އަށް ވާދަކުރެއްވި އަހުމަދު ރިޔާޒެވެ. އަނެއް ފަސް ބޭފުޅުން ޕީއެންސީން ކުރިން ވަކިވެވަޑައިގަތީ ރަސްމީކޮށް ޕީއެންސީގެ ޓިކެޓް ލިބުނު ކެންޑިޑޭޓުންގެ ބަދަލުގައި އެ ފަސް ބޭފުޅުންނަށް ތާއީދު ކުރަން އެ ޕާޓީން ނިންމުމުންނެވެ.

ޕީއެންސީ އަށް މިއަދު ސޮއިކުރެއްވި ހަ ބޭފުޅުންނާ އެކު، 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ މިހާރު ވަނީ އެހެން އެއްވެސް ޕާޓީއެއްގެ އެހީތެރިކަމާ ނުލައި ޕީއެންސީ އަށް ލިބިފަ އެވެ. އާ މަޖިލިހުގައި ޕީއެންސީގެ 72 މެމްބަރަކު ތިއްބަވާނެ އެވެ.





More from Mihaaru