މާދަމާ ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް

Wed, 17 Apr 2024 09:48 PM

View on this article on Mihaaru

މާދަމާ ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުމަށް މާދަމާއަށް ތާވަލުކޮށްފައިވާތީ، އެ އަޑުއެހުމުގައި އެމަނިކުފާނު މިނިވަންވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ގައްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލީހުގައި ވާދަކުރައްވާ މުހައްމަދު އަލީގެ ކެމްޕެއިނު އިވެންޓުގައި ރައީސް ވަނީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނު، 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި މައްސަލާގައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ދިގުލައިގެން ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލަ އިންސާފުވެރިކަމާ އެކު އަވަހަށް ނިންމުމަށް އެމަނިކުފާނު ވެސް ގޮވާލައްވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން އެންމެ ފުރަތަމަ ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ގޮވާލެއްވީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށެވެ. އެހެންވެ ޖެހިގެން އައި ދުވަހު އެކަން އޭރުގެ ސަރުކާރުން ކޮށްދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު ރައީސް ވިދާޅުވީ މިފަދަ މައްސަލަތަކަށް އެމްޑީޕީން ވަންނަމުންދާ ކަމަށާއި ސަބަބަކީ ޖޭއެސްސީގެ ތެރޭގައި ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޔާމީންގެ މައްސަލާގައި މިހާ ދުވަސްވީއިރު އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން ވެސް އަޅާ ނުލައި ބާއްވާފައި، އެކަން އެމްޑީޕީން ކުރަން ބޭނުންވުމުން ޝެޑިއުލްކުރެ އެވެ.

"ޖޭއެސްސީ މިއޮތީ މިހާރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް ބޭފުޅުންގެ އަތުގައި. ޖޭއެސްސީގެ ރައީސަކީ ވެސް އެމްޑީޕީގެ ބޭފުޅެއް. މަޖިލީހުގެ ރައީސަކީ އެމްޑީޕީ ބޭފުޅެއް. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ. އަދި މަޖިލީހުގެ މެމްބަރެއް ޖޭއެސްސީގައި އިންނަވާ. އެހެންގޮސް އެމްޑީޕީގެ ފުލް ބާރު ޖޭއެސްސީގައި މި އޮންނަނީ،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންއާ އެކު ރައީސް މުއިއްޒު އަދި ނައިބު ރައީސް--

"އެކަން މި ސާބިތުވަނީ މީގެ ދުވަސްކޮޅެއް ކުރިން ނޫންތޯ މަޖިލީހުގެ ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެކަން ބަލަން ޖޭއެސްސީން ހުށަހަޅާނަމޭ. ހަމަ އެވާ ހަކަ ވިދާޅުވިތާ ދެތިން ދުވަސް ތެރޭގައި މިހާރު އެ އޮތީ މާދަމާއަށް ޝެޑިއުލްކޮށްފައި. މިއޮއްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ." ޖުޑީޝަރީގައި އެމްޑީޕީގެ ކޮންޓްރޯލް އޮތް މިންވަރު ހާމަކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މައްސަލަ އިންސާފުވެރިކަމާ އެކު ނިންމައިދޭން ގޮވާލައްވާފައިވާނެ ކަމަށާއި އުއްމީދަކީ ވެސް ޔާމީން މިނިވަންވުން ކަމަށެވެ.

"އެމްޑީޕީގެ ރައީސް ބޭނުންވީމަ އެއޮތީ އެގޮތަށް އެކަންވެފައި [މާދަމާއަށް ރައީސް ޔާމީންގެ މައްސަލަ ތާވަލުކޮށްފައި]. އަޅުގަނޑު ވަރަށް އުފާކޮށްފިން އެހެންވީމަ. އަޅުގަނޑުގެ ދުއާއަކީ ރައީސް ޔާމީން މިނިވަންވެގެން އައުން، މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާއަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެމްޑީޕީން މިއަދާ ހަމައަށް ޖޭއެސްސީއަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ޖޭއެސްސީއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް އެމަނިކުފާނު ހައްދަވައިދެއްވާނެ ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކަމަށާއި އެކަމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ރައީސް ވަނީ ސަރުކާރުގެ ކެންޑިޑޭޓުން ކުރިއަށް އޮތް އިންތިހާބަށް ހޮވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ރިޓަޔާޑް ޖަޖުންނާއި މިހެން ގޮސް ސިޔާސީ އެއްވެސް ބަޔަކު އެތަނުގައި ނެތް ގޮތަކަށް ނޫނީ ޖޭއެސްސީ މިނިވަންކަމާ އެކު ނުހިންގޭނެތީ ގާނޫނު ބަދަލުކުރަން އަޅުގަނޑު ވައުދުވެފައި އޮންނާނީ،"

އެނގިފައިވާ ގޮތުގައި ޔާމީނަށް ހުކުމް އިއްވާނީ މާދަމާ މެންދުރެވެ.

ޔާމީން ޖަލަށް ލާން ހުކުމް ކުރި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ. އަދި އިސްތިއުނާފުގެ މައްސަލަ ނުނިމި ލަސްވާތީ އެމަނިކުފާނާއި ވަކީލުން ވެސް ގެންދަވަނީ ސަރުކާރަށް ފާޑުކިޔަމުންނެެވެ.





More from Mihaaru