ގިނަ އަދަދެއްގެ ޑްރަގާއި ރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި

Wed, 24 Apr 2024 10:45 AM

View on this article on Mihaaru

ގިނަ އަދަދެއްގެ ޑްރަގާއި ރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ޑްރަގާއި ރަލާ އެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ތިން މީހުންނަށް ވެސް ބަންދުގެ މުއްދަތު ދީފަ އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ؛

1. އިބްރާހިމް ހަލީލް، 43، ހ. މެހެލިގެ، މާލެ

2. ހަސަން ޝާފިއު، 41، ގ. ގޮއިދޫގެ، މާލެ

3. އަހްމަދު ނަޒީފް ނިޔާޒް، 31، މ. ރުބިކަން، މާލެ

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ބެއްލެވި މި މައްސަލައިގެ ކޯޓު އަމުރުގައި ބުނީ އެ ތިން މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް ބެލެވޭ މިންވަރުގެ ހެއްކާއި ގަރީނާ ފުލުހުން ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ތިން މީހުން ތިބި އެޕާޓްމަންޓުން މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށެވެ. އަދި ފެނުނު ތަކެތީގެ ބަރުދަނުގައި ކިލޯއަކަށް ވުރެ ގިނައިން ހުރި ކަމަށް ކޯޓު އަމުރުގައިވެ އެވެ.

އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެވެ.

ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓް އަދި ސީނުގެ ފޮޓޯ ރިޕޯޓެއް ވެސް ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކުރި އިބްރާހިމް ހަލީލްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ދީފަ އެވެ. ސީނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށް ކޯޓުގައި އެއްބަސްވެ އަދި ސީނުގައި ހުރެ ވެސް މި ތަކެއްޗަށް އޭނާ ޒިންމާ ނަގާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

އެ އެޕާޓްމަންޓުގެ ތަޅުގަނޑި އޭނާގެ އަތުގައި އޮންނަ ކަމަށާއި އެތަނަށް ވަދެއުޅޭ ކަމަށް ވެސް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.

މި މައްސަލާގައި ހައްޔަރުކުރި ހަސަން ޝާފިއުގެ ބަންދަށް ކްރިމިނަލް ކޯޓުން ދިނީ 20 ދުވަހެވެ.

އޭނާ އަކީ ބިޑި ބޮއެ އުޅޭ މީހެއް ނަމަވެސް ސީނުން ފެނުނު ތަކެއްޗަކީ އޭނާގެ އެއްޗެހި ނޫން ކަމަށާއި އެތަނުގައި އޭރު އެހެން ބަޔަކު ތިބި ކަމަށާއި އަދި އެތަނަކީ އެހެން މީހުންނަށް ވަދެވޭ ތަނެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހަސަން ޝާފިއު ބުނެފައިވެ އެވެ.

"މީނާގެ އަތުން ފެނުނު ފައިސާ އަކީ މީނާގެ ފައިސާ ކަމަށާއި މީނާ އަކީ އަމިއްލަ މަސައްކަތް ކުރާ މީހެއް ކަމަށާއި މަސައްކަތްކުރާ ސާމާނު ކޮޓަރީގައި ހުންނާނެ ކަމަށާއި އަދި މީނާ އަކީ ކުލީގެ ގޮތުގައި ވެސް ފައިސާ ލިބޭ މީހެއް ކަމަށާއި މަހެއްގެ މައްޗަށް 40،000 ހަކަށް ރުފިޔާ ލިބޭ ކަމަށް ބުނި،" ކޯޓުގައި އަމުރުގައިވެ އެވެ.

މި މައްސަލާގައި ހައްޔަރުކުރި ތިންވަނަ މީހާ ކަމަށްވާ އަހްމަދު ނަޒީފް ނިޔާޒްގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ދިނީ 20 ދުވަހެވެ.

ކޯޓު އަމުރުގައި ބުނީ އޭނާ އަކީ މާލޭގައި ހުންނަ ޕާސަނަލް ކޮމްޕިއުޓާސްގެ ވަޒީފާގައި އުޅޭތާ 10 އަހަރުވީ މީހެއް ކަމަށާއި އޭނާގެ އަތުން ފެނުނު ފައިސާ އަކީ އޮފީހުން ބޭންކަށް ޖަމާކުރަން ހަވާލުކުރި ފައިސާ ކަމަށް ބުނި ކަމަށެވެ.

"މީނާ އަކީ ހަމުގެ ސީރިއަސް ބައްޔެއް ހުންނަ މީހެއް ކަމަށާއި އުމުރުން 15 އަހަރުން ފެށިގެން މި ކަމެއް ހުންނަ ކަމަށާއި މިކަމާ ގުޅޭ ލިޔެކިޔުން ހުށަހަޅާފައިވާ ކަމަށް ބުނި،" ކޯޓު އަމުރުގައި ބުންޏެވެ.

ކޯޯޓު އަމުރުގައި ބުނީ އޭނާގެ ބަލި ހާލާއި ގުޅޭ ލިޔެކިޔުންތައް މެޑިކަލް ޓީމަށް ހުށަހަޅައި ހާލަތާ ގުޅިގެން ލުޔެއް ނުވަތަ ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭ ނަމަ އެކަން ހަމަޖައްސައިދިނުމަށް ފުލުހުން ދަންނަވާފައިވާ ކަމަށެވެ.

އޭނާ ސީނުގައި މަޑުކޮށްގެން ހުރީ ޖީއެން ސައިކަލެއް ވިއްކުމުގެ މުއާމަލާތެއް ކުރުމަށް ކަމަށާއި އެ ސައިކަލު ގަންނަ ފަރާތުން އެޕާޓްމަންޓަށް އަންނަނީ ކަމަށް ބުނުމުން އެތަނުގައި މަޑުކޮށްގެން ހުރީ ކަމަށް ޝަރީއަތުގައި މަޖިލީހުގައި އޭނާ ބުނެފައިވެ އެވެ.

ފުލުހުން ކޯޓުގައި ބުނި ގޮތުގައި، އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ.





More from Mihaaru