އެމްޑީޕީގެ "މުސީބާތުން" ސަލާމަތްވާން ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭ: އަބްދުއްރަހީމް

Fri, 19 Apr 2024 04:41 PM

View on this article on Mihaaru

އެމްޑީޕީގެ "މުސީބާތުން" ސަލާމަތްވާން ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭ: އަބްދުއްރަހީމް

އެމްޑީޕީއަކީ ރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އެ "މުސީބާތުން" ސަލާމަތްވާން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީގެ ޓިކެޓުގައި ފުވައްމުލަކުގެ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ދިވެހިންގެ ރާއްޖެ ބިނާކުރާއިރު ސިޔާސީ ލީޑަރުންގެ ކޯޅުމުގެ ތެރޭގައި އަބަދު ތިބެވޭކަށް ނެތް ކަމަށެވެ.

ދިވެހިންނަކީ ސިޔާސީ ލީޑަރުންގެ ކޯޅުމުގައި ފަނާވެގެންދާ ބަޔަކަށް ވެވޭކަށް ނެތް ކަމަށާއި ބޭނުންވަނީ އިހުލާސްތެރި އަދި ތަފާތުކުރުން ނައްތާލާ ވެރިން ކަމަށެވެ. އެހެންވެ, އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީ އަދި ސަރުކާރު ކެންޑިޑޭޓުން ހޮވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިންގެ ރާއްޖެ ބިނާކުރަން އޮތީ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އެއީ ދިވެހިންގެ މުސްތަގިއްލު ރާއްޖެއެއް ކަމަށް ވެސް ވިދާޅުވި އެވެ. ދިވެހިންގެ ރާއްޖޭގައި ކޮންމެ މީހަކަށް އަދުލު އިންސާފާއި ހަމަހަމަކަން ގާއިމްވެގެންދާނެތީ، އެ ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑު އެއްބާރުލުމެއް ބޭނުންވާނީ މަޖިލީހުގެ ތެރެއިން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު އާއި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ އަދި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީއެންސީ

ދެކޮޅު ނުޖެހޭ ވާހަކަ ދައްކައިގެން އިދިިކޮޅު ފަރާތްތަކުން އޮޅުވާލަން މަސައްކަތްކުރިއަސް ކާމިޔާބު ނުވާނެ ކަން ރިޔާސީ އިންތިހާބުން އެނގުނު ކަމަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ ހަމަނުޖެހޭ ވާހަކަ ދައްކައިގެން ރައްޔިތުން ހައްލައިގެން ދިވެހިންގެ ރާއްޖޭގެ އަމާންކަން ނައްތާލުމުގެ ޖާގަ ދީގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެމްޑީޕީއަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ބޮޑު މުސީބާތެއް. ދިވެހިރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ހުރަހެއް. އެހެންވީމަ, އެ ހުރަސްތައް ނައްތާލައި އެ ގޮންޖެހުންތައް ގިރާކޮށް އެ މުސީބާތުން ސަލާމަތްވުމަށްޓަކައި ދިވެހިންގެ ރާއްޖޭގެ ސަރުކާރެއް ގާއިމްކުރަން, ދިވެހިންގެ ވެރިއަކު ރައްޔިތުންގެ މަޖިލީހަށް ދޭންވީ." ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.

ފާއިތުވި ފަސް އަހަރު އޭރުގެ ސަރުކާރާ ދެކޮޅަށް ރޭގަނޑާއި ދުވާލު މަގުމައްޗަށް ނުކުތީ ފަސް ހަ މީހުންނާއެކު ކަމަށާއި އޭރު ތިބީ ވަރަށް ދަތި ހާލުގައި ކަމަށް ވިދާޅުވި އެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ކަންތައް ވި ގޮތް ފެންނާނެ ކަމަށާއި ޕީޕީއެމް/ޕީއެންސީ ފިކުރު ދަމަހައްޓަން މަސައްކަތްކުރީ ކޮން ބައެއްކަން ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކުގެ ދާއިރާތަކަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުން އަދި ސަޕޯޓަރުންނާއެކު ރައީސް ޑރ. މުއިއްޒު ރޭ ރައީސް ފޮޓޯފުޅެއް ނަންގަވަނީ.-- ފޮޓޯ: ޕީއެންސީ

ނަމަވެސް, މަގުމަތީގައި އޭރު ތިބި މީހުން ފެންނަން ތިބިތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.

"ކޮބައިތޯ މިއަދު އަޅުގަނޑުމެންނާއެކު މަގުމަތީގައި އުޅުނު އެކަކު ވެސް ހުރިތޯ ފެންނަން އަޅުގަނޑުމެންގެ ވާދަވެރިންނާ ކައިރިން, ނެތޭ ފެންނާކަށް. ބޮން ގޮއްވާލި މީހަކާ އަނެއް އެއްޗެއް ހެދި މީހަކާ އަނެއް ކަމެއް ކުރި މީހަކާ އެތާގައި ތިބީ. މި ގައުމަށް އިހުލާސްތެރި އެކަކު ވެސް އެތާކު ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ވާހަކަ ދައްކަވަނީ ގައުމަށް ޣައްދާރުވާން މަސައްކަތްކުރާތީ. ދިވެހިންގެ ރާއްޖެއަށް ހިތްހަމަޖެހޭ ބަދަލެއް ގެންނަ ނަމަ މަޖިލީހަށް ސަރުކާރު ވިސްނުމުގެ ބޭފުޅުން ހޮވަންޖެހޭ."

އަބްދުއްރަހީމް ވިދާޅުވީ ތަރައްގީގެ އިންތިޒާރުގައި ފުވައްމުލަކު ރައްޔިތުން ވެސް ތިބޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ނުކުރެވުނު ކަންތައް އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި ކޮށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.





More from Mihaaru