"މޯދީ އަށް ޔަގީން" އިންތިހާބު އިންޑިއާގައި ފަށައިފި

Fri, 19 Apr 2024 11:26 AM

View on this article on Mihaaru

"މޯދީ އަށް ޔަގީން" އިންތިހާބު އިންޑިއާގައި ފަށައިފި

އިންޑިއާގެ ހިންދީ ވަތަނީ ބޮޑުވަޒީރު ނަރެންދު މޯދީ އަށް ހުރިހާ ކަމެއް ފަހިކޮށް އަދި ކާމިޔާބުވާނެކަން މިހާރު ވެސް އެނގޭ ހިސާބުގައި އޮތް އާންމު އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

އާބާދީ އެންމެ ބޮޑު ގައުމުގައި ބާއްވާ މި އިންތިހާބީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު ވޯޓުލާ އިންހާބެވެ. މިއަދުން ފެށިގެން ހަ ހަފްތާގެ މުއްދަތަށް ވޯޓުލުން ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 968 މިލިއަން މީހުންނަށް ލިބިފައިވެ އެވެ.

ހިންދީން މާތް ތަނެއްގެ ގޮތުގައި ދެކޭ ގަންގާ ކޯރު އޮންނަ އަދި އެ ދީނުގެ މީހުންނަށް ހާއްސަ ހަރިދްވާރް ސިޓީގައި މިއަދު ވޯޓުލުން ފެށިއިރު ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ގިނަ އަދަދެއްގެ މީހުން ކިއޫ ހަދައިގެން ތިއްބެވެ.

އުމުރުން 73 އަހަރުގެ މޯދީ މި އިންތިހާބުގައި ތިން ވަނަ ދައުރެއް ކަށަވަރުކުރައްވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ހޯދި ކުރިއެރުންތަކާއި އޭނާގެ ވެރިކަމުގައި، ގައުމުގެ މައި ދީން ކަމަށްވާ ހިންދީންނަށް ސިޔާސަތުތަކުގައި އިސްކަންދީ އެ ދީނުގެ މީހުން އެދޭ ގޮތަށް ގައުމު ބަދަލުކޮށްފައިވުމެވެ.

މިއަދު ފެށި އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުލާން ބަޔަކު މަރުކަޒެއްގެ ބޭރުގައި ކިއޫ ހަދައިގެން. -- ފޮޓޯ: އޭއެފްޕީ

އިންތިހާބު ފެށުމާ އެކު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި. އެންމެން ވޯޓުލަށް އެދިވަޑައިގެންފައިވެ އެވެ.

"ކޮންމެ ވޯޓެއް ވެސް މުހިންމު، ކޮންމެ ފިކުރެއް ވެސް މުހިންމު."

މޯދީގެ ބާރަތިޖާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން 2014 އަދި 2019 ވަނަ އަހަރު ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށްފައި ވާއިރު މިއީ އެހެން ދީންތަކުގެ މީހުންގެ ހައްގުތަކަށް ނުބަލައި ހިންދީން ރުއްސައިގެން ކާމިޔާބުކުރި އިންތިހާބުތަކުގެ ގޮތުގައި ފެންނަން އެބަ އޮތެވެ. މިފަހަރު އިންތިހާބުގެ ކެމްޕެއިން ފެށީ ވެސް ހަރުކަށި ހިންދީންގެ އަނިޔާވެރި އަމަލުތަކާ އެކު ތަޅައި ސުންނާފަތިކޮށްލި އާސާރީ ބާބްރީ މިސްކިތް ހުރި ބިމުގައި އެޅި ހިންދީންގެ ބޮޑު ފައްޅިއެއް ހުޅުވުމުގެ ރަސްމިއްޔާތަކުންނެވެ.

އިންޑިއާގެ އާސާމް ސްޓޭޓްގެ އަވަށެއްގައި މިއަދު ވޯޓުލާން މީހުން ކިއޫގައި. -- ފޮޓޯ: އޭއެފްޕީ

އިންތިހާބުގެ ވޯޓުލުން ޖޫން 1 އާ ހަމަޔަށް ކުރިއަށް ގެންދާނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި އިންތިހާބުގައި ވޯޓު ގުނަން ފަށާނީ ހުރިހާ ހިސާބެއްގައި ވޯޓުލުން ނިމުމުން، އެއްފަހަރާ އެވެ. އާންމު ގޮތެއްގައި، ވޯޓު ގުނަން ފަށާ ދުވަހު ނަތީޖާ ވެސް އިއުލާނުކުރެ އެވެ.

އިންތިހާބު ފެށި އިރު، އިދިކޮޅު ކޮންގްރެސް ޕާޓީގެ އެތެރޭގެ މައްސަލަތައް ބޮޑުވެފައި ވާއިރު މޯދީގެ ބީޖޭޕީއާ ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކު ދައުލަތުގެ ބާރުތައް ބޭނުންކޮށްގެން ހުއްޓުވައި އެކި ދައުވާތައް ކުރުން އާންމުވެފައި ވުމަކީ މޯދީއާ ވާދަކުރެވޭނެ މާހައުލެއް ނެތުމުގެ ސަބަބެއް ކަމަށް ވެސް ވަނީ ވެފަ އެވެ. -- އޭއެފްޕީ





More from Mihaaru