ހެނދުނު ވޯޓުލައި ނިންމައި ތާރީހީ މޮޅެއް މާލެއިން ހޯދައިދީ: ރައީސް

Wed, 17 Apr 2024 11:08 PM

View on this article on Mihaaru

ހެނދުނު ވޯޓުލައި ނިންމައި ތާރީހީ މޮޅެއް މާލެއިން ހޯދައިދީ: ރައީސް

އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެނދުނު ހެނދުނާ ގޮސް ވޯޓުލައި، ރައްޔިތުން އެދޭ ތަރައްގީ މާލެއަށް ގެނައުމަށް ސަރުކާރުގެ 17 ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ހެންވޭރުގައި ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އެދިވަޑައިގަތީ މާލެއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ.

ރައީސް ވަނީ ހެނދުނު ހެނދުނާ ވީހާވެސް ގިނަ ބަޔަކު ގޮސް ވޯޓުލުމަށް އެދިވަޑައިގެންފަ އެވެ.

"ހުރިހާ ބޭފުޅުން ވެސް އަމިއްލަ ކަމެއްގެ ގޮތުގައި ވިސްނަވައިގެން ވޯޓުލާން ދިއުމަށް އަދި ދަންނަ ހުރިހާ ބޭފުޅުން ހެނދުނު ހެނދުނާ ގެންދިއުމަށް މަސައްކަތްކުރުމަށް، އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް އަވަހަށް ގޮސް ވޯޓުލުން ނިންމާލުމަށް. ކޮންމެހެން މާ ހަވީރު، ހިޔާވަންދެކަށް މަޑުކުރާނެ ކަމެއް ނެތް. ކުރީބައިގައި ގޮސް އަޅުގަނޑުމެން ވިން ވާވަރަށް ވޯޓުލުމަށް އަޒުމު ކަނޑައަޅަންވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ ވީހާވެސް ގިނަ ބަޔަކު ނުކުމެ ތާރީހީ މޮޅެއް ސަރުކާރަށް ހޯދައިދިނުމަށެވެ.

"އިރާދަކުރެއްވިއްޔާ މާލޭގެ ތާރީހު ބަދަލުކޮށްލައި މާލޭ ސިޓީ ކައުންސިލުގައި އަޅުގަނޑުމެންނަށް ދިން ތާއީދު އަދި އެއަށް ވުރެ ވެސް ބޮޑަށް ދެއްވަވައި، މި ތަރައްގީގެ ފިކުރަށް، މި ހަމަޖެހުމާއި ރައްކާތެރިކަމުގެ ފިކުރަށް މާލޭގެ ރައްޔިތުންނަށް ބޭނުންވެފައި އޮތް ގޯތިގެދޮރު ޔަގީންވާނެ ފިކުރަށް ވޯޓު ދެއްވައި 17 ގޮނޑިއަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހިޔާރުކޮށްދެއްވުން،"

ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައެއް ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.

ރައީސް ވިދާޅުވި ގޮތުގައި މާލެއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުންނަކީ އެމަނިކުފާނު ދަންނަ ބޭފުޅުން ކަމަށްވާތީ ތަރައްގީގެ މަސައްކަތަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.

މާލޭ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށެވެ.

އެކަމަކު ގުޅީފަޅާއި ގިރާވަރު ފަޅާއި ހުޅުމާލެއިން ލިބޭ ބިމުން އެ މައްސަލަ އެއްކޮށް ހައްލުނުވާނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ވެސް ހިއްކައިގެން އެތަނުން ވެސް ބޯހިޔާވަހިކަން ދޭން ކަމަށް ރައީސް މިރޭ ވެސް ވިދާޅުވި އެވެ. އެތަނުން މިހާރު ހުޅުމާލޭގެ ދެ ފިޔަވަހި ވަރުގެ ބިމެއް ހިއްކާނެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގުޅިފަޅުން އިތުރު 80 ހެކްޓަރާއި ގިރާވަރުފަޅުން ވެސް ފަންސާހަކަށް ހެކްޓަރު އަދި އިތުރަށް ހިއްކާނެ އެވެ.

އެހެންވެ ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވެ އެވެ. ސަބަބެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ އެހެން ޕާޓީއެއްގެ މެމްބަރަކު އިންތިހާބު ކޮށްފިނަމަ، އެ ޕާޓީތަކުން ގެންގުޅޭ ފިކުރުގެ ސަބަބުން ސަރުކާރުން ރާވާ ގޮތަށް މަޖިލީހުން ވޯޓެއް ނުލިބޭނެ ކަމަށެވެ. އެއީ މަޝްރޫއުތައް މަޑު ޖެހިދާނެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރައްވަ އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތަށް ނަގާނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި މަޖިލީހުގައި ތިބެ، ތަރައްގީގެ ޕްލޭނުތަކުގައި ހަގީގީ ކުލަ ނުޖެއްސުނު ބައެއްތޯ ނުވަތަ އެމަނިކުފާނަށް އެއްބާރުލުން ދެއްވާނެ ބައެއްތޯ ނިންމަވާނީ ރައްޔިތުން ކަމަށެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިހާބުގައި 93 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރެ އެވެ.





More from Mihaaru