ގާ ހުދުވުމުގެ މައްސަލަ ބޮޑުވާތީ ބިން ހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އެދިއްޖެ

Thu, 02 May 2024 08:12 PM

View on this article on Mihaaru

ގާ ހުދުވުމުގެ މައްސަލަ ބޮޑުވާތީ ބިން ހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އެދިއްޖެ

ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވަމުން ދާތީ ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ މަޝްރޫއުތައް މަޑުޖައްސާލަން މެރިން ރިސާޗް އިންސްޓިޓިއުޓުން މިއަދު އެދިއްޖެ އެވެ.

ފިޝަރީޒް އެންޑް އޯޝަސް ރިސޯސަސް މިނިސްޓްރީގެ ދަށުން ހިންގާ އިންސްޓިޓިއުޓުން ނެރުނު ބަޔާނުގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވާ ގާ ހުދުވުމުގެ މައްސަލައަކީ މުޅި ދުނިޔޭގެ ހުރިހާ ކަނޑަކަށް އަސަރު ކުރާނެ ކަމެއް ކަމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ) އިން ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން، މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގާ ހުދުވި ހަތަރު ވަނަ ފަހަރު އަދި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދުނިޔެއަށް ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވި ދެވަނަ ފަހަރު ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ ދިވެހިންގެ ދިރިއުޅުމާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިފައި ވާއިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން މެދުވެރިވާ ހާދިސާތަކުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށެވެ. އެއީ، ފަރުތަކުގެ މައްޗަށް ބަރޯސާވާ ޓޫރިޒަމާއި މަސްވެރި ކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް ބުންޏެވެ.

ރާއްޖޭގައި އެހާ ބޮޑަށް ގާ ހުދުވުމުގެ ފުރަތަމަ މައްސަލަ 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، އެ ފަދަ ހާދިސާތައް ހިނގާ މިންވަރު އަވަސް ވަމުންދާ ކަމަށާއި މިހާރު ވެސް އެ ފަދަ މައުލޫމާތުތައް ލިބެމުންދާ ކަމަށް ބުންޏެވެ.

އެތަނުން ބުނިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ފަރުތަކުގެ ގާ ހުދުވުމަށްފަހު އަލުން އިއާދަ ވާމިންވަރު އަވަހެވެ. އެކަމަކު، މިފަދަ ދުވަސްވަރެއްގައި ހިންގޭ އިންސާނީ ހަރަކާތްތަކުން ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ އަދި ހުރަސް އެޅުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.

އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ ފަރުތަކުގެ މާހައުލަށް ވަގުތީ ގޮތުން ނަމަވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންތައްތައްކަން ބަޔާނުގައި ފާހަގަކުރި އެވެ.

"ކަނޑުތަކުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓް ކޮށްފައިވާ މި ދުވަސްވަރުގައި ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް (ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ބީޗް ނަރިޝިން ފަދަ ކަންކަން) ވަގުތީގޮތުން މަޑުޖައްސާލުމަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވެ އެވެ.

އެ އިދާރާއިން ބުނީ ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް، ނޮއާއިން ހިންގާ "ކޮރަލް ރީފް ވޮޗް" ޕްރޮގްރާމުގައި ރާއްޖެ އޮތީ ތިން ވަނަ ގިންތީގައި ކަމަށެވެ.

ގާ ހުދުވުމަށް ކުރިމަތިވާ ސްޓްރެސްއަށް ބަލައި ގާ ހުދުވުމުގެ ހާދިސާތައް ދިމާވުން އެކަށީގެންވާ މިންވަރު އަންދާޒާކޮށް ބަހާލާފައިވަނީ ތަފާތު ފަސް ގިންތިއަކަށެވެ. އެ މައުލޫމާތުގެ ބޭނުމަކީ ގާ ހުދުވުމުގެ މައްސަލަތައް ކުރިއާލައި އަންދާޒާކޮށް ފަރުތައް މޮނިޓަ ކުރުމާއި ފަރުތަކަށް ސްޓްރެސް ކުޑަކުރުމަށް ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ކޮށްދިނުމެވެ.

އެންމެ ފަހުގެ ސެޓްލައިޓް މައުލޫމާތަށް ބަލާއިރު ތ. އަތޮޅުން ދެކުނުގެ ސަރަހައްދުތަކުގައި މި ވަގުތު "އެލާޓް ލެވެލް 1"ގައި އޮތްކަމަށް ދައްކަ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި "އެލާޓް ލެވެލް 1" އަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތައް އެލާޓް ލެވެލް 2 އަށް ފޯރުން އެކަށީގެންވާ ކަމަށް ބުންޏެވެ.





More from Mihaaru