ޕީއެސްއެމްގެ އަހަރީ ދުވަހު ކުރީގެ މޫނުތައް

Sat, 04 May 2024 07:40 AM

View on this article on Mihaaru

ޕީއެސްއެމްގެ އަހަރީ ދުވަހު ކުރީގެ މޫނުތައް

ދައުލަތުގެ މީޑިއާ ޓީވީއެމްގެ ނިއުސް ޗެނަލް، ޕީއެސްއެމްގެ ހަތްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ހާއްސަ ކަވަރޭޖެއް ގެނެސްދިން އިރު ކުރީގެ އާ މޫނުތައް ވެސް ބައިވެރިވެއްޖެ އެވެ. އެ ކަވަރޭޖު އެންމެ ބޮޑަށް ހާއްސަވީ، ޓީވީއެމްގައި ނިއުސް އެންކަރުންގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މަޝްހޫރު ބައެއް ބޭފުޅުން ޕީއެސްއެމްގެ އިއްޔެގެ ޚަބަރު ގަޑިތަކުގައި ޚަބަރު ކިޔުމުންނެވެ.

އޭގެ ތެރެއިން އެއް ބޭފުޅަކީ އަހުމަދު ޝަކީބް (ޝަކީއްބެ) އެވެ. ޕީއެސްއެމްގެ 8 ގެ ޚަބަރު ވިދާޅުވީ އެވެ. ޝަކީބް ވިދާޅުވި ގޮތުގައި، އޭނާ އެކަން މި ކުރެއްވީ 15 އަހަރު ފަހުންނެވެ. ދެން ފެނުނު އެންމެ ހާއްސަ ތަރިއަކީ ޓީވީއެމްގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދި މަރިޔަމް ވަހީދާ (މަރީ) އެވެ. މިހާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް ހުންނެވީ މަރީ އިއްޔެގެ މެންދުރު 2 ގެ ޚަބަރާއި ރޭގެ 7 ގެ އިނގިރޭސި ޚަބަރު ވިދާޅުވީ 13 އަހަރު ފަހުންނެވެ.

މަރީ އިއްގެ މެންދުރު ދޭއްގެ ޚަބަރު ވިދާޅުވަނީ.

ޓީވީއެމްގެ ޚަބަރުގެ އިތުރުން އޭރު މަޝްހޫރުވި ގިނަ ޝޯތަކެއް ވެސް ޝަކީއްބެ އާއި މަރީ ހުށަހެޅުއްވި އެވެ. އޭގެ ތެރެއިން އެއް ޝޯ އަކީ ކޮންމެ ރޯދަމަހު ގެނެސްދިން "ފުރުސަތުގެ ފުރުސަތު" އެވެ. ޝަކީއްބެ އާއި މަރީއަކީ އެތައް ބައެއްގެ ލޯބި ހޯއްދެވި އަދި ޕްރެޒެންޓް ކުރެއްވުމުގައި ގިނަ ބަޔަކު ނަމޫނާއަކަށް ނަގާ ދެ ބޭފުޅުންނެވެ.

ޕީއެސްއެމްގެ މިހާރުގެ ޓީމުގެ ބައެއް މެމްބަރުން ޝަކީއްބެއާ އެކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ޕީއެސްއެމް

އިއްޔެގެ ޚަބަރު ގަޑިތަކުގައި ޚަބަރު ވިދާޅުވި އެހެން ބޭފުޅުންގެ ތެރޭގައި ޓީވީއެމްގައި ކުރިން މަސައްކަތް ކުރެއްވި ހަސަން ޒިޔާއު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރެވެ. އޭނާ އިއްޔެ ޚަބަރު ވިދާޅުވީ ހަތް އަހަރު ފަހުންނެވެ. ޒިޔާއު ވަނީ ކުރިން ޓީވީއެމްގެ އިސް ބައެއް މަގާމުތައް ވެސް ފުރުއްވައިފަ އެވެ.

ޒިޔާއު އިއްޔެ ޕީއެސްއެމްގެ ޚަބަރު ވިދާޅުވަނީ.---ފޮޓޯ: ޕީއެސްއެމް

ކުޅިވަރުގެ ޚަބަރު ހުށަހެޅުއްވީ ކުރީގެ މަޝްހޫރު ޓީވީ ކޮމެންޓޭޓަރު އަދި ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން އެވެ.

މަޝްހޫރު ނޫސްވެރިޔާ އަލީ ސުލައިމާން ވެސް ވަނީ އިއްޔެގެ ޕީއެސްއެމަށް ޚަބަރު ކިޔައިފަ އެވެ. މިހާރު އަމިއްލަ ސްޓޫޑިއޯއެއް ވެސް ހިންގަމުން އަންނަ އަލީ ސުލައިމާން ޓީވީއެމްގައި އުޅުނީ މީގެ 16 އަހަރު ކުރިންނެވެ.





More from Mihaaru