އަޅުގަނޑުގެ ފޯކަސްގައި އޮތީ ނަތީޖާ ނެރުން އެކަނި: ރައީސް

Fri, 19 Apr 2024 11:06 PM

View on this article on Mihaaru

އަޅުގަނޑުގެ ފޯކަސްގައި އޮތީ ނަތީޖާ ނެރުން އެކަނި: ރައީސް

ރައްޔިތުންނަށް ވައުދުވެވަޑައިގަތް ގޮތަށް ވައުދުތައް ފުއްދަވައި ނަތީޖާ ނެރެދެއްވުމަކީ އަމާޒު ކަމަށާއި އެ ނޫން އެ ނޫން އެއްވެސް ކަމަކަށް ފޯކަސް ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ އަށް ގޮނޑި ސަރުކާރަށް ހޯދައިދީފި ނަމަ، ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ނަތީޖާ އެކަނި ނެރެދިނުމަށް ފޯކަސް ކުރާ ސަރުކާރެއް އަޅުގަނޑު ބޭނުން ވަނީ ހިންގަން. އެންމެ ދުވަހެއް ވެސް އެންމެ ގަޑިއިރެއް ވެސް މި ސަރުކާރަކުން ބޭކާރެއް ނުކުރަން. -- ރައީސް

ރައްޔިތުންނަށް ހުރިހާ ވައުދެއް ވެސް ވެވަޑައިގަތީ އިހްލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ ނިޔަތުގައި ކަމަށާއި އެހެންކަމުން އެމަނިކުފާނަށް މުހިންމުވާ ކަމަކީ ހަމައެކަނި ނަތީޖާ ނެރެދިނުން ކަމަށް ވިދާޅުވި އެވެ.

"ނަތީޖާ އެކަނި ނެރެދިނުމަށް ފޯކަސް ކުރާ ސަރުކާރެއް އަޅުގަނޑު ބޭނުން ވަނީ ހިންގަން. އެންމެ ދުވަހެއް ވެސް އެންމެ ގަޑިއިރެއް ވެސް މި ސަރުކާރަކުން ބޭކާރެއް ނުކުރަން، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ނޫނިއްޔާ އަޅުގަނޑުމެންގެ އެއްވެސް ބޭފުޅަކު ވަގުތެއް ހޭދައެއް ނުކުރައްވަވާ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފޯކަސްގަ އޮތީ ނަތީޖާ އެކަނި. އެ ނޫން އެއްވެސް ކަމެއް ނެތް. އެހެންވީމަ ނަތީޖާ ނޫންތޯ ރައްޔިތުން، ތަރައްގީގެ ނަތީޖާ، ގައުމަށް ހަމަޖެހުން އައުމުގެ ނަތީޖާ، މި ގައުމަށް މިނިވަންކަން ޔަގީން ވުމުގެ ނަތީޖާ. އެއީ ނޫންތޯ ރައްޔިތުން ބޭނުންވެގެން އުޅޭ ކަމަކީ."

ރައީސް ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ވިސްނާފައިވާ ކަންކަމަށް ހުރަސްއަޅާ ބަޔަކު މަޖިލީހަށް އިންތިހާބު ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ރައްޔިތުންގެ އަތުގައި މިހާރު އޮތް ރަނުގެ ފުރުސަތަކީ ނަތީޖާ ނެރެދޭނެ ސަރުކާރަކަށް އެއްބާރުލުން ދިނުމުގެ ފުރުސަތު ކަމަށެވެ.

އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި އިވެންޓް -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އައްޑޫ ސިޓީއަށް ވެސް ސަރުކާރުން ގިނަ ވައުދުތަކެއްވެފައިވާއިރު، އެ ހުރިހާ ކަމެއް ވެސް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރަށް މިވީ ފަސް މަހުގެ ތެރޭގައި މަޖިލީހުގެ އެއްބާރުލުމެއް ނެތި ވެސް ކަންކަން ކޮށްދީފައިވާނެ އެވެ. މުހިންމު ގިނަ ކަންކަން ފަށާފައިވާކަން ރައީސް ފާހަގަކުރައްވަމުން ވިދާޅުވީ މުޅި ރާއްޖޭގައި ވެސް ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ އައްޑޫ ބްރިޖްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފަށާނަން. ނަތީޖާ. ނަތީޖާ. ނަތީޖާ ނޫން އެއްޗެއް އަޅުގަނޑަށް މުހިންމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން އަށް ކެންޑިޑޭޓުން ހޮވަންވީ. ވަގުތު ބޭކާރުކޮށްލާނެ ކަމެއް ނެތް. ދެވަނަ ވިސްނުމެއް ސިކުނޑިއަށް ގެންނާނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން މާލެއާ އެއް ފެންވަރަކަށް އައްޑޫ ސިޓީ ތަރައްގީ ކުރަން، އިރާދަކުރެއްވިއްޔާ ކޮށްދޭނަން މި ފަސް އަހަރުގެ ތެރޭގައި."

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގޮނޑިތައް ސަރުކާރަށް ދީފި ނަމަ، ވަރަށް ބާރު ސްޕީޑްގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރަށް ހުރިހާ ވައުދެއް ފުއްދަވައިދެއްވާނެ އެވެ. މަޖިލީހުގެ 93 ދާއިރާއަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިފި ނަމަ ހަގީގަތުގައި ވެސް ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި އިވެންޓްގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އޭގެ ބަދަލުގައި އަބަދުވެސް ބަދަލު ހިފުމުގެ ރޫހު އޮތް ބަޔަކު އިންތިހާބުކޮށްފި ނަމަ، ފެންނާނީ ދެކޮޅުވެރިކަމާއި ހަމަނުޖެހުމާއި ޖެއްސުން ކުރުމާއި ހުރަސް އެޅުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ޒިންމާއަކަށް ވަނީ އެހެންވެ ކަމަށާއި ގައުމުގެ މުސްތަގުބަލު ގުޅިފައިވަނީ ވޯޓާ ކަމަށެވެ.

"މި ފާހަގަ ޖެހުމުގައި އިސްކުރަންވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެ އެކަމުގައި ރެ އާއި ދުވާލު ހޭދަކުރަމުންދާ ސަރުކާރަކަށް ފުރުސަތު ދިނުމުގެ މަސްލަހަތު. މި ގައުމުގައި ހަމަޖެހުން ގާއިމް ކުރުމުގެ މަސްލަހަތު އިސްކުރަންވީ،" ރައީސް ވިދާޅުވި އެވެ.





More from Mihaaru