65 އަހަރުން މަތީ މީހުންނަށް ދާއިމީ އައިޑީ ކާޑެއް

Tue, 30 Apr 2024 12:46 PM

View on this article on Mihaaru

65 އަހަރުން މަތީ މީހުންނަށް ދާއިމީ އައިޑީ ކާޑެއް

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން މިއަދު ބުނެފި އެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލަ ދިރާސާކުރަމުން އަންނަ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ނެޝަނަލް ރެޖިސްޓްރޭޝަންގެ ބޭފުޅުން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ނެޝަނަލް ރެޖިސްޓްރޭޝަނާ ހަވާލުވެ ހުންނެވި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް ޔޫސުފް އަބްދުއްޣަފޫރު ވިދާޅުވީ، 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކާޑުގެ މުއްދަަތަކީ ފަސް އަހަރު ކަމަށާއި އޭގެ މަތީގެ މީހުންގެ މުއްދަތަކީ 10 އަހަރުގެ ކަމަށެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ގޮތް ހަދަން ނިންމީ، މިހާރު އޮންނަ ގޮތުން ދޮށީ އުމުރުގެ ބައެއް މީހުންގެ އައިޑީކާޑު މުއްދަތު ހަމަވެ އާ ކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެމުން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރުން ވަނީ އެ ގޮތަށް އަމަލުކުރަން ފެށޭނީ ކޮން އިރަކުންތޯ ސުވާލު ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ޔޫސުފް ވިދާޅުވީ، ޑިޕާޓްމެންޓް އޮފް ރެޖިސްޓްރޭޝަނުން މިކަމުގައި ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ކަރުދާހެއް ތައްޔާރުކޮށް މިހާރު ކެބިނެޓަށް ފޮނުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ކަމުގައި އިތުރަށް ގޮތެއް ނިންމާނީ ކެބިނެޓުން ކަމަށެވެ.





More from Mihaaru