ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް ނުނަގާނަން: ޝަފީގު

Wed, 24 Apr 2024 10:25 AM

View on this article on Mihaaru

ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް ނުނަގާނަން: ޝަފީގު

ބަޖެޓަށް ބޭނުންވާ ފައިސާ ހޯދާނީ ދައުލަތަށް އެންމެ ލުއި ގޮތްތައް ބަލައިގެން، ބުރަ ބޮޑު ނުވާނެ ގޮތަކަށް ކަމަށް ފިނޭންންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް ލޯނު ނަގާނީ ވެސް ދައުލަތުގެ ދަރަނި އަށް ބުރަ ބޮޑު ނުވާނެ ގޮތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ހޯދުމަށް އިއުލާން ކުރުމުން ބޭރުގެ މާލީ ގިނަ އިދާރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"މާލީ ބައެއް އިދާރާތަކުންނާއި ޕްރައިވެޓް ޕާޓީތަކުން ވެސް އެޕްރޯޗު [ޝައުގުވެރިކަން] ކޮށްފައި އެބަހުރި. އެކަމަކު އަޅުގަނޑުމެން އެއްވެސް ކަމެއް، ނިންމުމެއް ނިންމާނީ އެންމެ ފައިދާވާނެ ގޮތަށް. ވަރަށް ހައި ކޮސްޓްގައި [ބޮޑު އިންޓްރެސްޓް ރޭޓުގައި] ބޮރޯ ކޮށްގެން އިތުރަށް ބޭނުމެއް ނޫން، ސަސްޓެއިން ނުކުރެވޭ ގޮތަށް މިކަން ގެންދާކަށް،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ 550 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ހޯދަން ނިންމާފައިވަނީ ބޮންޑެއް ވިއްކައިގެންނެވެ. ބާކީ ހުރި އަދަދުތައް ހޯދާނީ ފައިނޭންސިން އެހެން އިންސްޓްރޫމަންޓްތަކަށް ހާއްސަ ކޮށްގެންނެވެ.

އާމްދަނީ އަށް ވުރެ ރިކަރަންޓް ހަރަދުތައް ވެސް މި ހުންނަނީ ބޮޑުކޮށް. ސަރުކާރު ހަވާލުވި އިރު ހުރި ބޮޑެތި އަދަދުތަކެއް ޕޭކުރަން އެބަހުރި. އެހެންވީމާ އެ އަދަދުތައް ވެސް ޕޭ ކުރަމުން އަންނަނީ،"--- ޝަފީގު

ދައުލަތަށް ލުއި ގޮތްތައް ބަލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރާ އިރު އާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ލިބުނީ 10 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) އެވެ. އެ ފައިސާ ހޭދަކުރަނީ ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަށެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކުރަން ޖެހެނީ ސަރުކާރުން އަމިއްލަ ފަރާތްތްކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށެވެ.

އޭނާ ވިދާޅުވީ، 10 މިލިއަން ޑޮލަރަކީ ކުރަން ޖެހޭ ހަރަދާ ބަލާ އިރު ކުޑަ އަދަދަކަށްވާ އިރު، މިހާރު ދައުލަތުން ކުރާ ހަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާއަކީ މި އަހަރުގެ ފުރަތަމަ ދެ މަހުގެ އާމްދަނީ، ހަރަދަށް ވުރެ ކުޑަކޮށް، އާމްދަނީ އިން ބައެއް ޕެންޑިން ބިލްތައް ދެއްކުމަށް ހޭދަކުރުން ކަމަށް ވިދާޅުވި އެވެ.

"އާމްދަނީ އަށް ވުރެ ރިކަރަންޓް ހަރަދުތައް ވެސް މި ހުންނަނީ ބޮޑުކޮށް. ސަރުކާރު ހަވާލުވި އިރު ހުރި ބޮޑެތި އަދަދުތަކެއް ޕޭކުރަން އެބަހުރި. އެހެންވީމާ އެ އަދަދުތައް ވެސް ޕޭ ކުރަމުން އަންނަނީ،" ޝަފީގު ވިދާޅުވި އެވެ.

ދަރަނި އަދާކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ އިރު، ދައުލަތުގެ ޖުމްލަ ދަރަނި މިހާރު ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.





More from Mihaaru