އިނާޔަތާއެކު އީސީގެ މެމްބަރުންނަށް ރިޓަޔާވެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހު އުވާލައިފި

Sun, 05 May 2024 03:27 PM

View on this article on Mihaaru

އިނާޔަތާއެކު އީސީގެ މެމްބަރުންނަށް ރިޓަޔާވެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހު އުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަން ދެ ދައުރު އަދާކޮށްފައިވާ ނަމަ އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހު މިއަދު އުވާލައިފި އެވެ.

އީސީން މިއަދު ކުރި އިއުލާނުގައި ބުނީ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދެވޭ ގޮތަށް ކޮމިޝަންގެ ގަވާއިދަށް މިދިޔަ ފެބްރުއަރީ މަހު ގެނައި ބަދަލު ބާތިލްކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން، އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވީ އެ އުސޫލު ބާތިލްކުރީ ފިނޭންސް މިނިސްޓްރީން އެންގުމުން ކަމަށެވެ.

"މިނިސްޓްރީން އެންގީ އީސީގެ މެމްބަރުންގެ މުސާރައާ އިނާޔަތް ކަނޑައަޅަނީ މަޖިލީހުންނޭ، އެހެންވީމަ މިގޮތަށް ގަވައިދަށް ބަދަލެއް ނުގެނެވޭނެ ކަމަށް. މިނިސްޓްރީން އެގޮތަށް އެންގިއިރު ވެސް މި ގަވައިދަށް އަމަލެއް ނުކުރޭ." ހަސަން ވިދާޅުވި އެވެ.

އެ އުސޫލުގައިވާ ގޮތުން، ރިޓަޔާކުރުމުގެ ދަރަޖައާ އެކު ވަޒީފާ އިން ވަކިކުރެވޭނީ އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ އެވެ. ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އީސީގެ ކޮމިޝަނަރަކަށް އައްޔަން ކޮށްފި ނަމަ، ރިޓަޔާކުރާއިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ވެސް ހިމަނައިގެންނެވެ.

ނަމަވެސް، ކޮމިޝަންގެ މެމްބަރަކު ރިޓަޔާވާއިރު އުމުރުން 55 އަހަރުވާކަށް ނުޖެހޭނެ އެވެ. އެ ކޮމިޝަނަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ މުޅި އުމުރަށް ލިބޭ އިނާޔަތްތަކާ އެކު ރިޓަޔާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބުންޏެވެ.

އެ އުސޫލުގެ ދަށުން ރިޓަޔާ ކުރާއިރު، އެއްފަހަރާ ގަނޑުކޮށް ދޭ ފައިސާ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށް ވާ ފައިސާ އެއްފަހަރާ އެ މީހަކަށް ލިބޭނެ އެވެ. އަދި މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓު ޕޭގެ ގޮތުގައި ދޭންވާނެ އެވެ.

ނަމަވެސް، އެ މީހަކު ހިދުމަތްކުރި އަހަރު 15 އަހަރަށް ވުރެ އިތުރުވެފައިވާ ނަމަ ގަނޑުކޮށް އެއްފަހަރާ ފައިސާ ދިނުމުގައި ބަލާނީ 15 އަހަރަށެވެ.

މިނިވަން މުއައްސަސާތަކުން ވަނީ އެ ކޮމިޝަންތަކުގެ މެމްބަރުންނަށް ރިޓަޔާމަންޓު ޕެކޭޖެއް ހަމަޖައްސައިދިނުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަދި އެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.





More from Mihaaru