ދެ ގަޑިއިރަށް ބޯކޮށް ވާރޭ ވެހި، ފޯކައިދޫ ފެނު އަޑީގައި

Tue, 30 Apr 2024 01:55 PM

View on this article on Mihaaru

ދެ ގަޑިއިރަށް ބޯކޮށް ވާރޭ ވެހި، ފޯކައިދޫ ފެނު އަޑީގައި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ށ. ފޯކައިދޫއަށް ބޯކޮށް ވާރޭ ވެހި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

ފޯކައިދޫގެ މަގުތަކުގައި ކަކުލުން މައްޗަށް ފެން ބޮޑުވެފައި އޮތްއިރު، ބައެއް ގޭގެ ސިޓިން ރޫމާއި ކޮޓަރިތަކަށް ވެސް ފެން ވަދެފައި އޮތެވެ. އަދި ގޭގައި ހިފާ ގެންގުޅޭ ސަމާނާ ވެސް ފެނުގެ އަސަރު ކޮށްފައި އޮތް މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

ށ. ފޯކައިދޫގައި ފެންބޮޑުވެ، ގެއެއްގެ ކޮޓަރިއަށް ފެންބޮޑުވެފައި.

އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު އާސިފް، "މިހާރު" އަށް ވިދާޅުވީ މިއަދު ދެގަޑިއިރު ވަންދެން ބޯކޮށް ވާރޭ ވެހުމުން މިހާރު މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

"އަދި ދެގަޑިއިރެއްހާ އިރު ވާނީ އެ ވިލާގަނޑުގައި ވާރޭ ވެހެން ފެށިތާ. މިހާރު ބައެއް ހިސާބުތަކުގައި ދެ ފޫޓު މައްޗަށް ފެން ބޮޑުވެފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ށ. ފޯކައިދޫގައި ފެންބޮޑުވެ، ބައެއް ގެތަކަށް ވަނީ ފެންވަދެފައި.

އާސިފް ވިދާޅުވި ގޮތުގައި މިހާތަނަށް ރިޕޯޓު ލިބިފައިވަނީ 15 ގެއަކަށް ފެން ވަދެގެންނެވެ. އެގޮތުން ރަށުގެ އުތުރު ސަރަހައްދުގެ ބައެއް ގެތަކުގައި ދެ ފޫޓަށް ފެން ބޮޑުވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށުގެ ދެކުނުގައި ހުރި ބައެއް ގެތަކަށް ވެސް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ.

"މިހާތަނަށް ރިޕޯޓު ލިބިފައި އޮތީ 15 ގެއަކަށް ފެން ވަދެގެން. އަޅުގަނޑުމެން މިދަނީ އިތުރަށް ބަލަމުން،"

ށ. ފޯކައިދޫގައި މަގެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި.

އެހެންވެ، ރަށު ކައުންސިލާއި ފުލުހުންގެ އިތުރުން އާންމުން ގުޅިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އާސިފް ވިދާޅުވީ ފެން ބޮޑުވި ގެތަކުގައި ހިފާ ގެންގުޅޭ ސާމާނަށް ލިބުނު ގެއްލުން ބަލަމުން އަންނަ ކަމަށާއި އެކަމުގެ މައުލޫމާތު ޑިޒާސްޓާ މެނޭޖްމަންޓަށް ވެސް ހިއްސާ ކުރަމުންދާ ކަމަށެވެ.

ރަށުގެ މަގުތަކުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެ، މިހާރު ކައުންސިލުން ދަނީ ފެން ހިއްކުމަށްޓަކައި އެކްސްކަވޭޓަރު ބޭނުންކޮށްގެން މަގެއް ކޮނެ، ރަށުގެ ކަނޑޫފަލާ ގުޅުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނާގޮތުގައި މިހާރު ރާއްޖެއަށް ކުރަމުން ދަނީ ދެ މޫސުން ބެދޭ ވިއްސާރަ އެވެ. އަދި މެއި މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ހުޅަނގު މޫސުން ފެށޭނެ އެވެ.





More from Mihaaru