ނުރައްކާތެރި ކެމިކަލް ފެނުމުން ރާއްޖޭގައި ބޭނުންކުރާ ހަވާދުތައް ޓެސްޓުކުރަނީ

Tue, 30 Apr 2024 03:07 PM

View on this article on Mihaaru

ނުރައްކާތެރި ކެމިކަލް ފެނުމުން ރާއްޖޭގައި ބޭނުންކުރާ ހަވާދުތައް ޓެސްޓުކުރަނީ

އިންޑިއާގެ ހަވާދުގެ ދެ ބްރޭންޑަކުން ކެމިކަލް މާއްދާއެއް ފެނުމުން، ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ހަވާދު ޓެސްޓުކުރަން ސާމްޕަލް ނަގަން މިއަދު ފަށައިފި އެވެ.

އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ދިމާވި ދެ ބްރޭންޑު "އެވަރެސްޓް" އާއި "އެމްޑީއެޗް" ގެ އިތުރުން އެހެން ވައްތަރުގެ ހަވާދު ވެސް ޓެސްޓުކުރާނެ ކަމަށެވެ. ނަމަވެސް، އެ ތަކެތި ފޮނުވާނެ ގައުމެއް އަދި ނުނިންމަ އެވެ.

ސިންގަޕޫރުގެ ފުޑް އެޖެންސީ އާއި ހޮންކޮންގުގެ ސެންޓާ ފޯ ފުޑް ސޭފްޓީން ނެރުނު އެލާޓުތަކެއްގައި ވަނީ އެ ދެ ބްރޭންޑުގެ ހަވާދުން އެތިލިން އޮކްސައިޑް ކެމިކަލް ހުރިކަން ކަށަވަރުވެފައިވާކަމަށް ބުނެފަ އެވެ. އެއާ ގުޅިގެން، ރާއްޖެއިން ވެސް ވަނީ އެ ދެ ބްރޭންޑުގެ ހަވާދު ބޭނުންކުރުން މިދިޔަ ހޮނިހިރު ދުވަހު މަނާކޮށްފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބާ ހަވާލާދީ އޮފިޝަލް ވިދާޅުވީ އެވަރެސްޓް އަދި އެމްޑީއެޗްގެ ހަވާދު ވަރަށް ގިނައިން، އަދި ވަރަށް އަވަސް އަވަހަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން، ބަލްކުކޮށް ރިސޯޓުތަކަށް ވެސް ފޮނުވާފައިވާތީ، އެ ތަންތަނަށް ވެސް މައުލޫމާތު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަވާދުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފެށިއަސް، އެ ތަކެތި ފޮނުވޭނެ ދުވަހެއް އަދި ނޭނގެ އެވެ. އެމްއެފްޑީއޭއިން ބުނީ ރާއްޖޭން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގެ ކުރިން، އެހެން ގައުމަކުން އެކަމާ ގުޅިގެން އެލާޓެއް ނެރެފިނަމަ އެއަށް އަމަލުކުރާނެ ކަމަށެވެ.

އެތިލިން އޮކްސައިޑަކީ ކެންސަރު ޖެހުމަށް ވެސް މަގުފަހިވާ ކެމިކަލެކެވެ. އެމްއެފްޑީއޭ އިން ބުނީ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.





More from Mihaaru