މޯލްޑިވިއަންގެ އާ އޭޓީއާރު ބޯޓު ބުރާސްފަތި ދުވަހު ގެންނަނީ

Sun, 05 May 2024 05:15 PM

View on this article on Mihaaru

މޯލްޑިވިއަންގެ އާ އޭޓީއާރު ބޯޓު ބުރާސްފަތި ދުވަހު ގެންނަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ގެންނަން ނިންމާފައިވާ ދެ އޭޓީއާރު ބޯޓުގެ ތެރެއިން އެއް ބޯޓު އަންނަ ބުރާސްފަތި ދުވަހު ރާއްޖެއަށް ގެނެވޭނެ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

މިއީ އެއާލައިނުން ބޭނުން ކުރާނެ ހަތަރު ވަނަ އޭޓީއާރު ބޯޓެވެ. ފްރާންސްގެ ޓޫލޫޒް އިން ފުރައިގެން އަންނަ އެ ބޯޓު ތިން ދުވަހުގެ ތެރޭގައި ރާއްޖެއަށް އަންނަ އިރު އެ ބޯޓުން 42 މީހުން އުފުލޭނެ އެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އެއީ "ބްރޭންޑް ނިއު" ބޯޓެއް ކަމަށެވެ.

މޯލްޑިވިއަން އިން އެންމެ ފުރަތަމަ އޭޓީއާރު މަރުކާގެ ބޯޓެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެންމެ ފުރަތަމަ ގެނެސްފައިވަނީ 72 މީހުންގެ ޖާގައިގެ ދެ ބޯޓެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އޭޓީއާރްގެ 42 މީހުންގެ ޖާގައިގެ ބޯޓެއް ގެނެސް ބޭނުން ކުރަން ފަށައިފަ އެވެ.

އޭޓީއާރު ބޯޓުތައް ބޭނުން ކުރަނީ އެ އެއާލައިންގެ ޑޮމެސްޓިކް ދަތުރުތައް ކުރުމަށެވެ. މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ 15 ވަރަކަށް ޑޮމެސްޓިކް އެއާޕޯޓަށް ދަތުރުތައް ކުރަމުންނެވެ. އެ އެއާލައިންގެ ފްލީޓު ބާވެ، ބޯޓުތައް އާ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ.

މޯލްޑިވިއަން އެއާލައިންގެ ޓްވީޓު

އެ އެއާލައިނުން ވަނީ ބޮއިން 787-8 މަރުކާގެ އެއާކްރާފްޓެއް ހަ އަހަރަށް ކުއްޔަށް ނަގަން ބޭނުންވާ ކަމަށް އިއުލާނުކޮށްފަ އެވެ. މިއީ 250 ސީޓުގެ މަތިންދާބޯޓެކެވެ. އެ ސައިޒުގެ ވައިޑް ބޮޑީ އެއާކްރާފްޓް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އަލަށް ގެންނަ އެއާކްރާފްޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 15 ބޯޓު އިތުރުވާނެ އެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ ބޯޓުތައް ވެސް ހިމެނެ އެވެ.





More from Mihaaru