ޖާބިރުގެ އިސްތިއުފާގެ ސިޓީއެއް ނުލިބޭ: މަޖިލިހުގެ އިދާރާ

Sun, 05 May 2024 07:52 PM

View on this article on Mihaaru

ޖާބިރުގެ އިސްތިއުފާގެ ސިޓީއެއް ނުލިބޭ: މަޖިލިހުގެ އިދާރާ

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޖާބިރު މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އޭނާގެ ފަރާތުން މީޑިއާގައި ބުނެފައިވީ ނަމަވެސް އިސްތިއުފާ ސިޓީއެއް މިހާތަނަށް ނުލިބޭ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ޖާބިރުގެ ގާނޫނީ ވަކީލަކު މިދިޔަ ހުކުރު ދުވަހު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޖާބިރު ވަނީ އިސްތިއުފާ ދެއްވައި އެކަން މަޖިލީހުގެ އިދާރާ އަށް ވެސް އަންގައިފަ އެވެ.

އެކަމަކު، އެ ދުވަހު ވެސް މަޖިލިހުގެ އިދާރާ އިން ބުނީ ޖާބިރުގެ އިސްތިއުފާ ސިޓީ ނުލިބޭ ކަމަށެވެ. އޭގެ ފަހުން ސަރުކާރުގެ އޮފީސްތައް މިއަދު ހުޅުވުމުން އެ ސުވާލު ކުރުމުން ވެސް އެ އިދާރާ އިން ދިނީ އެ ޖަވާބެވެ.

"ޖާބިރުގެ އިސްތިއުފާ ސިޓީއެއް އަދިވެސް މަޖިލީހަކަށް ލިބިފައެއް ނެތް،" މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި އެވެ.

އެ މައްސަލާގައި ސީދާ ޖާބިރުގެ ބަހެއް އަދި ނުލިބެ އެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން 19 ވަނަ މަޖިލީހުގެ ފަހު ދުވަހަކީ މި މަހުގެ 15 އެވެ. އަދި މި މަހު 13 ގައި އެންމެ ފަހު ޖަލްސާ ބާއްވާނެ ކަން ވަނީ މަޖިލީހުން އިއުލާން ކޮށްފަ އެވެ.

މިދިޔަ މަހުގެ 21 ގައި 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން ހުވާ ކުރައްވާނީ މި މަހުގެ 28 ގަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ޖާބިރު ދެ ވަނަ ދައުރަކަށް ކާށިދޫ ދާއިރާ އަށް ކުރިމަތިލެއްވި އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުންތަޒިމް އިބްރާހިމް އެވެ.

މުންތަޒިމް 1،321 ވޯޓު ހޯދިއިރު، ޖާބިރަށް ލިބުނީ 369 ވޯޓެވެ.





More from Mihaaru